ކުޑަކުދިންނާމެދު ފިޔަވަޅު އެޅުމުގެ ގާނޫނީ ނިޒާމު އެބައޮތެވެ. ތަންފީޒު ކުރައްވާށެވެ!

ކުޑަކުދިންނާމެދު ފިޔަވަޅު އެޅުމުގެ ގާނޫނީ ނިޒާމު އެބައޮތެވެ. ތަންފީޒު ކުރައްވާށެވެ!

ބޮޑެތި މީހުންނާ ހިލާފަށް، އުމުރުން 18 އަހަރު ނުވާ ކުޑަކުދިންނަކީ ހާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ބައެއްކަން ރާއްޖޭގެ ގަނޫނުއަސާސީ އޮތީ ބަލައިގަނެފަ އެވެ. އެހެންކަމާއެކު، އަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންނާމެދު ގަނޫނީ ފިޔަވަޅު އެޅުމުގައި، ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލެވިފައިވެ އެވެ. ނޮވެމްބަރު 20, 2020 ގައި އަމަލުކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި، ހަމަ މަގުން ކަސިޔާރުވާ ކުޑަކުދިންނާމެދު ފިޔަވަޅު އަޅަން އެފަދަ ހާއްސަ ނިޒާމެއް ގާއިމުކުރުމުގެ މަގުސަދުތަކެއްވެސް ބަޔާންކޮށްފައިވެ އެވެ.

ބޮޑެތި މީހުންގެ މައްޗަށް ހިންގޭ އާންމު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ކުއްޖާ ވަނުމުގެ ސަބަބުން ކުއްޖާއަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުހެލި ކުރުވުމެވެ. ކުޑަކުދިން ކުރާ ކުށްތަކާއި ގުޅިގެން އަޅާ ފިޔަވަޅު ތަކާއި، ފިޔަވަޅު އެޅުމުގެ މަރުހަލާގައި އަމަލުކުރާ އިޖުރާއަތުތަގެ ސަބަބުން، އެ މީހުންނަކީ އިތުރަށް ކުށުގެ ވެށްޓަށް ހުށަހެޅިގެން ނުދާނެ ބަޔަކަށް ހެދުމެވެ. ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހަކަށް ބަދަލުވުމުގެ ކުރިން ޅަފަތުގެ މަރުހަލާގައި ކުއްޖާ ރީހެބިލިޓޭޓްކޮށް، މުޖުތަމައަށް އަނބުރާ ގެނައުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމެވެ. ބޮޑެތި މީހުންނާ އެއްތަން ނުވާނެ ގޮތަކަށް ކުދިން ކުރާ ކުށްތަކަށް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.

ތެދެކެވެ. އެ ގާނޫނުގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ، 15 އަހަރުކަމުގައި ކަނޑައަޅާފައިވުމުން، އުމުރުން 15 އަހަރު ނުވާ ކުއްޖަކު ޖަލަށްލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. އަދި މީގެ އިތުރުން، އުމުރުން 15 އަހަރު ފުރިހަމަވެފައިވީ ނަމަވެސް ކުޑަކުއްޖެއްނަމަ، އެ ގާނޫނުން ކަނޑައަޅާ އުސޫލުތައް ނިޔާކުރާ ގޮތުން، ބޮޑު މީހަކަށް ވުރެ އަދަބުގެ މިންވަރު ކުޑަވެ އެވެ. އަދި ޖަލަށް ލެވޭ ހާލަތްތަކުގައި ވެސް ޖަލު އަދަބު ތަންފީޒުކުރަން ޖެހޭ ތަން ތަފާތެވެ. އަދި ގާނޫނު އަބަދުވެސް ބާރުއަޅަނީ، އެކުދިންގެ މައްޗަށް ދައުވާކުރުމުގެ ބަދަލުގައި، ޑައިވާޝަންގެ ނިޒާމުގެ ދަށުން ފިޔަވަޅު އެޅުމަށެވެ. ޑައިވާޝަންގެ ނިޒާމުގެ ތެރޭގައި، އަނިޔާ ލިބުނު ފަރާތުގެ ކިބައިން ލިޔުމުން ނުވަތަ އަނގަބަހުން މައާފަށް އެދުމާއި، ކުއްޖާގެ އުޅުން މޮނިޓަރު ކުރުމަށްޓަކައި ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ކަނޑައެޅިފައިވާ ގޮތަކަށް ޕްރޮބޭޝަން އޮފިސަރަކަށް ރިޕޯޓު ކުރުމަށް އެންގުމާއި، ކައުންސެލިން، ގްރޫޕް ކައުންސެލިން، އަދި ފަރުވާ ލިބިދެނިވި ހަރަކާތްތަކުގައި ކުއްޖާ ބައިވެރިވުމަށް އެންގުމާއި، ވޮކޭޝަނަލް ޓްރެއިނިން ނުވަތަ ރީހެބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިކުރުވުން ފަދަ އެތައް ފިޔަވަޅުތަކެއް ގާނޫނުން ކަނޑައަޅާފައިވެ އެވެ.

