ލަންޑަން (ޖޫން 6) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތަކުން ހޯދާ ސްޕޮންޝާޝިޕްތަކާ ގުޅޭގޮތުން ހަދާފައިވާ އެސޯސިއޭޓަޑް ޕާޓީ ޓްރާންސެކްޝަން (އޭޕީޓީ) ގަވައިދާ ދެކޮޅަށް ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ކޯޓަށް ހުށަހަޅައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޕްރިމިއާ ލީގާ ދެކޮޅަށް ސިޓީން ހުށަހެޅި މައްސަލައިގެ އާބިޓްރޭޝަން އަޑުއެހުންތަކެއް މި މަހުގެ 10-21 އާ ދެމެދު ކުރިއަށްދާނެ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި އޭޕީޓީ ގަވައިދާ ސިޓީން ދެކޮޅު ހަދައި، ކޯޓަށްދާނެ ކަމުގެ އިންޒާރު މި އަހަރު ފެބްރުއަރީ މަހު އެ ކްލަބުން ވަނީ ޕްރިމިއާ ލީގަށް ދީފައެވެ.
އޭޕީޓީ ގަވައިދަކީ ކޮބާ؟
އޭޕީޓީ ގަވައިދަކީ ޕްރިމިއާ ލީގުގެ ކްލަބުތަކުގެ ވެރިންނާ ގުޅުންހުރި ކުންފުނިންްތަކުން، އެ ފަރާތެއްގެ ކްލަބަކަށް ސްޕޮންސާ ދިނުން ހުއްޓުވުމަށް ހެދި ގަވައިދެކެވެ.
މި ގަވައިދު 2021 ވަނަ އަހަރު ތައާރަފްކުރީ ސައުދީ އަރަބިއްޔާ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ނިއުކާސަލް ޔުނައިޓަޑް ގަތުމާ ގުޅިގެންނެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހު ޕްރިމިއާ ލީގުގެ ކްލަބުތަކުގައި ނެގި ވޯޓަކުން ފާސްކޮށް، އެ ގަވައިދު ވަނީ އިތުރަށް ހަރުކަށިކޮށްފައެވެ.
މި ގަވައިދުގައި ވާ ގޮތުން ކްލަބުތަކަށް ސްޕޮންސަރުންގެ ފަރާތުން ލިބޭ އަގަކީ "މާކެޓް ވެލިއު" އަށް ފެތޭ އަގުތަކަކަށްވާންޖެހެއެވެ. އަދި "މާކެޓް ވެލިއު" އަށްވުރެ ބޮޑު އަގުގައި ކްލަބުތަކުގެ ސްޕޮންސާޝިޕެއް ނުނެގޭނެއެވެ.
ސިޓީ ހިންގަނީ ޔޫއޭއީގެ އަބޫ ދާބީ ޔުނައިޓަޑް ގުރޫޕްގެ މައި ހިއްސާ އޮންނަ ސިޓީ ފުޓްބޯލް ގުރޫޕުންނެވެ. ސިޓީގެ މެއިން ސްޕޮންސާއަކީ ޔޫއޭއީގެ އެއާލައިނެއް ކަމަށްވާ އިއްތިހާދެެވެ.
ފާއިތުވި ހަތަރު ސީޒަންގައިވެސް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ސިޓީން ގަބޫލްކުރާ ގޮތުގައި، ސްޕޮންސަރާއި ކްލަބުގެ މެދުގައި އެއްބަސްވާ އަގަކަށް ސްޕޮންސާޝިޕް ޑީލްތައް ނިންމެންޖެހޭނެއެވެ. އަދި "މާކެޓް ވެލިއު"ގެ އަގުތަކަށް ސްޕޮންސާޝިޕް ފެއްތުމަކީ އިންސާފުވެރި ގޮތެއްނޫން ކަމަށެވެ.
މި ގަވައިދު ނެތްނަމަ، ބައެއް ކްލަބުތަކުގެ ވެރިންގެ ހިއްސާ އޮންނަ ކުންފުނިތައް މެދުވެރިކޮށް، އެ ކްލަބުތަކުގެ މާލީ ހިސާބުތަކުން ގެއްލުންވާ ބައި ކުޑަކުރުމުގެ ގޮތުން ސްޕޮންސާޝިޕްގެ ނަމުގައި ބޮޑެތި އަދަދުތަކުން ފައިސާ ދިނުމުގެ ފުރުސަތު ލިބޭނެއެވެ.
ޕްރިމިއާ ލީގުގެ އޭޕީޓީ ގަވައިދަށް ޕްރިމިއާ ލީގުގެ ހުރިހާ ކްލަބެއް ތާއީދެއް ނުކުރެއެވެ. އެކަމަކު ލީގުގެ މެޖޯޜިޓީ ކްލަބުތަކުން އެ ގަވައިދަށް ވަނީ ވޯޓު ދީފައެވެ.
މި މައްސަލައާ ގުޅޭގޮތުން ޕްރިމިއާ ލީގު އަދި ސިޓީންވެސް ރަސްމީކޮށް ކޮމެންޓެއް ނުކުރެ އެވެ.












