މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މަމްސް އެއިޑްގެ "ބެކް ޓު ސޫކޫލް 2024" ޕްރޮގްރާމުގައި ދިރާގުން ބައިވެރިވެއްޖެ އެވެ.
ދިރާގުން ބުނީ ބެކް ޓު ސްކޫލް ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދިރާސީ އައު އަހަރު ފެށޭއިރު މުޖުތަމައުގައި އެހީއަށް ބޭނުންވަފައި ތިބި އާއިލާތަކުގެ ތެރެއިން ހާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުން ކަމަށެވެ.
މި މައިންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ބަލި ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ފަރާތްތައް ވެސް ހިމެނޭ ކަމަށް ދިރާގުން ބުނެ އެވެ.
"މި ޕްރޮގްރާމުގެ ދަށުން މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ދިރާސީ އައު އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ އާއިލާތަކުގެ ކުދިންނަށް ބޭނުންވާ ބޫޓު، އިސްޓާކީނު ދަބަސް، ޔުނީފޯމް ސެޓް އަދި ސްޓޭޝަނަރީ ފޯރުކޮށްދެވޭނެ،" ދިރާގުން ބުންޏެވެ.
ދިރާގުގެ އެހީތެރިކަމާއެކު ބެކް ޓު ސްކޫލް ޕްރޮގްރާމުގައި މަމްސް އެއިޑް ކެއާ ލިސްޓުގައި ހިމެނޭ ޕްރީސްކޫލް ލެވެލްގެ ދަރިވަރުންނަށް މިތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެ އެވެ.
މަމްސް އެންޖީއޯއަކީ މުޖުތަމައުގައި އެހީތެރިކަން ބެނުންވެފައިވައިތިބި ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯއެކެވެ.
މަމްސް އެއިޑާއެކު ދިރާގުން ކުރިއަށް ގެންދާ މި ޕާޓްނާޝިޕް މަގްސަދަކީ، މި އާއިލާތަކަށް އެއްބާރުލުން ދިނުމާއި ހާއްސަކޮށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މައިންނަށް އެހީތެރިކަން ފޯރުކޮށްދީ އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުން ކަމަށް ދިރާގުން ބުންޏެވެ.










