ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބާއްވާ ހަތް ވަނަ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.
މި ކޮންގްރެސް އޮންނާނީ ޖުލައި 9، އިން ޖުލައި 11، އަށް ކުރުނބާ މޯލްޑިވްސްގަ އެވެ.
ކޮންގްރެސްގައި އެއާލައިންތަކުންނާއި ޓޫރިޒަމް ބޯޑުންތަކުންނާއި އެވިއޭޝަން އޮތޯރިޓީތަކުންނާއި އޭވިއޭޝަން ސަޕްލަޔަރުންގެ އިތުރުން އެހެން ތަންތަނުން 200 އަށް ވުރެ މީހުން ބައިވެރިވެ އެވެ.
ކޮންގްރެސްގެ ސަބަބުން އެކި ފަރާތްތަކުގެ ގުޅުން ބަދަހިކުރަން ފުރުސަތު ފަހިވެ، އެއް ބަޔަކު އަނެއް ބަޔަކު ދަންނަން ފަސޭހަވެގެންދާނެ ކަމަށް މިކަން އިންތިޒާމުކުރާ ފަރާތްތަކުން ބުނެ އެވެ.
ދިރާގުގެ ޗީފް ކޮމާޝަލް އޮފިސާ އަލީ ރިޔާޒް ވިދާޅުވީ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަށް ފުރުސަތު ލިބުމުން އުފާވާ ކަމަށާއި، އިވެންޓަށް ދޭން ޖެހޭ ފުރިހަމަ ސަޕޯޓު ދޭނެ ކަމަށެވެ.
މީގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ދިރާގުން މި ކޮންގްރެސްއަށް ސަޕޯޓުދީ މިކަމުގައި ބައިވެރިވުމުން ޝުކުރު އަދާކުރާ ކަމަށެވެ.
ދިރާގުން އަބަދުވެސް މިކަހަލަ އިވެންޓުތަކަށް ދޭން ޖެހޭ އެއްބާރުލުންދެ އެވެ. މިގޮތުން ކުޅިވަރުގެ ދާއިރާ އާއި އެކި ކޮމިއުނިޓީތަކަށް ވެސް އަބަދު އެހީތެރިވެ އެވެ.










