އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އިސްކޮށް ހުންނެވި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާއި އެ ޕާޓީއާ އިއްތިހާދު ވެފައިވާ ޕާޓީތަކުން އެ ގައުމުގެ ޕާލަމެންޓްގެ ތިރިގެ، "ލޮކްޝަބާ"ގެ ގިނަ ގޮނޑިތައް ނެގުމަކީ މޯދީއަށް މޮޅެކެވެ. އެއީ ބޮޑުވަޒީރުކަމުގެ ތިން ވަނަ ދައުރެއް ގާތްގަނޑަކަށް ކަށަވަރުވުމެވެ.
އިންޑިއާގެ އާއްމު އިންތިހާބުގެ ނަތީޖާ މިގޮތަށް މިއައީ، އެ ގައުމުގެ މުސްލިމުންނާއި "ދަށް ފަންތީގެ ބައެއް ކަަމަށް ހަރުކަށި ހިންދޫ އިން ދެކޭ" ވަންހަތަކުގެ (ކާސްޓް) ތަކުގެ މީހުންނާ މެދު މޯދީގެ ސަރުކާރުން އަމަލުކުރި ގޮތަށް ބަލައި، މޯދީ އާއި ބީޖޭޕީއަށް އަދަބު ދޭން ޖެހިފައި އޮއްވަ އެވެ.
އޭޕްރިލް 19، އިން ފަށައިގެން ކުރިއަށް ގެންދިޔަ، އާއްމު އިންތިހާބުގެ ނަތީޖާ ރޭގައި އެނގުނު އިރު ބީޖޭޕީ އާއި އެ ޕާޓީއާ އިއްތިހާދުވެފައިވާ ޕާޓީތަކަށް ލޮކްޝަބާގެ 290 ވަރަކަށް ގޮނޑި ލިބޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެހެންވީމާ ބޮޑުވަޒީރުކަމުން މޯދީ ދުރުކުރެވޭނެ ފަސޭހަމަގެއް އަދި ނެތެވެ.
އެހެން ނަމަވެސް އިންޑިއާގެ ސިޔާސީ މަޝްރަހު ދިރާސާކުރާ ބައިނަލް އަގުވާމީ ނޫސް އެޖެންސީތަކުން ސިފަކުރި ގޮތުގައި މިފަހަރުގެ އިންތިހާބުގެ ނަތީޖާއަކީ ހަގީގަތުގައި ބީޖޭޕީއަށް ބޮޑު ބައްޔެކެވެ. އެއީ މިދިޔަ 10 އަހަރު ދަމަހައްޓަމުން އައި ތާއީދާ ގާތްކުރާ މިންވަރެއްގެ ތާއީދު ވެސް ބީޖޭޕީއަށް މިހާރު ނެތްކަން މި އިންތިހާބުން އެނގިފައި ވާތީ އެވެ.
މި އިންތިހާބުގައި ވެސް އެއް ޕާޓީއަކުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީގެ ގޮތުގައި ބީޖޭޕީ ތެދުވިޔަސް، 2014 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ އިންތިހާބުގައި ހޯދި ކާމިޔާބީއާ އަޅާ ބަލާއިރު ބީޖޭޕީއަށް މިއީ ބައްޔެކެވެ.
ކުރީގެ ދެ އިންތިހާބުގައި ވެސް ލޮކްޝަބާގެ 543 ގޮނޑީގެ ތެރެއިން ސާފު އަޣުލަބިއްޔަތެއް ބީޖޭޕީ ނެގި އެެވެ. އެހެން ނަމަވެސް މިފަހަރު ލިބުނީ 240 ގޮނޑި އެވެ. ލޮކްޝަބާގެ އަޣުލަބިއްޔަތު ހޯދާ ނަަަމަ 272 ގޮނޑި ހޯދަން ޖެހެ އެެވެ.
އިދިކޮޅު އިއްތިހާދު، "އިންޑިއާ ބްލޮކް" އިން 200 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކުރި އިރު، މިއީ ޖޫން 1، ގައި އާއްމުކުރި އެގްޒިޓް ޕޯލްގެ ނަތީޖާއާ މުޅިން ހިލާފު ނަތީޖާއެކެވެ. އެގްޒިޓް ޕޯލުން ދެއްކީ ބީޖޭޕީން 2019 ވަނަ އަހަރު ނެގި ގޮނޑިއަށް ވުރެ ގިނަ ގޮނޑި މިފަހަރު ނަގާނެ ކަމަށެވެ.
