މިއުނިކް (ޖޫން 3) - ނަސްލީ ތަފާތުކުރުން ހިމެނޭ ގޮތަށް ޖަރުމަނުގެ ގައުމީ ޓީމާ ގުޅޭ ސާވޭ އެއް ކުރިއަށް ގެންދިއުމުން، ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ޖަރުމަނުގެ ދައުލަތުން ހަރަދުކުރާ މީޑިއާއެއްގައި ދެއްކި ސާވޭގެ މަންޒަރުތަކެއްގައި، ޖަރުމަނު ސަޕޯޓަރުންގެ މެދުގައި ނެގި ޕޯލެއް ދެއްކި އެވެ. އެ ޕޯލުގައި ބައިވެރިވި، 21 ޕަސެންޓް މީހުން ވަނީ، ޖަރުމަނު ގައުމީ ޓީމަށް ކުޅެން ޖެހޭނީ، ހަމުގެ ކުލަ ދޮން ކުޅުންތެރިން ކަމަށް ބުނެފަ އެވެ. މިއީ، 1304 މީހުން ވޯޓު ދިން ސާވޭ އެކެވެ.
މި ސާވޭ އަކީ، ނަސްލީ ތަފާތު ކުރުން ކަމަށް ކޯޗު ނާގަލްސްމަން ވަނީ ބުނެފަ އެވެ.
"އަހަންނަށް ލިބުނީ ޝޮކެއް. ހަގީގަތުގައި އެ ފަދަ ސުވާލުތަކެއް އައީމަ. އަދި އެ ފަދަ ސުވާލުތަކަށް ޖަވާބުދޭން މީހުންނަށް ކެރުނީތީވެ،" ނާގަލްސްމަން ބުންޏެވެ.
ޖަރުމަނުގައި މި މަހު 14 ވަނަ ދުވަހު ޔޫރޯ ފުޓްބޯޅަ މުބާރާތް ފަށަން ތައްޔާރުވަމުން އަންނައިރު، ސަޕޯޓަރުންގެ މެދުގައި މި ފަދަ ކަމެއް ހިނގީތީވެ، ހިތާމަކުރާ ކަމަށް ނާގަލްސްމަން ވަނީ ބުނެފަ އެވެ.
"އަހަރެމެން ޔޫރޯގައި ތަމްސީލް މި ކުރަނީ ޖަރުމަނުގެ ކޮންމެ ރައްޔިތެއް. ވަކި ނަސްލެއް ނޫން. ވަކި ތަފާތުކުރުމެއް މި ޓީމުގައި ނޯންނާނެ. ޖަރުމަނުގެ ކޮންމެ ރައްޔިތަކަށް މި ޓީމު ތަމްސީލްކުރުމުގެ ފުރުސަތު އޮންނާނެ. އަހަރެން އުންމީދުކުރަން މި ކަހަލަ އަހުލާގީ ފެންވަރެއް ނެތް ސާވޭ އެއް ދެން ނުފެންނާނެ ކަމަށް،" ނާގަލްސްމަން ބުންޏެވެ.
ޖަރުމަނުގެ ތަރި، ޔޯސުއާ ކިމިކް ވެސް ވަނީ އެ ފަަދަ ބައިބައިވުން އުފެދޭ ސުވާލު ހިމެނޭ ސާވޭ އަކީ ހިނގައިގެންވާނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.












