ނިއު ދިއްލީ، އިންޑިއާ (މާޗް 13) - އިންޑިއާގެ ކުޅަދާނަ ވިކެޓްކީޕަރު، ރިޝަބް ޕާންޓް، ކާރު އެކްސިޑެންޓެއްގައި ލިބުނު އަނިޔާއާ ހެދި އަހަރަކަށް ވުރެ ގިނަ ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައުމަށް ތައްޔާރުވެއްޖެ އެވެ.
ޕާންޓް، 26، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފަހު ދުވަހު، އެކްސިޑެންޓްވުމާ އެކު، ވަގުތުން ފަރުވާ ފަށައި، ހަފްތާއެއްހާ ދުވަސް ފަހުން ވަނީ އޮޕަރޭޝަންތަކެއް ކޮށްފަ އެވެ. އެއީ، ބޮލާއި ކަކުލަށް ލިބިފައިވާ އަނިޔާ އާއި ބުރަކަށްޓަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން، އެންމެ ރަނގަޅަށް ރިކަވާވުމަށެވެ.
ރިޕޯޓްތައް ބުނާގޮތުން މި މަހު، 22 ވަނަ ދުވަހު ފަށަން ތައްޔާރުވާ އިންޑިއާގެ ވަރުގަދަ ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ޕާންޓް ވަނީ ކުޅެން ނިންމައިފަ އެވެ. އެ ގޮތުން، ޕާންޓް ފެނިގެންދާނީ ދިއްލީ ކެޕިޓަލްސް ޓީމުން ކަމަށްވެ އެވެ.
މި ފަަހަރުގެ އައިޕީއެލްގައި ޕާންޓް ރަނގަޅު ކުޅުމެއް ދައްކައިފިނަމަ، މި އަހަރު ޖޫން މަހު، ވެސްޓް އިންޑީސް އާއި އެމެރިކާގައި ކުޅޭ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ވާދަކުރާ އިންޑިއާ ޓީމުން ޖާގަ ލިބުމުގެ ފުރުސަތު އެބައޮތެވެ.
ޕާންޓް ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް އެކި ފޯމެޓްތަކުގެ އިންޑިއާ ގައުމީ ޓީމަށް ކުޅެފަ އެވެ. އެ ގޮތުން، 33 ޓެސްޓް ކްރިކެޓް މެޗުގައި ކުޅުމުގެ އިތުރުން، 30 ވަންޑޭއިންޓަނޭޝަނަލް ކްރިކެޓް މެޗުގައި އަދި ޓީ20 ގެ 66 މެޗުގައި ޕާންޓް ވަނީ އިންޑިއާ ގައުމީ ޓީމަށް ކުޅެފަ އެވެ.












