ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް އިންޑިއާ މީހުން ފޮނުވާ ބަޔަކު އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ އެ ގައުމުން އެޕްރިލް 24, ގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ރަޝިޔާގެ ޑިފެންސް މިނިސްޓްރީގައި މަސައްކަތްކުރާ ދެ މުވައްޒަފަކާއި ރެކްރޫޓްކުރި ދެ އިންޑިއާ މީހުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިތުރު ބަޔަކު ހައްޔަރުކުރުން އެކަށީގެންވާ ކަމަށް ވެސް އިންޑިއާ ނޫސްތަކުން ވަނީ ބުނެފަ އެވެ.

"ހައްޔަރުކުރި ރަޝިޔާ ދެމީހުންގެ ތެރެއިން އެކަކަކީ ރަޝިޔާގެ ޑިފެންސް މިނިސްޓްރީގައި ތަރުޖަމާކުރުމުގެ ކޮންޓްރެކްޓު ވަޒީފާއެއް އަދާކުރާ މީހެއް. އަދި އޭނާއަކީ މި ނެޓްވޯކުގެ އެންމެ އިސް ފަރާތް ކަމަށް ތުހުމަތުކުރޭ. އެމީހުން މަސައްކަތް ކުރަމުން އައީ އިންޑިއާ މީހުން ރަޝިޔާގެ އަސްކަރިއްޔާއަށް ވެއްދުމަށް،" އިންޑިއާ ނޫސްތަކުން ބުންޏެވެ.
މީގެ އިތުރުން މިހާތަނަށް ބައެއް މީހުން ރެކްރޫޓުކޮށް ރަޝިޔާއަށް ފޮނުވާފައިވާ ކަމަށް ވެސް ތުހުމަތު ކުރެވޭއިރު، އޭގެ ތެރޭގައި އޮޅުވާލައިގެން ގެންދިޔަ މީހުން ވެސް ހިމެނޭ ކަމަށް ބެލެވޭ އެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށީ 2022 ގަ އެވެ. އޭގެ ފަހުން ރަޝިއާއިން ވަނީ ޔޫކްރެއިންގެ ބޮޑު ބަައެއް ހިފައިފަ އެވެ. އަދި އެކަމާ ދެކޮޅަށް ދުނިޔޭގެ ގިނަ ގައުމުތަކުން އަންނަނީ އަޑު ވެސް އުފުލަމުންނެވެ.










