ސެއިންޓް ރެޖިސް ސިންގަޕޫރުގައި ބޭއްވި ޓްވިމްބިޓް އެވޯޑްސްގެ "ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔާ" ގެ އެވޯޑް އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެ އެވެ.
މި އެވޯޑު އުރީދޫއަށް ލިބުނީ އެވޯޑަށް ނޮމިނޭޓުވި ދިރާގު އަދި ބުރުނާއީގެ ޑީއެސްޓީއާ ވާދަކޮށްގެންނެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ މި އެވޯޑު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމށާއި، މި ކާމިޔާބީއަށް މަގުފަހިކޮށްދިން އުރީދޫގެ ޓީމުގެ ހިތްވަރާއި ބުރަ މަސައްކަތުގެ ހެއްކެއް ކަމަށެވެ.
"މިކާމިޔާބީގެ ފަހަތުގައި ތިބި ހުރިހާ ފަރާތްތަކަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. މި ކާމިޔާބީ ފާހަގަކުރަމުންދާއިރު، ކުރިއަށް އޮތްތަނުގައިވެސް އީޖާދީ، ފެންވަރު ރަގަޅު ހިދުމަތް ދިނުމުގައި އުރީދޫ ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" ހާލިދު އަލް ހަމާދީ ބުންޏެވެ.
މި އެވޯޑްސްގައި އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ބޮޑެތި ޓެލެކޮމް އަދި ޓެކް ކުންފުނިތަކުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ބާރްތީ އެއާޓެލް، ސިންގްޓެލް، ސްޓާހަބް، ރަކުޓެން މޮބައިލް ޖަޕާން، ރިލަޔަންސް ޖިއޯ، އިންޑޯސެޓް އުރީދޫ ހަޗިސަން، ޗައިނާ މޮބައިލް ފަދަ ކުންފުނިތައް ހިމެނެ އެވެ.
ޓެލެކޮމް އިނޮވޭޓަރުންނަށް ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ޓްވިމްބިޓް ޓެލެކޮމް އެވޯޑްސްއިން ވަނީ 23 ކެޓަގަރީއަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ޓެލްކޯ އޮފް ދަ އިޔާ، ޓެލްކޯ ޓު ޓެކްކޯ އޮފް ދަ އިޔާ ފަދަ ދާއިރާތަކުން ފާހަގަކޮށްލެވޭ ކުންފުނިތަކަށް ޝަރަފުވެރި އެވޯޑް ހަވާލުކޮށްފަ އެވެ.
މި އެވޯޑުގެ ސްޓްރެޓީޖިކް ޕާޓްނަރަކީ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމުގައި މަޝްހޫރު ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ އެފް5 އެވެ. މި ޕްރޮގްރާމުގެ މީޑިއާ ޕާޓްނަރަކީ ޑީއެންއޭ އެވެ.










