ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 6) - ވެސްޓް އިންޑީސް އާއި އެމެރިކާގައި މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިއާ އިން ކުޅުނު ފުރަތަމަ މެޗުގައި އަށް ވިކެޓުން އަޔަލެންޑް ބަލިކޮށް ފެށުން ވަރުގަދަކޮށްފި އެވެ.
އަޔަލެންޑް އަތުން އިންޑިއާ މޮޅުވީ، އަށް ވިކެޓުންނެވެ.
ޓޮސް ދިމާވުމުން އިންޑިއާ އިން ނިންމީ ހޮވާށެވެ. އަޔަލެންޑުން ކުޅެން އަރައި، 16 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 96 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ގަރެތު ޑެލަނީ އަށް ހެދުނީ 26 ލަނޑެވެ.
މި އިނިންގްސްގައި އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނީ، ތިން ވިކެޓް ނެގި ޓީމުގެ ވައިސް ކެޕްޓަން، ހާޑިކް ޕާންޑްޔާ އެވެ. އަރްޝްދީޕް ސިންގް އާއި ޖަސްޕްރީތު ބުމްރާ ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، އިންޑިއާ މޮޅުވީ، 12.2 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވިއިރު، 97 ލަނޑު ހަދައިގެންނެވެ. އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނު ޓީމުގެ ކެޕްޓަން، ރޯހިތު ޝަރްމާ ވަނީ 52 ލަނޑު ހަދާފައިވަނިކޮށް، ކޮނޑަށް ލިބުނު އަނިޔާއަކާ ހެދި ރިޓަޔާކޮށްފަ އެވެ. މި މެޗުގައި ހެދި ލަނޑުތަކާ އެކު، ރޯހިތު ވަނީ ޓީ20 ކްރިކެޓްގައި 4000 ލަނޑަށް ވުރެ އިތުރުވިއިރު، ވޯލްޑް ކަޕްގައި ހެދި ލަނޑުގެ ޖުމްލަ، 1000 ފަހަނައަޅައިފަ އެވެ.
މި މެޗުގައި ދަށްކޮށްދިޔައީ، އިންޑިއާގެ ތަރި ވިރާތު ކޯލީ އަށެވެ. ވިރާތު ނުބައިވިއިރު ފަސް ބޯޅަ އަށް ހެދުނީ އެންމެ ލަނޑެކެވެ. ދެން، އިންޑިއާ ޓީމުގައި ތަފާތު ދެއްކީ، ރިޝަބް ޕާންޓް އެވެ. އޭނާ ވަނީ، 36 ލަނޑު ހަދައިފަ އެވެ.
އަޔަލެންޑަށް މި އިނިންސްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ވިރާތުގެ ވިކެޓް ނެގި، މާކް އެޑެއާ އެވެ.
އިންޑިއާ އިން ގްރޫޕްގެ ދެ ވަނަ މެޗުގައި މި މަހު ނުވަ ވަނަ ދުވަހު ޕާކިސްތާނާ ކުޅޭނެ އެވެ. ޕާކިސްތާންގެ ފުރަަތަމަ މެޗު އޮތީ، މިއަދު އެމެރިކާއާ ދެކޮޅަށެވެ. އެމެރިކާ އިން ވަނީ ގްރޫޕްގެ ފުރަތަމަ މެޗުން ކެނަޑާ އަތުން ހަތް ވިކެޓުން މޮޅުވެފަ އެވެ.












