ލަކްނައު، އިންޑިއާ (އޭޕްރީލް 13) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ތާވަލުގެ ފުލުގައި އޮތް ދިއްލީ ކެޕިޓަލްސް އިން ހަ ވިކެޓުން ލަކްނައު ސުޕަ ޖަޔަންޓްސް ބަލިކޮށް، މި ސީޒަނުގެ ދެ ވަނަ މޮޅު ހޯދައިފި އެވެ.
ރޭގެ މޮޅާ އެކު، ދިއްލީ ވަނީ ލީގު ތާވަލުގައި ފިޔަވަޅެއް ކުރިއަށް ޖެހިލައިފަ އެވެ. ކުރިން ތާވަލުގެ ފުލުގައި އޮތް ދިއްލީ ކުރިއަށް ޖެހިލުމާ އެކު، އެންމެ ފަހަތަށް ވެއްޓުނީ، ރޯޔަލް ޗެލެންޖާސް ބެންގަލޫރު އެވެ. ހަ މެޗުން ދިއްލީ ދެ ވަނަ މޮޅު ހޯދިއިރު، ބެންގަލޫރު މޮޅުވީ އެންމެ މެޗަކުންނެވެ.
ލަކްނައު އަށް ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ ކުޅެން އަރާށެވެ. އެ ގޮތުން، 20 އޯވަރުގެ ތެރޭގައި ލަކްނައު އިން ވަނީ ހަތް ކުޅުންތެރިން ނުބައިވިއިރު، 167 ލަނޑު ހަދައިފަ އެވެ. ލަކްނައު ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިިދިނީ، ނުބައިނުވެ 35 ބޯޅައިން 55 ލަނޑު ހެދި އަޔޫޝް ބަދޯނީ އެވެ. އެ ޓީމުގެ ކެޕްޓަން، ކޭއެލް ރާހުލް ވަނީ 22 ބޯޅައިން 39 ލަނޑު ހަދައިފަ އެވެ.
މި އިނިންސްގައި ދިއްލީގެ ކުލްދީޕް ޔާދަވް ވަނީ ތިން ވިކެޓް ނަގައިފަ އެވެ.
ދިއްލީ މޮޅުވީ، ޖަވާބުގައި ކުޅެން އަރައި، 18.1 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވިއިރު، 170 ލަނޑު ހަަދައިގެންނެވެ. ދިއްލީ މޮޅު ކޮށްދިނުމުގައި ފެނުނީ ޓީމުގެ ކެޕްޓަން، ރިޝަބް ޕާންޓް އާއި ޖޭޖް ފްރޭޒާ-މެކްގާކްގެ ޕާޓްނަޝިޕް އެެވެ. އެ ގޮތުން މެކްގާކް ވަނީ 35 ބޯޅައިން 55 ލަނޑު ހަދައިފަ އެވެ. ޕާންޓް ނުބައިވީ 24 ބޯޅައިން 41 ލަނޑު ހަދައިފައިވަނިކޮށެވެ.
ދިއްލީން ފުރަތަަމަ މޮޅު ހޯދީ އެންމެ ފަހުގެ ޗެމްޕިއަން، ޗެންނާއި ސުޕަ ކިންގްސް ބަލިކޮށްގެންނެވެ.
އައިޕީއެލްގައި މިރޭ ކުޅޭ މެޗުގައި، ޕަންޖާބް ކިންގްސް ކުޅޭނީ ރާޖަސްތާން ރޯޔަލްސްއާ އެެވެ.












