ނިއު ދިއްލީ، އިންޑިއާ (މެއި 29) - އަންނަ މަހު ފަށާ ޓީ20 ކްރިކެޓް ވޯލްޑް ކަޕަށް ފަހު، އިންޑިއާ ގައުމީ ޓީމުގެ ކްރިކެޓް ކޯޗަކަށް ކުރީގެ ކުޅުންތެރިޔާ، ގޯތަމް ގަމްބީރު ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާ ކްރިކެޓް ޓީމުގެ ކޯޗުކަން، ރާހުލް ޑްރާވިޑް، ދޫކޮށްލަން ވަނީ ނިންމައިފައެވެ.
އިންޑިއާގެ ކްރިކެޓް ބޯޑު، ބީސީސީއައި އިން، އާ ކޯޗެއް ހޯދުމުގެ މަސައްކަތްކުރިއިރު، އޮސްޓްރޭލިއާގެ ކޯޗަކާ ޓީމު ހަވާލުނުކުރާނެ ކަމަށް، ސެކެޓްރީ ޖެނެރަލް ޖޭ ޝާހު ވަނީ ވިދާޅުވެފަ އެވެ.
މި ފަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ޗެމްޕިއަންކަން ކަލްކަތާ ނައިޓް ރައިޑާސް އަށް ހޯދައިދިން ކޯޗު، ގޯތަމް އަށް އިންޑިއާ ޓީ20 ޓީމުގެ ކޯޗުކަން ދޭން، ދާދި ފަހުން، ވަނީ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ގޯތަމް ވަނީ މިހާރު އިންޑިއާ ޓީމާ ހަވާލުވާން ނިންމައިފަ އެވެ.
ކޯޗެއް ހޯދުމުގެ މަސައްކަތުގެ ތެރޭގައި، އިންޑިއާ އިން ކުރީގެ ކެޕްޓަން، މަހިންދުރަ ސިންގް ދޯނީ އާއި ކުރީގެ ކޯޗު ރަވީ ޝާސްތުރީއާ ވެސް ބީސީސީއައި އިން ވާހަކަ ދެއްކި އެވެ. ރިޕޯޓްތައް ބުނާގޮތުން، ދޯނީ ރިޓަޔާކުރަން ނުނިންމާތީ، އޭނާ އަށް ކޯޗުކަން ދޭން ބީސީސީއައި އިން ވެސް ބޭނުމެއް ނުވި އެވެ.
ޓީ20 ވޯލްޑް ކަޕް އޮތީ އަންނަ މަހު 2-29 އަށް އެމެރިކާ އާއި ވެސްޓް އިންޑީސްގަ އެވެ. އިންޑިއާ ހިމެނެނީ ގްރޫޕް އޭގަ އެވެ. އެ ގްރޫޕްގައި ހިމެނެނީ، އެމެރިކާ، ޕާކިސްތާން، ކެނަޑާ އަދި އަޔަލެންޑް އެވެ. އިންޑިއާ ފުރަތަމަ މެޗުގައި، ޖޫން ފަސް ވަނަ ދުވަހު އަޔަލެންޑާ ބައްދަލުކުރާނެ އެވެ.
އާ ކޯޗު މަސައްކަތް ފަށާނީ މި މުބާރާތަށް ފަހު އެވެ.












