ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 5) - އެމެރިކާ އާއި ވެސްޓް އިންޑީސްގައި މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕަށް ފަހު، އިންޑިއާ ކޯޗުކަން ދޫކޮށްލަން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް އެ ޓީމުގެ ކޯޗު ރާހުލް ޑްރާވިޑް ބުނެފި އެވެ.
މީގެ ކުރިން ވެސް ޑްރާވިޑް ވަނީ މަގާމު ދޫކޮށްލާނެކަމަށް ބުނެފަ އެވެ. އެކަމަކު، އިންޑިއާ ކޯޗަކަށްވާން ހުށަހެޅި މުއްދަތުގައި ޑްރާވިޑް މަގާމުގައި ދެމިހުންނަށް އެޕްލިކޭޝަން ހުށަހެޅި ކަމަށް އަޑުފެތުރުނެވެ. އެކަމަކު، އޭނާ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެެވެ.
ޑްރާވިޑް، 51، ބުނީ އިންޑިއާ ކޯޗެއްގެ ގޮތުގައި ދެމިހުންނަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެ ކަމަށާއި މި ވަގުތު ފޯކަސް އަކީ، ޓީ20 ވޯލްޑް ކަޕްގައި ރަނގަޅު ކާމިިޔާބެއް ހޯދުން ކަމަށެވެ.
"އަހަރެން މި މަސައްކަތް ކުރާހިތްވިޔަސް، މިހާރު އަހަރެންގެ ދިރިއުޅުން މި ހުރި ހިސާބުން އެބަޖެހޭ މި ކަހަލަ ބުރަ ޝެޑިއުލްތަކުން އެއް ކައިިރިއަށް ޖެހިލައި، ސިއްހަތަށް ވިސްނައިގެން ދިރިއުޅުމުގެ އެހެން ކަންކަމަށް ވަގުތު ހުސްކުރަން. އިންޑިއާގެ ކޯޗަކަށް ހުންނަން ވަރަށް ހާއްސަ، ވަރަށް ފަހުރުވެރިވެސް ވޭ. އެކަމަކު، ވިސްނަންޖެހޭ ކަންކަން ވެސް ގިނަ،" ޑްރާވިޑް ބުންޏެވެ.
ކުރީގެ ކުޅުންތެރިޔާ، ޑްރާވިޑް އިންޑިއާގެ ކޯޗުކަމާ ހަވާލުވީ، 2021 ވަނަ އަހަރު ރަވީ ޝާޝްތުރީ މަގާމުން ދުރުވުމުންނެވެ. ޑްރާވިޑް ހަވާލުވި ފަހުން އިންޑިއާ ވަނީ، ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕް އާއި 50 އޯވަރުގެ ވޯލްޑް ކަޕް ފައިނަލަށް ދަތުރުކޮށް، ދެ ފައިނަލުގައި ވެސް އޮސްޓްރޭލިއާ އަތުން ބަލިވެފަ އެވެ. އެންމެ ފަހުން ބޭއްވި ޓީ20 ވޯލްޑް ކަޕްގައި އިންޑިއާ ކެޓީ މުބާރާތުގެ ޗެމްޕިއަން، އިންގްލެންޑް އަތުންނެވެ.
"މި މުބާރާތްތަކުގައި އަހަރެމެން ރަނގަޅު ލެވަލްގެ ކްރިކެޓް މެޗުތަކެއް ކުޅުނިން. އެކަމަކު، ބޭނުންވާ ހިސާބަށް ލެވަލް ހިއްލާލުމުގައި ގޮންޖެހުންތަކެއް އައި،" ޑްރާވިޑް ބުންޏެވެ.
އިންޑިއާ އެންމެ ފަހުން، ބޮޑު މުބާރާތެއްގެ ޗެމްޕިއަންކަން ހޯދީ، 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ޓްރޮފީ އެވެ. ޓީ20 ކްރިކެޓްގައި އިންޑިއާ އިން ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ، 2007 ވަނަ އަަހަރު ބޭއްވި ޓީ20 ވޯލްޑް ކަޕްގެ ޗެމްޕިއަންކަމެވެ.
މި ފަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އިންޑިއާ ކުޅޭ ފުރަތަމަ މެޗުގައި މިރޭ އަޔަލެންޑާ ބައްދަލުކުރާނެ އެވެ.
ޓީ20 ވޯލްޑް ކަޕަށް ފަހު އިންޑިއާ އިން އާ ކޯޗަކާ އެކު މަސައްކަތް ފަށާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން، އިންޑިއާގެ އާ ކޯޗަކަށް ހަމަޖައްސަން ނިންމާފައިވަނީ ދާދި ފަހުން، ކަލްކަތާ ނައިޓް ރައިޑާސް އަށް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކާމިޔާބުކޮށްދިން ކޯޗު ގޯތަމް ގަމްބީރު އެވެ.












