މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ކެރެޓް ކިލޯއެއްގެ އަގު 60ރ. އަށް އަދި ކަރާ ކިލޯއެއްގެ އަގު 30ރ. އަށް އުފުލިއްޖެ އެވެ.
ބާޒާރުގައި އިއްޔެ 45ރ. އަށް ހުރި ކެރެޓް ކިލޯއެއްގެ އަގު މިއަދު ހުރީ 60ރ. އަށް ހުރިއިރު، ރޯދަ މަސް ފެށުނުއިރު ކެރެޓް ކިލޯއެއްގެ އަގު ހުރީ 30ރ. އަށްކަން ފާހަގަ ކުރެވެ އެވެ.
މާރުކޭޓުގެ ގޮޅިއެއްގައި މަސައްކަތް ކުރާ މީހަކު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ކެރެޓްގެ އަގު ބޮޑުވީ ހޯލްސޭލް ކުރާ ތަންތަނުން 10 ކިލޯގެ ކޭސް ވިއްކާ އަގު 550ރ. އަށް ބޮޑު ކުރުމުން ކަމަށާއި، އެގޮތުން ކެރެޓް ކިލޯއެއް ފައިދާ ނުލައި ޖެހެނީ 55ރ. އަށް ކަމަށެވެ.
ކަރާގެ އަގުން މިއަދު 5ރ. ބޮޑުވެފައި ވާއިރު، އިއްޔެއާ ހިސާބަށް ކިލޯއެއް ވިއްކަމުން ގޮސްފައި ވަނީ 25ރ. އަށެވެ. ނަމަވެސް މިއަދު ކަރާ ކިލޯއެއް ވިއްކާފައި ވަނީ 25ރ. އާއި 30ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ބާޒާރުގައި ތޮއްޑޫ ކަރާ ލިބުން މަދުވެފައިވާއިރު، މިހާރު ލިބެން ހުރީ އިންްޑިއާ އަދި ރާއްޖޭގެ އެހެން ރަށްތަކުގެ ކަރާ އެވެ. ގޮޅިތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި ރޯދަ މަސް ނިމޭއިރު ކަރާގެ އަގު އިތުރަށް އުފުލިގެންދާނެ އެެވެ.
ރޯދަ މަސް ފެށުނުއިރު ކަރާ ކިލޯއެއްގެ އަގު ހުރީ 15ރ. އާއި 20ރ. އާ ދެމެދު އެވެ. ނަމަވެސް ފުރަތަމަ 15 ރޯދައަށްފަހު ކަރާ ކިލޯއެއްގެ އަގު ވަނީ 20ރ. އަށް އިތުރުވެ، ފަހު 25ރ. އަށް އުފުލިފަ އެވެ.
މީގެއިތުރުން ކިއުކަމްބާ ކިލޯއެއްގެ އަގު 60ރ. އަށް ހުރިއިރު، ލެޓިއުސް ކިލޯއެއް ލިބެން ހުރީ 100ރ. އާއި 150ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި މިއަދު ކަންކުން ދެ ބޮނޑި 15ރ. އަށް ހުރިއިރު، ކުރިން ކަންކުން ބޮނޑިއެއް ލިބެން ހުރީ 5ރ. އަށެވެ.
މިއަދު ކަނޑޫދޫ ދޮން މިރުހުގެ 100 ގްރާމު 15ރ. އާއި 20ރ. އާ ދެމެދު ލިބެން ހުރިއިރު، ރޯ މިރުހުގެ 100 ގްރާމު ލިބެން ހުރީ 20ރ. އާއި 25ރ. އާ ދެމެދުގެ އަގެއްގަ އެވެ.
މޭވާގެ ބާވަތްތަކަށް ބަލާއިރު އިއްޔެއެކޭ އެއްގޮތަށް މިއަދުވެސް އޮރެންޖާއި އާފަލު ލިބެން ހުރީ 6ރ. އާއި 7ރ. އާ ދެމެދުގެ އަގެއްގައެވެ. ޖުމްހޫރީ މޭވާ ކިލޯއެއް 120ރ. އާއި 130ރ. އާ ދެމެދު ހުރިއިރު، ލުނބޯ ކިލޯއެއް ލިބެން ހުރީ 60ރ. އަށެވެ.