ހުރިހާ ހާލަތެއްގައިވެސް ރިއާޔަތްކުރަން ޖެހެނީ، ކުއްޖާގެ އުމުރަށާއި، ތަސައްރަފު ފުދިފައިވާ މިންވަރަށާއި، ކުށް ކުރަން މެދުވެރިވި ހާލަތަށާއި، ކުއްޖާގެ މަސްލަހަތަށާއި، ކުއްޖާ ހެޔޮގޮތުގައި އަނބުރާ މުޖުތަމައުއަށް ގެނައުމުގެ މުހިންމު ކަމަށާއި، އާންމު މަސްލަހަތަށެވެ. އާހިރު އަމާޒަކީ ކުއްޖާ ހެޔޮގޮތުގައި އަނބުރާ މުޖުތަމައުއަށް ގެނައުމަށް ބާރު އެޅުމެވެ.

ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހުމަކީ ގާނޫނީ ފިޔަވަޅެއް އެޅުން ނެތުން ކަމަށް އާންމު މީހަކަށް ވިސްނިފައި އޮތުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ގާނޫނު ތަންފީޒުކުރަން ތިބި ފަރާތްތަކަށް އެކަން އެގޮތަށް ވިސްނޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރުފުރައަށްވުރެ ހަގު އުމުރުގެ ކުދިންގެ ތެރޭގައި ވެސް ކުށަށް އަރައިގަތުމާއި ކުށުގެ ވެށްޓަށް ހުށަހެޅުމުގެ ނުރައްކަލުގައި ތިބި ކުދިން ތިބޭކަމީ، ކުޑަކުދިންގެ އަދުލުގެ ގާނޫނު ދަންނަ ކަމެކެވެ. އެކަން ގާނޫނުގެ 27 ވަނަ މާއްދާގެ (ރ) އިން އެނގެ އެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުން، ގާނޫނާ ހިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާއި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން، ކުށްކުރުމާ ދުރުހެލިކޮށް، އެ ކުދިންނަށް ބޭނުންވާ ފަރުވާ ދީ، އެކުދިން ރީހެބިލިޓޭޓް ކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް، އެ ގާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހާވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިން ހަމަޖައްސަންޖެހެ އެވެ.

އެގޮތުން، ކުޑަކުދިންނަށް ހާއްސަ މަރުކަޒުތަކެއްގައި ހިންގޭ ޕްރޮގްރާމްތަކެއްގެ ސިފައިގައި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނަށް ހާއްސަކޮށްގެން އާލީ އިންޓަވެންޝަން ޕްރޮގްރާމްތައް ހިންގުމާއި، އަނިޔާވެރި ނުވަތަ ބޮޑެތި ކުށްތަކަށް ނުވާ ކުށްތަކުގައި ޝާމިލުވާ ކުދިންނަށް ހާއްސަ އިސްލާހީ ޕްރޮގްރާމްތައް ހިންގުމާ ގުޅޭ އުސޫލުތައް، ކުޑަކުދިންގެ އަދުލުގެ އާންމު ގަވާއިދުގެ ދަށުން މިހާރުވެސް އެކުލަވާލެވިފައި އެބަހުއްޓެވެ. ނެތީ ތަންފީޒު ކުރާނެ ބަޔެކެވެ.

އަދި ތަންފީޒުކުރަމުން ދިޔަ ނަމަވެސް، މުޖުތަމައެއްގައި ހިތާމަވެރި ހާދިސާތައް ހިނގުމަކީ އެކީ އެކަށް ހުއްޓުވޭނެ ކަމެއް ނޫނެވެ. ހިތާމަވެރި ހާދިސާއެއް ހިނގާ ކޮންމެ ފަހަރަކު، ޖަޒުބާތުގައި ތިބޭ އާންމުން ލޭ ކައްކުވާލުމަށް ސިޔާސީ މީހުން ސިޔާސީ ވިސްނުމުގައި ދިރާސާއެއް ނެތި ވާހަކަ ދެއްކުމާއި ނިންމުންތައް ނިންމަމުން ދިއުމަކީ ނުރައްކާތެރި ކަމެކެވެ. މި ގައުމު ހުށަހެޅިފައިވާ އެފަދަ ދެވަނައެއް ނެތް އެންމެ ބޮޑު ނުރައްކާތެރިކަމަކީ ވެސް އެއީ އެވެ.

ކުށްކުރާ ކުޑަކުދިން އިސްލާހުކުރެވޭނީ ނުވަތަ ކުށަށް އަރައިގަތުމާ ކުޑަކުދިން ދުރުހެލި ކުރުވޭނީ ތަފާތު އެތައް ތަރުބަވީ އުސޫލުތަކެއް ބޭނުންކޮށްގެންނެވެ. ހިތާމަވެރި ހާދިސާއެއް ހިނގާ ކޮންމެ ދަނޑިވަޅެއްގައި ޖަޒުބާތުގައި، އެ ކުދިން ޖަލަށްލެވޭނެހާ ގޮތަކަށް ނިންމުންތައް ނިންމީމާ، އިއްޔެ މެންދުރު 14 އަހަރު ފުރުނު ކުއްޖާ، ޖަލުގައި އޮންނާނީ، އިއްޔެ މީހަކު މަރާލި މީހާ އާއި، އިހަށް ދުވަހު މަސްތުވާތަކެތި ވިއްކި މީހާއާ އެއްގޮޅިއެއްގަ އެވެ. އެއިން ނުކުންނާނެ ހެޔޮ ކަމެއް އޮތްނަމަ އެކަމަކަށްވާނީ އެކަކު އަތުން އަނެކަކު މަރުވުން ކަމަށް ވެދާނެ އެވެ.

