މެޑްރިޑް (މެއި 13) - ރެއާލް ބެޓިސް އަށް ކުޅެމުން އަންނަ ސްޕެއިންގެ ވިންގާ އިސްކޯ އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާާރާތުގައި ކުޅެން ބޭނުންވާ ކަމަށް ބުނެފި އެވެ.
ސްޕެއިން އަށް މީގެ ކުރިންވެސް ޔޫރޯގައި ކުޅެދިން އިސްކޯ މިދިޔަ ދެ ސީޒަނެއްގައި ރެއާލް މެޑްރިޑާ އެކު, އެންމެ އެކަށޭނަ ކުޅުމެއް ނުދެއްކުނުއިރު، އޭނާ ވަނީ މި ސީޒަނުގައި ރެއާލް ދޫކޮށް ބެޓިސް އަށް ބަދަލުވެފަ އެވެ.
ބެޓިސްއާ އެކު, ކާމިޔާބު ސީޒަނެއް އިސްކޯ ހޭދަކުރިއިރު, އޭނާ ވަނީ ސްޕެނިޝް ލީގުގައި މި ސީޒަނުގައި ބެޓިސް އަށް ކުޅެދިން 28 މެޗުގެ ތެރެއިން 19 މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.
އިސްކޯ ބުނީ އަލުން އެނބުރި ސްޕެއިން އަށް ކުޅެދޭން ބޭނުންވާ ކަމަށާއި, އެގޮތުން މި އަހަރުގެ ޔޫރޯ އަަށް ސްޕެއިނުން ނަގާ ސްކޮޑުގައި އޭނާ ހިމެނޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ސްޕެއިން ތަމްސީލުކުރަން ލިބޭ ކޮންމެ ފުރުސަތަކީ ވެސް ލިބޭ ފަހުރެއް ކަމަށް އިސްކޯ ވަނީ ބުނެފަ އެވެ.
"މިއަހަރު ބެޓިސް އާއެކު, ކާމިޔާބު ސީޒަނެއް ހޭދަކުރެވިއްޖެ. ޕާސަނަލީ މިއީ އަހަރެން އަށް މީގެ ތިންވަރަކަށް އަހަރު ކުރިން އަހަރެން ހުރި ހިސާބު. އެ ފެންވަރަށް މި ސީޒަނުގައި ކުޅެވިއްޖެ" އިސްކޯ ބުންޏެވެ.
"ސްޕެއިން އާއެކު, ކޮންމެ މުބާރާތެއްވެސް ކުޅެން ބޭނުންވޭ. އެއީ ފަހުރެއް. ޔޫރޯގައި ކުޅުން އެއީ އަހަރެންގެ އަމާޒު އެކަމަށް ވަރަށް މަސައްކަތް ކުރެވިއްޖެ" އިސްކޯ ބުންޏެވެ.
ރެއާލާއެކު, ހަތަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިސްކޯ ވަނީ އެ ޓީމާއެކު ސްޕެނިޝް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ. އިސްކޯ ރެއާލް ދޫކޮށްލީ އެ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ގެއްލުމުންނެވެ.












