މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ އަހަރުގެ އޭޕްރީލް މަހާ ހަމައަށް އިންޑިއާގެ 73,785 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ރާއްޖެއަށް އައީ އެންމެ 42،627 މީހުންނެވެ. އެއީ ކުރީ އަހަރާ އަޅާބަލާއިރު 42 ޕަސެންޓު ދަށް އަދަދެކެވެ. މަދުވީ އިންޑިއާގެ 31،158 ފަތުރުވެރިންނެވެ.
ވިޔަފާރިވެރިން ބުނާ ގޮތުގައި އިންޑިއާގެ ކޮންމެ ފަތުރުވެރިޔަކު ޓިކެޓުގެ ހަރަދު ނުހިމަނައި އެވްރެޖުކޮށް 2،500 ޑޮލަރު ރާއްޖޭގައި ހޭދަ ކުރާނެ އެވެ. އެހެންކަމުން، ފައިސާއިން ގުނާ ނަމަ އިންޑިއާގެ ފަތުރުވެރިން ނައުމުގެ ސަބަބުން މަދުވީ 77،895،000 ޑޮލަރެވެ. އެއީ 1،201،140،900 ރުފިޔާ އެވެ.
ހިސާބުތަކަށް ބަލާއިރު މިދިޔަ ފަސް އަހަރު ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ބޮޑަށް ފުޅާވީ އިންޑިއާ މާކެޓެވެ. ވިޔަފާރިވެރިން އުޅުނީ އެ މާކެޓު ހޯދުމުގެ މަސައްކަތުގަ އެވެ. ނަމަވެސް ކުއްލިއަކަށް އިންޑިއާ މާކެޓު މި ޖެނުއަރީ މަހުން ފެށިގެން "އިނދަޖެހުމުން" ވިޔަފާރިވެރިން ތިބީ ހަދާނެ ގޮތް ހުސްވެފަ އެވެ.
އިންޑިއާ މާކެޓު ވެއްޓުމުގެ ދެ ސަބަބެއް ވިޔަފާރިވެރިން ދައްކަ އެވެ. އެއް ސަބަބަކީ ކޮވިޑް-19 ގެ ޕެންޑެމިކަށްފަހު ރާއްޖެއާ ވާދަވެރި އެހެން ގައުމުތަކުގެ ބޯޑަރުތައް ހުޅުވުމެވެ. އަނެއްކަމަކީ ސިޔާސީ ގޮތުން ރާއްޖެ އާއި އިންޑިއާ މައްސަލަޖެހުމެވެ.
ސިޔާސީ ގޮތުން މައްސަލަ ޖެހުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު މަލާމާތް ކުރުމާއެކު އުފެދުނު ކަންތަައްގަނޑުގެ ތެރެއިން ކަމަށް ވިޔަފާރިވެރިން ގަބޫލު ކުރެ އެވެ. އަދި އެ މައްސަލަ ހައްލު ކުރަން ރާއްޖޭގެ ސިޔާސީ ވެރިންގެ ސިޔާސީ ހެޔޮ ނިޔަތް ނެތް ކަމަށް ވެސް ވިޔަފާރިވެރިން ބުނެ އެވެ.
އިންޑިއާ މާކެޓު ދިޔައީ ފުޅާވަމުން: ގެއްލުން ގެސްޓްހައުސްތަކަށް
ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީން ނެރޭ ޓުއަރިޒަމް އިޔާ ބުކް 2023 ގައި ބުނަނީ އިންޑިއާ މާކެޓު ފުޅާވާން ފެށީ 2019 ގައި އިންޑިއާ އާއި ރާއްޖެއާދެމެދު ކުރާ ދަތުރުތައް ގިނަ ކުރުމުން ކަމަށެވެ. ހިސާބުތަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރު އެކަނި ވެސް އިންޑިއާގެ މާކެޓަށް 83 ޕަސެންޓުގެ ކުރިއެރުމެއް ލިބުނެވެ.
