މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޝިފާޒު ސަސްޕެންޑުކޮށްފި އެވެ.
ވަޒީފާ އަށް ނުނިކުމެ ގޭގައި މަޑުކުރަން ރައީސް އޮފީހުން ޝިފާޒު އަށް އަންގާފައިވާކަން، ސަރުކާރުގެ ބައެއް އިސް އޮފިޝަލުން "އަދަދު" ނޫހަށް ކަށަވަރުކޮށް ދެއްވި އެވެ.
ސަސްޕެންޝަނާ ގުޅޭ ގޮތުން ޝިފާޒު އަށް ގުޅުމުން އެކަން އޭނާ ދޮގެއް ނުކުރައްވަ އެވެ.
ނަމަވެސް ސަސްޕެންޑުކުރި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ޝިފާޒު ސަސްޕެންޑުކުރިއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްގައި ވާހަކަ ދެއްކި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު އަދިވެސް ތިބީ ސަސްޕެންޝަންގަ އެވެ.

ޖެނުއަރީ މަހު ކުރީކޮޅު އެ ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑުކުރީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށާއި އެ ފިޔަވަޅު އެޅީ ތުހުމަތު ކުރެވުނު މައްސަލަ އިތުރަށް ބެލުމަށް ކަމަށް، ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު އޭރު ވިދާޅުވެފައިވެ އެވެ. އެ ތިން ބޭފުޅުން ސަސްޕެންޑުކޮށްފައި ވަނީ މުސާރަ ހިނގާ ގޮތަށެވެ.













