ހައްޖު މޫސުމަށް ހާއްސަކޮށް އުރީދޫއިން ސައުދީ ޕާސްޕޯޓުގެ ނަމުގައި ރޯމިންގް ސިމެއް މިއަދު ތައާރަފުކޮށްފި އެވެ.
އުރީދޫއިން ބުނީ މިއީ ހައްޖަށް ދާ މީހުންނަށް ފަސޭހަކަމާއެކު ރާއްޖޭގައި ތިބި އާއިލާ އަދި ރައްޓެހިންނާއި މުއާމަލާތްކޮށް ގުޅުން މެދުނުކެނޑި ބޭއްވުމުގެ މަގުސަދުގައި ތައާރަފުކުރެވުނު ސިމެއް ކަމަށެވެ.
ހައްޖުގެ މާތް އަޅުކަމުގެ ދަތުރުގައި ކޮންމެ އަހަރަކު ވެސް އެތައް ހާސް ދިވެހިންނެއް މައްކާއަށް ދަތުރުކުރާއިރު، ސައޫދީ ޕާސްޕޯޓާއެކު އުރީދޫގެ އަމާޒަކީ ކަސްޓަމަރުންގެ މި މާތް ދަތުރުގައި ގާތް ތިމާގެ މީހުންނާ ގުޅިފައި ތިބުމާއި ޒަރޫރީ ހިދުމަތްތައް ހޯދައިދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި ސިމަކީ 15 ޖީބީ ޑޭޓާ، 60 މިނެޓުގެ ކޯލުކުރުމާއި، 60 އެސްއެމްއެސް ރޯމިންގްގައި ބޭނުންކުރެވޭ ގޮތަށް ބަންޑެލް ކުރެވިފައިވާ ސިމެކެވެ. އަދި ބޭނުން ކުރެވޭ ޑޭޓާއަށް ނަގާނީ އެމްބީއަކަށް 99 ލާރި އެވެ.
އުރީދޫއިން ބުނީ ހައްޖު މޫސުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މި ސިމާއެކު ކޮންމެ ކަސްޓަމަރަކަށް ވެސް ގުޅުމާއި، އެސްއެމްއެސް އަދި ޑޭޓާ ރަގަޅު އަގެއްގައި ބޭނުންކުރެވޭނެ ކަމަށެވެ.
"އުރީދޫގެ ހަރުދަނާ ރޯމިންގް ކަވަރޭޖާއި އެކު ކަސްޓަމަރުންނަށް ހައްޖުގެ ހުރިހާ ސައިޓެއްގައި މުއާމަލާތްކުރުމުގެ ފަސޭހަ ލިބިގެންދާނެ. ސައުދީ ޕާސްޕޯޓް ބޭނުންކުރުމަށް ފޯނަށް ސިމް ލައްވާލުމަށްފަހު އެކްޓިވޭޓް ކުރެވޭނެ،" އުރީދޫއިން ބުންޏެވެ.

އުރީދޫއިން ހައްޖު މޫސުމަށް ހާއްސަ ސައުދީ ޕާސްޕޯޓް ޓްރެވަލް ސިމެއް ތައާރަފުކުރުން -- ފޮޓޯ: އުރީދޫ
ސިމް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ސައުދީ ޕާސްޕޯޓް ޓްރެވަލް ސިމް ތަޢާރަފްކުރުމަކީ ހައްޖުވެރިންނަށް ލުއިފަސޭހަކަމާއެކު ސައުދީ އަރަބިއްޔާގައި ހުރެގެން ރާއްޖެއަށް ގުޅާލުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި މަސައްކަތުގެ ސަބަބުން ހައްޖުގެ ބަރަކާތްތެރި އަޅުކަމުގައި އުޅޭ ފަރާތްތަކަށް މުވާސަލާތު ކުރުން ފަސޭހަވެ، މުޖުތަމައުގެ ބޭނުންތައް ފުއްދައިދިނުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް އުރީދޫއިން ކުރާ މަސައްކަތުގެ މިސާލުވެސް ފެނިގެންދާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އާއިލާ އާއި ރައްޓެހިންނާ ދުރުގައި ތިބޭ މިފަދަ މުހިންމު ދަނޑިވަޅެއްގައި ކަނެކްޓިވިޓީ އަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި، އުރީދޫ ސައޫދީ ޕާސްޕޯޓުން ކަސްޓަމަރުންނަށް އިތުބާރު ހިފޭ އަދި ހެޔޮ އަގެއްގައި މުވާސަލާތީ ހައްލުތަކެއް ފޯރުކޮށްދޭނެ ކަމަށެވެ.
އުރީދޫއިން އަންނަނީ އަބަދުވެސް ރާއްޖޭގެ ރައްޔިތުންނަށް މިފަދަ ލުއި ފަސޭހަ ގޮތްތައް ހޯދުމަށް މަގުފަހި ކޮށްދީ އާ ކަންތައްތައް ތައާރަފް ކުރަމުންނެވެ.