މީގެ ކުރިން 2019 ގައި ބޭއްވި އިންތިހާބުގައި އެޕާޓީން 303 ގޮނޑި ނެގި އެވެ.
ސަރުކާރު އެކުލަވައިލެވޭނެ އެކަމަކު އަމިއްލަ ބާރެއް ނޯންނާނެ
އިންތިހާބުގެ ކުރިން ބީޖޭޕީއާ އެކުގައި ކޯލިޝަން ހަދާފައިވާ ޕާޓީތަކުން ކާމިޔާބުކުރި ގޮނޑީގެ ޖުމްލަ 280 އަށް ވުރެ އިތުުރުވެފައި ވާތީ، ބީޖޭޕީ އިސްވެ އޮންނަ ސަރުކާރެއް އެކުލަވައިލެވިދާނެ އެވެ. އެހެން ނަމަވެސް މިދިޔަ 10 އަހަރު އިންޑިއާގައި އޮތް ސަރުކާރާއި އެ ސަރުކާރު ތަފާތުވާނީ ބީޖޭޕީގެ އަމިއްލަ ބާރު މުތުލަގަށް ނޯންނާނެތީ އެވެ.
"ބެލެވެނީ އިންޑިއާގައި އުފެދޭނީ އެންޑީއޭ ސަރުކާރެއް ކަމަށް، ބީޖޭޕީއަށް އެޕާޓީގެ އަމިއްލަ އަޣުލަބިއްޔަތެއް ނެތް، ކޯލިޝަން ޕޮލިޓިކްސް ހަގީގީ މާނައިގައި ފެންނާނެ،" ލޮކްނިޓީ ނެޓްވޯކްގެ ރީޖަނަލް ކޯޑިނޭޓަރު ސަންދީޕް ޝާސްތްރީ އަލްޖަޒީރާއަށް ވިދާޅުވި ކަމަށް އެ އެޖެންސީގެ ރިޕޯޓެއްގައި ބުންޏެވެ.
ލޮކްނިޓީ ނެޓްވޯކަކީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މަރުކަޒު ހުންނަ، ސެންޓަ ފޯދަ ސްޓްޑީ އޮފް ޑިވެލޮޕިން ސޮސައިޓީސް (ސީއެސްޑީއެސް) އިން ހިންގާ ރިސާޗް ޕްރޮގްރާމެކެވެ.
މިކަން މިހެން އޮތަސް މޯދީ ރޭ ވަނީ ކާމިޔާބީގެ އުފާ ފާޅުކުރައްވައިފަ އެވެ.
ނިއުދިއްލީގައި ބީޖޭޕީގެ ހެޑްކުއާޓަރުގެ ކުރިމައްޗަށް ރޭ އެއްވި އެތައް ހާސްމީހުންނަކާ މުހާތަ ބުކުރައްވައި މޯދީ ރޭ ވިދާޅުވީ އިންޑިއާގައި ދެން އުފެދޭ ސަރުކާރު އެކުލަވައިލާނީ އެންޑީއޭ ކޯލިޝަނުން ކަމަށެވެ.
އެހެން ނަމަވެސް އިންޑިއާގެ ސިޔާސީ މަޝްރަހުގެ ވާނުވާ ބައްލަވާ މުހައްލިލުން ދެކެވަޑައިގަންނަވާ ގޮތުގައި އެގައުމުގެ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުމާ އެކު ބީޖޭޕީގެ އިސްތިރާޖުތަކާ މެދު ސުވާލުތަކެއް އުފެދިއްޖެ އެވެ.
އެތައް މަހަކަށް ދެމިގެން ދިޔަ ކެމްޕެއިނުގައި ބޮޑުވަޒީރު މޯދީ އިސްވެ ހުންނަވައި ބީޖޭޕީން ކުރިހާ ވެސް ކަމަކީ މީހުންގެ މެދުގައި ބިރުވެރިކަމާއި ރުޅިވެރިކަން އުފެއްދުމެވެ. އެކަން ބިނާކުރީ އިންޑިއާގެ ބައިގިނަ ހިންދޫންނަށް ގެއްލުންވާ ގޮތަށް، މުސްލިމުންނާ ވަސީލަތްތައް ހަވާލުކުރަން ކޮންގްރެސްް އިން އުޅޭ ކަމަށް ކުރި ތުހުމަތެއްގެ މައްޗަށެވެ.
