އިންޑިއާގެ އާންމު އިންތިހާބުގެ ފަހު މަރުހަލާ ވޯޓުލުން މިއަދު ފަށައިފި އެވެ.
އިންޑިއާގެ އިންތިހާބު ޖުމްލަ ހަތް މަރުހަލާ އަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، މިހާތަނަށް ހަ މަރުހަލާގައި ހިމެނޭ 487 ގޮނޑިއަކަށް މެމްބަރުން އިންތިހާބުކުރުމަށް ވޯޓުލައި ވަނީ ނިމިފަ އެވެ.
މަރުހަލާ ހަތެއްގައި އިންޑިއާގެ އަށް ސްޓޭޓެއްގައި ވޯޓުލާނެ އެވެ. އެއީ 57 ގޮނޑިއަށެވެ.

މި މަރުހަލާގައި ވޯޓުލުން ކުރިއަށްދާ ސްޓޭޓުތަކުގެ ތެރޭގައި އުއްތަރު ޕްރަދޭޝް، ބިހާރު، ހިމާޗަލް ޕްރަދޭޝް، ޕަންޖާބް، އޮޑީޝާ، ވެސްޓް ބެންގާލް އަދި ޗަންދީގަރް ހިމެނެ އެވެ.
އިންތިހާބުގައި 543 ގޮނޑިއަކަށް މެމްބަރުން އިންތިހާބުކުރާއިރު، 969 މިލިއަނެއްހާ މީހުންނަށް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ވަނީ ލިބިފަ އެވެ.
އިންތިހާބުގެ ވޯޓު އަންގާރަ ދުވަހު ގުނުމަށް ހަމަޖެހިފައިވާއިރު، އެ ދުވަހު ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އިންޑިއާގައި 2019 ގައި ބޭއްވި އާންމު އިންތިހާބުގައި 67 ޕަސަންޓު މީހުން ވަނީ ވޯޓުލާފަ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 615 މިލިއަން މީހުންގެ ވޯޓެވެ.