ވަކިވަކި އަހަރުތަކުގެ ހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރު އެގައުމުން 90،474 ފަތުރުވެރިން ރާއްޖެ އައެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ނުވަ ޕަސެންޓުގެ ކުރިއެރުމެކެވެ. ދެ ގައުމުގެ ދެމެދުގައި ކުރާ ދަތުރުތައް 2019 ވަނަ އަހަރު އިތުރު ކުރުމުން 166,030 ފަތުރުވެރިން އެ އަހަރު އައެވެ. އެއީ 83 ޕަސެންޓުގެ ކުރިއެރުމެކެވެ.
ޖެހިގެން އައި އަހަރު ކޮވިޑް-19 ގެ ވަބާއާއެކު އިންޑިއާގެ ފަތުރުވެރިންގެ އަދަދު 62,960 އަށް ވެއްޓުނެވެ. އެއީ 62 ޕަސެންޓުގެ ވެއްޓުމެކެވެ. ނަމަވެސް އަނެއްކާ ވެސް 2021 ވަނަ އަހަރު އިންޑިއާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވި އެވެ. އެ އަހަރު 291,787 ފަތުރުވެރިން ރާއްޖެ އައުމުން އެ މާކެޓަށް 363 ޕަސެންޓުގެ ކުރިއެރުމެއް ލިބުނެވެ. އޭގެ ފަހުން 2022 ވަނަ އަހަރު އިންޑިއާގެ 241,382 ފަތުރުވެރިޔަކު ރާއްޖެ ޒިޔާރަތް ކުރި އެވެ. އެއީ ކުރީ އަހަރު ފަތުރުވެރިން އިތުރުވި އަދަދާ ބަލާއިރު 17 ޕަސެންޓުގެ ވެއްޓުމެކެވެ. ނިމިދިޔަ 2023 ވަނަ އަހަރު ރާއްޖެއަށް އިންޑިއާގެ 264,753 ފަތުރުވެރިން ރާއްޖެ އައެވެ. އެއީ ކުރީ އަހަރާ އަޅާބަލާއިރު 6.9 ޕަސެންޓުގެ ވެއްޓުމެކެވެ.
އިންޑިއާ މާކެޓު ވެއްޓުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ގެސްޓްހައުސްތަކާއި ދަށް ފަންތީގެ ރިސޯޓުތަކަށް ކަމަށް ޓުއަރިޒަމް އިޔާ ބުކް 2023 ގައި ބުނެފައިވެ އެވެ. ހާއްސަކޮށް ރާއްޖޭގައި ޓްރާންސިޓް ކުރާ އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ގެސްޓްހައުސްތައް މަގުބޫލު ކަމަށްވެ އެވެ.
"ޕެންޑެމިކު ތެރޭގައި އިންޑިއާ މާކެޓު ހިޔާރު ކުރީ ގެސްޓްހައުސްތަކުގައި މަޑު ކުރަން. އޭގެ ފަހުން ގެސްޓްހައުސްތައް އިންޑިއާ މާކެޓުގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވި. އަދި ހާއްސަކޮށް ޓްރާންސިޓް ފަސިންޖަރުންގެ މެދުގައި ގެސްޓްހައުސްތައް މަގުބޫލުވި،" ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީން ނެރޭ އިޔާ ބުކްގައި ބުނެފައި އޮތެވެ.
މާކެޓުގެ ވެއްޓުން: ސިޔާސީ ސަބަބު އަދި ބޯޑަރުތައް ހުޅުވުން
އިންޑިއާ މާކެޓަށް ބޮޑު ލޮޅުމެއް އައީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެ ގައުމުގެ ލަކްޝަދީޕަށް ވަޑައިގެން ގޮނޑުދޮށުގައި އިން ގޮނޑިއެއްގައި އިންނަވައި ނެންގެވި ފޮޓޯއެއްގެ ސަބަބުންނެވެ. އެއިރު ދިވެހި ސަރުކާރުން ދިޔައީ ޑިޕްލޮމެޓިކަލީ އިންޑިއާ ދުރުކޮށް ޗައިނާއާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕޮލިސީއަކީ ޗައިނާއަށް އިސްކަން ދިނުން ކަން އެންމެން ވެސް ދަނެ އެވެ. ނަމަވެސް ނިމިދިޔަ ފަސް އަހަރު އިންޑިއާއިން ރާއްޖެއާއެކު ގާއިމް ކުރި ގުޅުންތައް ދޫކޮށް، ފަހަތަށް ޖެހުމަކީ އިންޑިއާއަށް ވެސް ފަސޭހަ ކަމަކަށް ނުވި އެވެ.
ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު، ނަރެންދުރަ މޯދީއަށް މަލާމާތް ކުރީ ދެ ގައުމުގެ ގުޅުން ހީނަރުވަމުން ދަނިކޮށެވެ. ޖެނުއަރީ 6، ގައި ހިނގި އެ ކަންތައްގަނޑު ސޯޝަލް މީޑިއާގައި "ފަޅައިގެންދިޔަ" އެވެ. އިންޑިއާގެ ސޯޝަލް މީޑިއާ ބޭނުން ކުރާ މީހުން "ބޮއިކޮޓް މޯލްޑިވްސް" ގެ ނަމުގައި ކެމްޕެއިނެއް ވެސް ފެށި އެވެ.
އެކަންތައްގަނޑުގެ ތެރޭގައި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީއަށް ހާޒިރު ކުރި އެވެ. ރައްދުގައި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު މުނޫ މަހާވަރު ރާއްޖެއިން ވެސް ފޮރިން މިނިސްޓްރީއަށް ހާޒިރު ކުރި އެވެ.
ސޯޝަލް މީޑިއާގެ ޒުވާބު ފެށުނުތާ 24 ގަޑިއިރުގެ ތެރޭގައި ރައީސް ޑރ. މުއިއްޒު ރަސްމީ ދަތުރެއްގައި ޗައިނާއަށް ފުރާވަޑައިގެންނެވި އެވެ. އެމަނިކުފާނުގެ ދަތުރު ޖެނުއަރީ 13، ގައި ނިންމާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން މައްސަލަ ފިނި ކުރެއްވުމުގެ ބަދަލުގައި އިންޑިއާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވި އެވެ.
"ކުރީގައި، ދާދިފަހުން، ފަހަކާ ޖެހެންދެން ފެނުނީ، މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި ވެސް އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ،" އިންޑިއާއަށް އިޝާރާތް ކުރައްވާ ރައީސް މުއިއްޒު ވިދާޅުވި އެވެ. "ދިވެހިރާއްޖެ ކިތަންމެ ކުޑަ ނަމަވެސް ގަނާ ކުރުމުގެ ހައްގު އެއްވެސް ބަޔަކަށް ނުލިބޭ."
އިންޑިއާ މާކެޓު ވެއްޓުމުގެ ސަބަބުގެ ފަހަތުގައި ސިޔާސީ ހަމަނުޖެހުން އޮތް ނަމަވެސް މާކެޓު ވެއްޓުނީ ހަމައެކަނި އެ ސަބަބާ ހެދިއެއް ނޫނެވެ. ބައެއް ވިޔަފާރިވެރިން ބުނަނީ ޕެންޑެމިކަށްފަހު އެހެން ގައުމުތަކުގެ ބޯޑަރު ހުޅުވުން ވެސް އެއީ އިންޑިއާގެ މާކެޓު ވެއްޓުނު އެއް ސަބަބެވެ. ރާއްޖެއިން ފަތުރުވެރިންނަށް އޮފާ ކުރަނީ "ސްލޯ ލައިފް" އެކެވެ. ގޮނޑުދޮށްތަކާއި މޫދެވެ. އެކަމަކު، ބާޒާރު ކުރުމާއި ރޭގަނޑު މަޖާ ކުރުމާއި ދިގު ދަތުރު ކުރަން ވެސް އިންޑިއާގެ ފަތުރުވެރިން ބޭނުންވެ އެވެ. ރާއްޖޭގައި އެކަމެއް ނެތެވެ.
"ހަމައެކަނި ސިޔާސީ ކަންކަމާ ހެދިއެއް ނޫން މާކެޓު ވެއްޓުނީ. ޕެންޑެމިކަށްފަހު އެހެން ގައުމުތަކުގެ ބޯޑަރު ވެސް ހުޅުވުނީ. އިންޑިއާގެ މާކެޓު އަސްލު ހަމައެކަނި ބޭނުން ވަނީ ރާއްޖެ ކަހަލަ މަންޒިލެއް ނޫން. ޝޮޕިން ވެސް މުހިންމު،" ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ވިޔަފާރިއަކު ނޫހުގައި ނަން ނުޖެހުމަށް އެދި ބުންޏެވެ.
