ބޭރުގެ ކުންފުންޏަކަށް 90 ހެކްޓަރުގެ ބިން ދޫކޮށްލުމަކީ ޖަރީމާއެއް ކަމަށާއި ކުރިއަށް އޮތް ރައްޔިތުން މަޖިލީހަށް ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިފި ނަމަ އެ މުއާމަލާތް މަޖިލީހުގެ ތެރެއިން ދިފާއު ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެފެއްދުމަށް މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީ، ޕީއެންއެފްގެ އޮފީހުގައ ބޭއްވި ޖަލްސާގައި، ސަރުކާރުގެ ކެންޑިޑޭޓުން ހޮވަން ނުޖެހޭ ސަބަބެއް ކަމަށް ޔާމީން އެންމެ ބޮޑަށް ފާހަގަ ކުރެއްވީ ފުށިދިއްގަރުފަޅު ހިއްކުމުމުގެ ބަދަލެއްގެ ގޮތުގައި އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏަށް ސަހަރެއް ވަރުގެ ބިމެއް ދޫކޮށްލަން އެއްބަސްވި މައްސަލަ އެވެ.
މާލެއާ 10 މޭލު (16 ކިލޯމީޓަރު) ދިރުގައި އޮތް ފުށިދިއްގަރުފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އެ ފަޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވަފެނީ ސަހަރު، "ރަސްމާލެ" ތަރައްގީކުރަން 1153 ހެކްޓަރު ހިއްކަން ހަވާލުކޮށްފައި ވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާ އެވެ. އެ ކުންފުންޏާ ހަވާލުކޮށްގެން ހިއްކާ އެހެން ބިންތައް ވެސް ހިމަނައިގެން އެ ބިންތަކުގެ ބަދަލުގައި 89.6 ހެކްޓަރުގެ ބިމާއި އެޑްވާންސްގެ ގޮތުގައި 20 މިލިއަން ޑޮލަރު ދައްކާފައިވެ އެވެ.
އެއީ ޖަރީމާއެއް ގޮތުގައި ޔާމީން ސިފަ ކުރެއްވި ނަމަވެސް އެއްވެސް ކުންފުންޏެއްގެ ނަމެއް ފާހަގައެއް ނުކުރައްވަ އެވެ. ޔާމީން ވިދާޅުވީ "އެއީ ލާރިއެއް، ވަސީލަތެއް ނެތް ޕޭޕަ ކުންފުންޏެއް" ކަމަށެވެ. އެ ކުންފުންޏަށް ދޫކޮށްލާ ބިމުގެ އަގު 72 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި 90 ހެކްޓަރަކީ ހުޅުމާލޭގެ ތިން ބައިކުޅަ އެއްބައި ވަރު ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ނަމަވެސް، ބިން ހިއްކުމަށް މިހާރު ފައިސާ ނެތިގެން އެ ކުންފުނިން މަސައްކަތް ކުރަނީ ލިބިފައި ހުރި ބިންތައް ވިއްކައިގެން ފައިސާ ހޯދުމަށް ކަމަށާއި އެއީ ގައުމަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

"މާތް ކަލާކޯ، ދެން އެ ގެއްލެނީ މަރިޔަނބާއި ކަތިވަޅިޔާއި ކޮށި ދަނޑާ، ދެން އެ ގެއްލެނީ މަރިޔަނބާއި ކަތިވަޅިޔާއި ކޮށި ދަނޑާ،" ޔާމީން ތަކުރާރުކޮށް ވިދާޅުވި އެވެ.
އެހެންވެ، އެ މުއާމަލާތް ޔާމީން ސިފަ ކުރެއްވީ ޖަރީމާއެއްގެ ގޮތުގަ އެވެ. ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ މެމްބަރުން ހޮވައިގެން އެކަމުގައި ސަރުކާރު ޒިންމާދާރު ނުކުރުވޭނެ ކަމަށާއި ސަރުކާރަށް މެމްބަރުން މަސައްކަތް ކުރައްވާނީ 90 ހެކްޓަރުގެ ބިމުގެ މުއާމަލާތް ދިފާއުކުރެއްވުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިވޭތުވެދިޔަ ތަނުގައި ބޭއްވި އިންތިހާބެއްގައި ޕީޕީއެމް ބައިވެރިވި ކަމަށާއި ނަމަވެސް، ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި، އެ ޕާޓީގެ އެއްވެސް މެމްބަރަކު ނެތުމުން މިހާރު އެއީ "މާލޫދު" ޕާޓީއަކަށް ކަމަށް ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމް "ވަޅުލުމުމުގެ" ފުރަތަމަ މަސައްކަތަކީ، ރިޔާސީ އިންތިހާބަށް ފަހު ފޮނަދޫ ދާއިރާގައި ތިއްބެވި ޕީޕީއެމްގެ ކައުންސިލަރުންނާއި އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތައް، ޕީއެންސީއަށް ބަދަލުކުރުން ކަމަށާއި އޭރު އެކަމާ ދެކޮޅަށް ޕާޓީގެ ލީޑަޝިޕުން އެކަކު ވެސް ބަހެއް ނުބުނި ކަމަށް ޔާމީން ވިދާޅުވި އެވެ.