އޭގެ ބަދަލުގައި ކޮންގްރެސް އާއި އެ ޕާޓީއާ އިއްތިހާދުވެފައިވާ ޕާޓީތައް ހިމެނޭ އިންޑިއާ ބްލޮކުން މަސައްކަތް ކުރީ އިގުތިސާދީ ނަޒަރިއްޔާއިން މޯދީގެ ނާގާބިލުކަން ސާބިތުކޮށްދޭށެވެ. އިންޑިއާގެ އާއްމުންގެ ކަންބޮޑުވުން ހުރީ ވެސް އިގުތިސާދީ ދާއިރާއިން ކަން، އިންތިހާބުގެ ކުރިން ނެގި ހިޔާލުހޯދުންތަކުގެ އެކިއެކި ވޯޓުތަކުން ދެއްކި އެވެ.
އިންޑިއާގެ އިގުތިސާދަކީ ދުނިޔޭގެ ބޮޑެތި އިގުތިސާދުތަކުގެ ތެރެއިން އެންމެ ބާރަށް ކުރިއަރާ އިގުތިސާދު ކަަމަށް ވިޔަސް ހިޔާލު ހޯދުމުގެ ވޯޓުތަކުގައި ބައިވެރިވި މީހުންގެ އަޣުލަބިއްޔަތުން ބުނެފައިވާ ގޮތުގައި އެމީހުންގެ ކަންބޮޑުވުން އޮތީ އިންފްލޭޝަން މައްޗަށް ދިއުމާއި ވަޒީފާ ނެތް މީހުންގެ ނިސްބަތް މަތިވަމުންދާ ދިއުމާ މެދުގަ އެެވެ.
އެ ވިސްނުމުގައި ކުރި ކެމްޕެއިނުން ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ލީޑްކުރެއްވި އިންޑިއާ ބްލޮކަށް، ލޮކްޝަބާގެ މެޖޯރިޓީ ނުލިބުނަސް، އެ ކޯލިޝަން މިހާރު އޮތީ ވަރަށް ބާރުގަދަކޮށެވެ. ކޯލިޝަން ސަރުކާރެއް އެކުލަަވައިލަން މޯދީއަށް މަޖުބޫރުވެފައި ވާއިރު، އެ ސަރުކާރަށް ދެން ކުރިއަށް ދެވޭނީ ކުރިއާ ހިލާފަށް އިދިކޮޅުގެ އަޑުވެސް އަހައިގެންނެވެ.
އިދިކޮޅަށް ވެސް ކާމިޔާބީއެއް
އިންޑިއާގައި ދެން އުފެދޭ ސަރުކާރުވެސް އެކުލަވައިލާނީ މޯދީ އިސްކޮށް ހުންނަވައި، ބީޖޭޕީން ކަން ކަށަވަރުވެފައި ވިޔަސް، އިންތިހާބުގެ ނަތީޖާ ފާޅުކުރުމާ އެކު އިދިކޮޅު ކޯލިޝަނުން ވެސް ރޭ އުފާފާޅުކުރި އެވެ.
ލީޑަރު ރާހުލް ގާންދީގެ ފޮޓޯ ޖެހި ޓީޝާޓްތައް ލައިގެން ކޮންގްރެސް ޕާޓީގެ ހެޑްކުއާޓަރުގެ ކައިރިއަށް އެއްވި މީހުންގެ ތެރެއިން ބައެއް މީހުން އަލްޖަޒީރާއަށް ބުނެފައިވާ ގޮތުގައި އެމީހުން އުފާ ފާޅުކުރީ އިދިކޮޅު، ކޯލިޝަން ވަރުގަދަވެފައި ވާތީ އެވެ.
"މިދިޔަ 10 އަހަރު ވެރިކަން ކުރި އަނިޔާވެރި ބީޖޭޕީއާ ދެކޮޅަށް އުފުލާނެ އަޑެއް، އިންޑިއާގެ ރައްޔިތުންނަށް އެންމެ ކުޑަމިނުން ލިބިއްޖެ، ގިނަ ގޮނޑިތަކެއް ލިބުމުގެ މާނައަކީ އަހަރެމެންނަށް ބަސްބުނެވި، ވަރުގަދަ އިދިކޮޅެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބުން،" ކޮންގްރެސްގެ ސަޕޯޓަރެއް ކަމަށްވާ ސްރޭޝް ވަރުމާ އަލްޖަޒީރާއަށް ބުނި ކަމަށް އެ ޖެންސީގެ ރިޕޯޓެއްގައި ވެ އެވެ.
