ސޯމާލިއާގެ ކަނޑު ފޭރޭ މީހުން ހައިޖެކްކުރި ބޯޓެއް އިންޑިއާ ކަނޑުގެ ސިފައިން ސަލާމަތްކޮށްފި އެވެ.
ބަލްގޭރިއާގެ "އެމްވީ ރުއެން" ނަމަކަށް ކިޔާ އާގު ބޯޓު މިދިޔަ ޑިސެމްބަރު މަހު ހައިޖެކް ކޮށްފައި ވާއިރު، ބޯޓު ސަލާމަތް ކުރެވިފައި މިވަނީ ތިން މަސް ދުވަހަށް ފަހު އެވެ.
އިންޑިއާގެ ކަނޑުގެ ސިފައިން ބުނީ 40 ގަޑިއިރު ހިންގި އޮޕަރޭޝަނުގައި ބޯޓުގައި ތިބި 35 ކަނޑުފޭރޭ މީހުން ކޮންޓްރޯލުކޮށް، 17 ފަޅުވެރިން ސަލާމަތް ކުރެވިފައިވާ ކަމަށެވެ.
ބޯޓު ސަލާމަތްކުރަން މަސައްކަތް ކުރި ވަގުތު ކަނޑު ފޭރޭ މީހުން ބަޑިން ހަމަލާދިން ނަމަވެސް، ފަޅުވެރިންނަށް އަނިޔާ ނުވެ އޮޕަރޭޝަން ކާމިޔާބުވި ކަމަށް އިންޑިއާގެ ކަނޑުގެ ސިފައިން ބުނެ އެވެ.
ބޯޓުގައި ތިބި ފަޅުވެރިންގެ ތެރޭގައި ހަތް ބަލްގޭރިއާ މީހުންނާއި، ނުވަ ބަރުމާ މީހުންގެ އިތުރުން އެންގޯލިއާ މީހަކު ހިމެނެ އެވެ.
ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ އުނދަގޫ ފަހަކަށް އައިސް ބޮޑުވެފައިވާއިރު، ދޭތެރެއަކުން ބޯޓުތައް ހައިޖެކުކޮށް މުދާތައް ފޭރިގަނެ އެވެ.










