ރިސޯޓް ތަރައްގީ ކުރުމަށް ދޫކުރާ ފަޅެއްގެ އަގު، އެކުއިޒިޝަން ކޮސްޓް ހިސާބު ކުރުމުގައި ދިމާވި ކުށަކާއި ގުޅިގެން ކުޑަކޮށްފި އެވެ.
ޓޫރިޒަަމް މިނިސްޓްރީން، 12 ރަށަކާއި ފަސް ފަޅު ކުއްޔަށް ދޫކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އިއުލާނު ކުރިއިރު، މާލެ އަތޮޅުގެ 46 ހެކްޓަރުގެ ފަޅެއްގެ އެކުއިޒިޝަން ކޮސްޓް ގެ ގޮތުގައި ޖަހާފައި އޮތީ 10.9 މިލިއަން ޑޮލަރެވެ. އެ އަގު 8.5 މިލިއަން ޑޮލަރަށް ދަށްކޮށް، މިނިސްޓްރީން ވަނީ އިއުލާނަށް އިސްލާހެއް ގެނެސްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިހާރު އިއުލާނު ކޮށްފައިވާ ހުރިހާ ރަށްކާއި ފަޅެއް ކުއްޔަށް ދޫކުރެވިއްޖެ ނަމަ އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި 69.5 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެ އެވެ. ވޭތުވެދިޔަ ފަސް ވަރަކަށް އަހަރު ދުވަހު އިއުލާނު ކުރި ރަށްތަކުގެ ތެރެއިން ރިސޯޓް ތަރައްގީ ކުރުމަށް އިންވެސްޓަރުން ލިބުނީ މަދު ރަށްކަށެވެ.
ރިސޯޓް ތަރައްގީކުރުމަށް ރަށްތައް ދޫކުރުމަށް މިނިސްޓްރީން ކުރި އިއުލާނުގައި، ބީލަމުގެ މުއްދަތު ހަމަވާ ތާރީހެއް ޖަހާފަ އެއް ނުވެ އެވެ. އެ އިއުލާނުގައި ހަމައެކަނި ހިމަނާފައިވަނީ ރަށްތަކާއި ފަޅުތަކުގެ ނަމާއި އޮންނަ ތަނާއި އަގެވެ. އެ އިއުލާނާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ޖެހެނީ މިނިސްޓްރީ އަށް އީމެއިލް ކުރާށެވެ.
ޓޫރިޒަމް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރިސޯޓް ތަރައްގީ ކުރުމަށް ރަށްރަށާއި ފަޅު ކުއްޔަށް ދޫކުރުމުގައި އަގުކުރާ މިންގަނޑު އިސްލާހުކުރުމަށްފަހު އިއުލާނު ކޮށްފަ އެވެ.










