އުރީދޫ މޯލްޑިވްސްގެ ފަން ރަން ލ. ގަމުގައި އަންނަ ޖުލައި މަހު ބާއްވާނެކަން އިއުލާންކޮށް، ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ.
އުރީދޫއިން ބުނީ ޖުލައި، 5 ގައި ބާއްވާ ފަން ރަން ލާމު އެޑިޝަންގައި އޮންލައިން ފޯމް ފުރައިގެން ރަޖިސްޓްރީވެވޭނެ ކަމަށާއި، ޖޫން، 10 ގެ ނިޔަލަށް ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލެވިފައިވާނެ ކަމަށެވެ.
ފަސް ކިލޯ މީޓަރު ހިމެނޭ މި ދުވުމުގައި ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި ވާއިރު، އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ދުވުމުގައި ބައިވެރިވެވޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.
އުރީދޫއިން ބުނީ މި ދުވުމުގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށާއި، މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް ރޭސް ނިންމިދާނެ ކަމަށެވެ.
އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ލާމު އަތޮޅަށް ފަން ރަން ގެންދިއުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ހުރިހާ އުމުރުފުރާއެއްގެ މީހުނަށް މަޖާ އަދި ގުޅުން ބަދަހި ކުރެވޭފަދަ ހަރަކާތެއް ބޭއްވުން ކަމަށެވެ.
"މިއީ ހަމައެކަނީ ދުޅަހެޔޮ ސިއްހަތަށް ކުރާ ކަމެއް ނޫން، ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި އެންމެނަށް ބައިވެރިވެވޭ ކަހަލަ ހަރަކާތްތައް ބޭއްވުމަކީ އުރީދޫއިން އަބަދުވެސް މަސައްކަތްކުރާ ކަމެއް. މި އުފާވެރި ހަރަކާތުގައި ގިނަ ފަރާތްތަކުން ބައިވެރިވާނެކަމަށް އުއްމީދުކުރަން،" ހާލިދު އަލް ހަމާދީ ބުންޏެވެ.
އުރީދޫ ފަން ރަން ލާމު ކިޓްތައް ލިބެން ހުންނަ ދެ ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100ރ. އެވެ. އަދި 200ރ. އަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް، އައިނު އަދި ބަންޑާނާ ހިމެނެ އެވެ.
ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. ދުވުމުގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިން ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި 5،000 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފަ އެވެ.