އިންޑިއާގެ ފަތުރުވެރިންގެ ދަތުރުތަކަށް ބަލާއިރު އެއަށް ބާރު ލިބޭ ކަންކަން އެބަހުއްޓެވެ. އެ ގައުމުގެ ފަތުރުވެރިކަމާ ބެހޭ އިދާރާއިން ނެރެފައިވާ ހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރު އެންމެ ގިނައިން އިންޑިއާގެ ފަތުރުވެރިން ދަތުރު ކުރީ ޔޫއޭއީ އަށެވެ. އިންޑިއާގެ 21 މިލިއަން މީހުން ފަތުރުވެރިންގެ ގޮތުގައި އެ އަހަރު ދަތުރުކުރިއިރު، އެންމެ ގިނައިން ދަތުރު ކުރި 10 ގައުމުގެ ތެރޭގައި ވެސް ރާއްޖެ ނުހިމެނެ އެވެ.
ވިޔަފާރިވެރިން ބޯގޮވައިފި: އެދެނީ ލީޑަރުން އިސްވެ މައްސަލަ ހައްލު ކުރަން
ވިޔަފާރިވެރިން ބުނާ ގޮތުގައި އިންޑިއާގެ ކޮންމެ ފަތުރުވެރިޔަކު ރާއްޖެ އައިސް އެވްރެޖުކޮށް 2500 ޑޮލަރު ހަރަދު ކުރެ އެވެ. އެ އަދަދަށް ބަލާ ނަމަ އިންޑިއާގެ ފަތުރުވެރިން މިދިޔަ އަހަރު އެކަނި ވެސް 661،882،500 ޑޮލަރު ރާއްޖެއަށް ވެއްދި އެވެ. އެއީ 10،206،228،150 ދިވެހި ރުފިޔާ އެވެ.
އެ ފައިސާ މަޑުމަޑުން މި ދަނީ މަދުވަމުންނެވެ. ގެއްލޭ ކޮންމެ ޑޮލަރަކީ ވިޔަފާރިވެރިންނަށް މަދުވި އެއްޗެކެވެ. އިގްތިސާދުގައި އެ ފައިސާ އަނބުރަން ލިބުނު ފުރުސަތެއް ގެއްލުނީ އެވެ. ދާއިރާ އަރައަރައި އޮއްވައި މަޑުޖެހުނީ އެވެ. މެދު ފަންތީގެ ވިޔަފާރިވެރިން އެންމެ ގިނައިން ނުކުންނަ ގެސްޓްހައުސް އިންޑަސްޓްރީގައި އޮބި އެޅުނީ އެވެ.
"އޮކިއުޕަންސީ އަށް ވަރަށް ބޮޑަށް އަސަރުކޮށްފި. އޮފް-ސީޒަނުގައި ވެސް ވަރަށް ރަނގަޅަށް ދިޔަ މާކެޓެއް އިންޑިއާ މާކެޓަކީ. އަޅުގަނޑަށް މިހެން ހުރެލާފަ ނަންބަރުން ބުނަން އުނދަގޫ، އެކަމަކު ވަރަށް ބޮޑު ގެއްލުމެއް ވާނެ މުޅި އިންޑަސްޓްރީއަށް ބަލަންޏާ،" ގެސްޓްހައުސް ވިޔަފާރީގައި އުޅޭ މީހަކު ބުންޏެވެ.
ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ މަސައްކަތް ކުރާ އެހެން ވިޔަފާރިވެރިއަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ، އިންޑިއާގެ މާކެޓު ވެއްޓުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވާނީ ގެސްޓްހައުސް އަދި މެދު ފަންތީގެ ރިސޯޓުތަކަށް ކަމަށެވެ.
"މުޅި ދާއިރާއަށް މީގެ އަސަރު ކުރާނެ. އެކަމަކު އެންމެ ބޮޑަށް އަސަރެއް ކުރާނީ ޖެނެރަލް އެވްރެޖު ޓުއަރިސްޓު ޕްރޮޕަޓީސްއަށް. އެއީ ގެސްޓްހައުސްތައް އަދި މީޑިއަމް ކެޓަގަރީގެ ރިސޯޓުތައް. ވ. އަތޮޅުގެ ތަންތަން މިހާރު ވެސް އެ އުޅެނީ އޮކިއުޕެންސީ ވަރަސް ދަށްކޮށް،" އޭނާ ކިޔައިދިނެވެ.
މި ނޫހުން ވާހަކަ ދެއްކި ވިޔަފާރިވެރިން ބުނަނީ، އިންޑިއާ މާކެޓު ހިއްލާލެވޭނީ ވިޔަފާރިވެރިންގެ އިތުރުން ސަރުކާރުގެ އިސް ލެވެލްއެއްގައި ވެސް ބުރަކޮށް މަސައްކަތްކޮށްގެން ކަމަށެވެ. ނަމަވެސް އެކަން ނުވާނެ ކަމަށް އެއްވެސް މީހަކު ނުބުނެ އެވެ.
"އަޅުގަނޑު މިހާރު ވެސް މި ހުރީ އިންޑިއާގަ. މިތަނުގެ ޓެކްސީއަކަށް އެރިޔަސް އެބަ ދައްކާ ބޮއިކޮޓް މޯލްޑިވްސްގެ ވާހަކަ. އެމީހުންނަކީ ވަރަށް ވަތަނީ ބައެއް އަސްލު. ސަރުކާރުގެ އިސް ލެވެލްއެއްގައި މިކަމަށް އެޑްރެސްކޮށްގެން މައްސަލަ ހައްލުވާނީ. ޓްރޭޑް ޝޯތަކާ އެއްޗެހި ވެސް ބާއްވަންޖެހޭ. މިހާރު ވެސް އެބަ އުޅޭ ރޯޑް ޝޯއެއް ބާއްވަން. އެއީ ވެސް ރަނގަޅު ކަމެއް،" އެހެން ވިޔަފާރިވެރިއަކު ބުންޏެވެ.
ނަމަވެސް އިންޑިއާ އާއި ރާއްޖެއާ ދެމެދު ޖެހިފައި އޮތް މައްސަލަ ހައްލު ކުރަން ސަރުކާރުގެ މަތީ ފެންވަރުގައި މަސައްކަތް ނުކުރާ ކަމަށް ބައެއް ވިޔަފާރިވެރިން ބުންޏެވެ. ހާރިޖީ ވަޒީރު މޫސާ ޒަމީރު މި ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުގައި ވެސް އެކަމަށް އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރައްވާކަން ބައެއް މީހުން ބުނެ އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ލެވެލްގައި މަސައްކަތްކޮށްގެން ކަންނޭނގެ މިކަން ވާނީ. ފޮރިން މިނިސްޓަރު އެކަނި އަދި އިންޑިއާއަށް ވަޑައިގެންނެވީ ވެސް. ވަޑައިގެން ވެސް ވަރަށް ވަނދު ގޮތަކަށް ދިޔައީ. ބިޒްނަސް ކޮމިޓީ މީޓިން އެއްވެސް ނުބާއްވާ،" ކުރިން ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުންޏެވެ.
-
އިންޑިއާގެ ފަތުރުވެރިންނަށް ނޫނެކޭ ބުނެވޭ ވަރުގެ ގާބިލުކަމެއް ރާއްޖެއަކު ނެތެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައި ދަނީ އެ ގައުމުގެ ފަތުރުވެރިންގެ ވެސް ދައުރެއް އޮވެގެންނެވެ. އިންޑިއާގެ ފަތުރުވެރިން ހަރަދު ކުރާ ފައިސާ އަހަރުމެން ބޭނުންވެ އެވެ. އެ އެތިކޮޅު ގެއްލުމުން، ގެއްލުންވާނީ ހަމައެކަނި ވިޔަފާރިވެރިންނަކަށް ނޫނެވެ. އެއީ މުޅި އިގްތިސާދަށް ވެސް ލިބޭނެ ދެރައެކެވެ.












