މާލޭ ވިޔަފާރި ބަނދަރުގެ ބަދަލުގަ ތިލަފުށީގައި ޓްރާންޝިޕްމަންޓް ބަނދަރު ތަރައްގީ ކުރުމަށް ޝައުގުވެރިވާ ބޭރުގެ ބައެއް ފަރާތްތަކާއެކު މަޝްވަރާ ކުރަމުން ދާކަމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
ސަރުކާރުން ވަނީ ތިލަފުށީގަ ބަނދަރު ތަރައްގީ ކުރުމަށް 20 ހެކްޓަރުގެ ބިމެއް ހަމަޖައްސައި ކޮންސެޕްޓް ޑިޒައިން އެކުލަވާލައިފަ އެވެ. ކުރީ ސަރުކާރުން ގުޅިފަޅުގައި އަޅަން ނިންމި ބަނދަރު ތިލަފުއްޓަށް ބަނދަލުކުރިކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މި އަހަރުގެ ޖެނުއަރީ ހަތަރު ވަނަ ދުވަހު އެވެ.
"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިލަފުށި ބަނދަރު ތަރައްގީ ކުރުމަށް އިންވެސްޓަރަކު ހޯދުމަށް، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް ދާދި ފަހުން ވަނީ ޕިލިޕީންސްއަށް ދަތުރެއް ކުރައްވާފަ އެވެ.
އެ ދަތުރާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވަޖީހު ވިދާޅުވީ "ތިލަފުށި ޕޯޓް ތަރައްގީ ކުރުމާ ބެހޭ ގޮތުން، އެކަމަށް ޝައުގުވެރިކަން ހުރި ބޭރުގެ ބައެއް ފަރާތްތަކާއި އެކު މިގެންދަނީ މަޝްވަރާ ކުރަމުން،" ކަމަށެވެ.
މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް މިދިޔަ ޖެނުއަރީ މަހު ވަޖީހު ވިދާޅުވެފައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީން ގެ ސަރުކާރުން، ތިލަފުށީގަ ތަރައްގީ ކުރުމަށް ހަމަޖައްސާފައި އޮތް ވިޔަފާރި ބަނދަރު ޕްރޮޖެކްޓު، މިދިޔަ ސަރުކާރުން ތަރައްގީ ކުރުމަށް ނިންމީ ގުޅިފަޅުގަ އެވެ.
އެތަނުގަ އަހަރަކު 400،000 ކޮންޓެއިނަރު ބެލޭވަރުގެ ޕޯޓެއް އަޅަން އިންޑިއާގެ އެގްޒިމް ބޭންކުން 300 މިލިއަން ޑޮލަރު (5 ބިލިއަން ރުފިޔާ) ލޯނެއް ސަރުކާރުން ނެގި އެވެ.
ބަނދަރުގެ މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޖުލައި މަހު ހަވާލުކުރީ ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ އެވެ. އެ ކުންފުނިން ވަނީ މީގެ މަހެއް ވަރު ކުރިން އެ މަސައްކަތް ކޮށް ނިންމާލާފަ އެވެ.











