ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (މެއި 31) - ވެސްޓް އިންޑިސް އާއި އެމެރިކާގައި އަންނަ މަހު ކުރިއަށްދާ ކްރިކެޓްގެ ޓީ20 ވޯލްޑް ކަޕްގައި އިންޑިއާ އާއިި ޕާކިސްތާން ބައްދަލުކުރާ މެޗުގެ ސެކިއުރިޓީ ވަރުގަދަކުރަން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޓީ20 ކްރިކެޓް ވޯލްޑް ކަޕް، އަންނަ މަހުގެ 1-29 އަށް ކުރިއަށްދާއިރު، އެންމެ ފޯރިގަދަ ކުރިމަތިލުމެއްގެ ގޮތުގައި މި ވަގުތު ތާވަލުކޮށްފައި އޮތީ، އަންނަ މަހު ނުވަ ވަނަ ދުވަހު، އިންޑިއާ އާއި ޕާކިސްތާންގެ މެދުގައި ކުޅެވޭ މެޗެވެ.
ސިޔާސީ ގޮތުންނާއި ކުޅިވަރުގެ މައިދާނުގައި ވެސް ވާދަވެރި ދެ ގައުމުގެ ގޮތުގައި ފެނިގެންދާ ޕާކިސްތާނާއި އިންޑިއާ، މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ މެޗުގައި ހަމަނުޖެހުންތައް ހިންގާނެ ކަމުގެ އިންޒާރުތަކާއި މެސެޖެތައް ސޯޝަލް މީޑިއާ އާއި މެއިންސްޓްރީމް މީޑިއާގައި ވެސް އަންނަނީ ދައުރުވަމުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި ކަންކަމަށް އަލިއަޅުވާލައި، އެ މެޗުގެ ސެކިއުރިޓީ ކަންތައްތައް ވަރުގަދަކުރަން ހާއްސަ އޮޕަރޭޝަންތަކެއް ވެސް ހިންގާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

2022 ވަނަ އަހަރު ބޭއްވި ޓީ20 ވޯލްޑް ކަޕްގައި ޕާކިސްތާނާއި އިންޑިއާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ގެޓީއިމޭޖަސް
ނިއު ޔޯކް ސިޓީގެ ގަވަރުނަރު، ކެތީ ހޯޗުލް ވިދާޅުވީ، ޓީ20 ވޯލްޑް ކަޕްގެ ސެކިއުރީޓީ ކަންކަން ވީ އެންމެ ފުރިހަމަކޮށް ގެންދާނެ ކަމަށާއި ސަޕޯޓަރުންނާއި ޓީމުތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން ކުރެވޭނެ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މި ވަގުތަށް ބަލާއިރު، ނިއު ޔޯކް ޕޮލިހަށް، ކްރިކެޓް ވޯލްޑް ކަޕާ ގުޅޭ ނުރައްކަލެއް އޮތް ކަމުގެ އެއްވެސް މަައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށާއި މި ކަމާ ގުޅޭ ހުރިހާ ކަމެއް ވަރަށް ގާތުން މޮނިޓާުކުރަމުންދާނެ ކަމަށެެވެ.
އެެމެރިކާގެ ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރާ ގޮތުގައި، ޓީ20 ވޯލްޑް ކަޕްގެ މެޗުތަކުގައި ހަމަނުޖެހުން ހިންގަން ރާވަމުން އަންނަ ކަަމުގެ މައުލޫމާތު ނިއު ޔޯކް ފުލުހުންނަށް ވެސް ލިބިފައިވާ ކަމަށާއި، އެ ކަންކަން ކޮންޓްރޯލް ކުރަން، ފުލުހުން އަންނަނީ މި ވަގުތު ވެސް އެކި ކަހަލަ އޮޕަރޭޝަންތައް ހިންގަމުން ކަމަށެވެ.
ކްރިކެޓް ވޯލްޑް ކަޕްގެ މެޗުތައް، ނުވަ ދަނޑެއްގައި ކުޅޭއިރު، ވެސްޓް އިންޑީސްގެ ހަ ދަނޑެއްގައި އަދި އެމެރިކާގެ ތިން ދަނޑެއްގައި މުބާރާތް ކުޅޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.