ކޮންގްރެސްގެ ސަޕޯޓަރުންނާއި މަޝްރަހު ދިރާސާކުރާ މުހައްލިލުން ދެކޭ ގޮތުގައި އިންޑިއާ ޕާލަމެންޓްގެ ކޮމްޕޮޒިޝަން މިގޮތަށް ބަދަލުވުުމުން، އެގައުމުގައި ގާނޫނު ހަދާ ގޮތަށް ވެސް ހެއު ބަދަލުތަކެއް އަންނާނެ އެވެ. ފާޑުކިޔާ މީހުން ބުނާ ގޮތުގައި ބީޖޭޕީއަށް މެޖޯރިޓީ އޮތް އިރު ގާނޫނުތައް ހަދަމުން ދިޔައީ ބަހުސް ނުކޮށް، ހިޔާލު ވެސް ނުހޯދަ އެވެ.
"ދެން އެގޮތަކަށް ކަންތަކެއް ނުކުރެވޭނެ، ޕާލަމެންޓްގައި ބީޖޭޕީއަށް މިފަހަރު ޔަގީނުން ވެސް އުނދަގޫ ވާނެ،" ލޮކްނިޓީ ނެޓްވޯކްގެ ރީޖަނަލް ކޯޑިނޭޓަރު ސަންދީޕް ޝާސްތްރީ އަލްޖަޒީރާއަށް ވިދާޅުވެފައި ވެ އެވެ.
އިދިކޮޅަށް ގިނަ ގޮނޑިތަކެއް ލިބުމުން ވާނެ އަނެއް ކަމަކީ އިންޑިއާގެ ޑިމޮކްރެޓިކް މުއައްސަސާތައް ކުރިއަށް ވުރެ މިނިވަން ވުމެވެ. ބީޖޭޕީއަށް ޕާލަމެންޓްގައި ފުރިހަަމަ އަމިއްލަ ބާރު އޮތް އިރު އެ މުއައްސަސާތައް ވެފައި ހުރީ އެޕާޓީން ބޭނުން ގޮތަކަށް މޮޑޭ ފުށްގަނޑުތަކަކަށެެވެ.
"ބީޖޭޕީގެ ހަރުކަށި މެޖޯރިޓީގެ ދަށުގައި މުއައްސަސާތައް ރޫޅުނު، ބާރުވެރިކަން އޮތީ މަތިން ފަށައިގެން މަރުކަޒުވެފައި، ޑިމޮކްރަސީ ސަލާމަތުން ބޭއްވުމަށް ޓަކައި އިންޑިއާއަށް ބޭނުންވަނީ މިކަހަލަ [މިފަހަރު އުފެދޭ ކަހަލަ] ކޯލިޝަން ސަރުކާރެއް،" އަލްޖަޒީރާއާ ވާހަކަ ދެއްކެވި މުހައްލިލެއް ކަމަށްވާ އާސިމް އަލީ ވިދާޅުވެފައި ވެއެެވެ.
އޭނާ ދެކެވަޑައިގަނަންވާ ގޮތުގައި ބީޖޭޕީއަށް ސާފު މެޖޯރިޓީ ގެއްލިފައިވާތީ ބޮޑުވަޒީރު މޯދީ މިހާރު އެހުންނެވީ ހަގީގަތުގައި ބަލިވެފަ އެވެ. މޯދީގެ މައްޗަށް އެއްވެސް މީހަކަށް ބަހެއް ނުކިޔޭ ހާލަތު ވެސް މިހާރު އެވަނީ ނެތިގެން ގޮސްފަ އެެވެ.
ބޮޑުވަޒީރުކަމުން ގޮނޑިން ނުބޭލުނަސް، އިންޑިއާގެ ރައްޔިތުން އެވަނީ މޯދީއަށާއި ބީޖޭޕީ އަށް އަދަބު ދީފަ އެެވެ.












