ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓު ކުރަން މި ސަރުކާރުން އުފެއްދި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްއެފްއޯއާރުއެމްޕީސީ) ގެ ބޯޑު އެކުލަވާލައިފި އެވެ.
ސަރުކާރު ކުންފުނިތަކަށް އައްޔަނުކުރި ބޯޑު މެމްބަރުން ހާމަކޮށް، ކުންފުނިތަކުގެ ބެލެނިވެރި އިދާރާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުރި އިއުލާނެއްގައި ވަނީ މި ކުންފުނީގެ ބޯޑަށް އައްޔަނުކުރި ފަސް މީހުންގެ ނަން ހާމަކޮށްފަ އެވެ.
އެމްއެފްއޯއާރުއެމްޕީސީގެ ބޯޑަށް އައްޔަނުކުރީ;
- އަހުމަދު ޒަރީރު - މެނޭޖިން ޑިރެކްޓަރު
- މުންޝިދާ އިބްރާހިމް - ބޯޑު މެމްބަރު
- އަހުމަދު ޝިފާޒް - ބޯޑު މެމްބަރު
- އަހުމަދު ޔާމީން - ބޯޑު މެމްބަރު
- އާދަމް މަނިކު - ބޯޑު މެމްބަރު
ސަރުކާރުން ހުސްވި އަހަރުގެ ޑިސެމްބަރުގައި އުފެއްދި މި ކުންފުނީގެ ބޭނުމަކީ، ސަރުކާރުން ބުނާ ގޮތުގައި، އެކުއަކަލްޗާ އާއި މެރިކަލްޗާ އާއި ކަނޑުގެ ހުރިހާ ވަސީލަތްތަކެއް ހިމެނޭހެން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކޮށްގެން އޭގެން ލިބޭ މަންފާ އިތުރުކުރުމެވެ.
އެގޮތުން, މި ކުންފުނިން ދިވެހި އުފެއްދުންތަކަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް އެ ތަކެތި ޕްރީމިއަމް ޕްރޮޑަކްޓެއްގެ ގޮތުގައި ރާއްޖެ އާއި ބައިނަލްއަގުވާމީ ބާޒާރުގައި ވިއްކުމާއި އާ މާކެޓުތައް ހޯދުން ހިމެނެ އެވެ.
މަސް ޕްރޮމޯޓުކުރާ ކުންފުނި ވެސް ހިންގަން ހަމަޖެހިފައިވަނީ ޓޫރިޒަމް އިޝްތިހާރުކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިންގާ ވައްޓަފާޅިއަށެވެ. ސަރުކާރުން ބުނަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން، ޓޫރިޒަމް ފަދައިން މަސްވެރިކަން ވެސް އިޝްތިހާރު ކުރުން މުހިންމު ކަމަށެވެ.
މި ކުންފުންޏަށް މި އަހަރަށް ކަނޑައެޅީ 37 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.











