އިންޑިއާގެ ބޮޑު ސަރަހައްދެއްގައި ހޫނުމިން މަތިވެގެން ގިނަ ސްޓޭޓުތަކެއްގެ ސްކޫލްތައް ބަންދުކޮށްފި އެވެ.
ސްކޫލްތައް ބަންދުކޮށްފައިވާ ސްޓޭޓުތަކުގެ ތެރޭގައި ޕަންޖާބު، ހަރްޔާނާ، ދިއްލީ، މަދްޔަ ޕްރަދޭޝް އަދި ރާޖަސްތާން ހިމެނެ އެވެ.
އެކި ސްޓޭޓުތަކުން ސްކޫލްތައް އެކި މުއްދަތަށް ބަންދުކޮށްފައިވާއިރު، ބައެއް ސްކޫލްތަކަށް ވަނީ ސަމާ ހޮލިޑޭސް ވެސް ދީފަ އެވެ.

މިގޮތުން ޕަންޖާބުގައި މާދަމާއިން ފެށިގެން ޖޫން 3، ގެ ނިޔަލަށް ސަމާ ބްރޭކް ދީފައިވާއިރު، ހަރްޔާނާގައި ވަނީ ޖޫން 1، އިން ފެށިގެން ޖޫން 30، ގެ ނިޔަލަށް ސަމާ ބްރޭކް ދީފަ އެވެ. އަދި ހަރްޔާނާގައި ވަނީ ބްރޭކް ފެށެންދެން ސްކޫލަށް ދާން ޖެހޭ ވަގުތު ކުޑަކޮށްފަ އެވެ.
ދިއްލީގައި މެއި 11، އިން ފެށިގެން ސަމާ ބްރޭކް ފަށާފައިވާއިރު، ސަމާ ބްރޭކް ޖޫން 30، ގެ ނިޔަލަށް ދަންމާލަން ވަނީ ނިންމާފަ އެވެ. މިގޮތުން ސަމާ ބްރޭކް ދިއްލީއަށް 50 ދުވަސް ވަންދެން ލިބޭނެ އެވެ.
މަދްޔާޕްރަދޭޝްގައި ސަމާ ބްރޭކް މެއި 1، ގައި ފަށާފައިވާއިރު، ބްރޭކް ޖޫން 15، ގެ ނިޔަލަށް ވަނީ ދަންމާލާފަ އެވެ. އަދި ރާޖަސްތާނުގައި ވަނީ މެއި 17، އިން ފެށިގެން ޖޫން 30، ނިޔަލަށް ސަމާ ބްރޭކް ދީފަ އެވެ.
ހޫނުގަދަވާނެ ކަމަށް ލަފާކޮށް އެލާޓް ނެރެފައިވާ ސްޓޭޓުތަކުގެ ތެރޭގައި ބިހާރު، އީސްޓް ރާޖަސްތާން، ގުޖުރާތުގެ އިތުރުން ބައެއް އެހެން ސްޓޭޓުތައް ވެސް ހިމެނެ އެވެ.
ބަންގްލަދޭޝްއަށް މިދިޔަ މަހު ހޫނުގަދަވުމުގެ ސަބަބުން އެ ގައުމުގެ ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި ފަހުން ސްކޫލް ހުޅުވީ ދާން ޖެހޭ ވަގުތު ކުޑަކޮށްގެންނެވެ.