ކުޑަކުއްޖާ ޖަލަށް ލެވެން ނެތިގެން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރު ހަގުކުރުމަކީ ހައްލެއް ނޫނެވެ. ނުރައްކަލުގެ މައްޗަށް ހުރި ނުރައްކަލެކެވެ. މިހާރު އޮތް ގާނޫނުގެ ދަށުން ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު 15 އަހަރުގެ ގޮތުގައި ކަނޑައެޅުމުގެ ކުރިން، 1991 ގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުގެ ދަށުން ކުޑަކުދިން ކުށުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރެއްގެ ގޮތުގައި އޮތީ 10 އަހަރެވެ.

ކޮންމެ ގާނޫނަކީވެސް، އެ ގާނޫނު އެކުލަވާލުމުގެ ކުރީގައި ހިނގައިދިޔަކަމެއް ރަނގަޅުކުރުމަށްޓަކައި، ނުވަތަ އެ ޒަމާނުގައި ދިމާވި އުނިކަމެއް، ނުވަތަ ހުސްކަމެއް ފޫބެއްދުމަށްޓަކައި، ތައާރަފުކޮށްފައިވާ ގާނޫނެއް ކަމަށް ބެލުމަކީ ގާނޫނު މާނަކުރުމުގައި ގަބޫލުކުރާ އެއް ހަމައެވެ. މިހާރު އަމަލުކުރަމުންދާ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރުފުރާ 15 އަހަރަށް މަތިކޮށްފައި އެވަނީ ކުރިން އޮތް ގޮތް ރަނގަޅު ނުވެގެންނެވެ.

ކުޑަކުދިންގެ އަދުލުގެ ނިޒާމުތައް ބައްޓަންކޮށް، އެ ނިޒާމު ހިންގުމާ ގުޅޭ އުސޫލުތައް އެކުލަވާލުމުގައި ބައިނަލްއަގްވާމީ ގޮތުން ރިއާޔަތްކުރާ މައިގަނޑު އެއް މަސްދަރަކީ UN Minimum Rules of the Administration of Juvenile Justice ނުވަތަ ބެއިޖިން ރޫލްސް އެވެ. Age of Criminal Responsibility ނުވަތަ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރު ކަނޑައެޅުމާ ގުޅޭ ގޮތުން އޭގައި ބަޔާންކޮށްފައި އޮންނަ ގޮތުން، ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އެންމެ ހަގު އުމުރުފުރާ ކަނޑައަޅާއިރު، އެއީ ކުއްޖާއަށް ނަފްސާނީ ގޮތުން އަސަރު ކުރާނެ މިންވަރަށާއި، ކުދިންގެ ސިކުނޑީގެ ހެދިބޮޑުވުމަށް ރިއާޔަތްކުރާއިރު މާ ހަގު އުމުރުފުރައަކަށްވެސް ވެގެންނުވާނެއެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުން ކުޑަކުދިންނާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ ހާއްސަ ނިޒާމެއް މިހާރު އެކުލަވާލެވިފައިވާ އެވަނީ ރާއްޖޭގެ ވޭތުވެދިޔަ ތަނުގެ މާޒީއާއި، ކަމާބެހޭ ފަންނީ ބޭފުޅުންގެ އެތައް ބައިވަރު ދިރާސާތަކަށް ފަހު، އަދި ބައިނަލްގުވާމީ މިންގަނޑުތަކާއި ތަހުޒީބު މުޖުތަމައުތަކުގައިވެސް އަމަލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށްގެން، ދައުލަތުގެ އެތައް އިދާރާއަކާއި މުވައްޒަފުންގެ ވަގުތާއި މަސައްކަތާއި ތަޖުރިބާ ވެސް އެކަމަށް ހޭދަކޮށްގެންނެވެ. އެ ނިޒާމު ތަންފީޒުކުރުމެއް ނެތި، އެ ނިޒާމުން ހައްލު ނުލިބޭ ކަމަށް ބުނުމަކީ އިންސާފުވެރި ބުނުމެއް ނޫނެވެ. އަދި ގާނޫނީ ފިޔަވަޅަކީ އެއީ ޖަލަށްލުން އެކަނި ކަމަށް ދޭހަވާނަމަ އެއީ ހޭލުންތެރިކަމުގެ މައްސަލައެކެވެ. ހަގީގަތުގައި ވެސް އިސްލާހަށް އެދޭނަމަ، މިހާރު އޮތް ޤާނޫނު ތަންފީޒުކުރައްވާށެވެ!

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox