އިންޑިއާގެ ވެރިރަށް، ނިއުދިއްލީގެ ކުޑަކުދިންގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ، ހަތް ތުއްތު ކުދިން މަރުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ހަވީރު، ބޭބީ ކެއާ ހޮސްޕިޓަލްގައި އަލިފާނުގެ ހާދިސާ ހިނގިއިރު އެ ހޮސްޕިޓަލްގައި ތިބި އަލަށް އުފަންވި 12 ތުއްތު ކުދިން އެހެން ތަނަކަށް ގެންދެވުނު ކަމަށާއި ނަމަވެސް އޭގެ ތެރެއިން ފުރާނަ ސަލާމަތް ކުރެވުނީ ފަސް ކުދިން ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.
އެހާދިސާ އަށް ފަހު ހޮސްޕިޓަލްގެ ވެރިމީހާ ވަނީ ފިލައިފަ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ވިދާޅުވީ އެއީ "ހިތް ފަޅައިގެންދާ" ފަދަ ހާދިސާއެއް ކަމަށާއި އިހުމާލުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކަށް ސަލާމަތް ނުވެވޭނެ ކަމަށެވެ.
ދަ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ބުނީ އަލިފާން ނިއްވަން 14 ފަޔާ ޓްރަކް ހަރަކާތްތެރިވި ކަމަށާއި، ނަމަވެސް އޮކްސިޖަން ސިލެންޑަރުތައް އެތަނުގައި ހުރުމުން އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރުނު ކަމަށެވެ.
އިންޑިއާގައި އަލިފާނުގެ ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ. މިގޮތުން ގުޖުރާތުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއެއްގައި ވެސް 24 މީހަކު ވަނީ މަރުވެފަ އެވެ.










