ސްރީލަންކާގެ މަންހަޖުގައި އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ހިމަނައި، މާޗު 19، އިން ފެށިގެން އޭއައި ކިޔަވައިދިނުމަށް ނިންމައިފި އެވެ.
ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ގައުމުގައި ކިޔަވައިދެމުން އަންނަ އައިޓީ މަންހަޖަށް ބަދަލުތަކެއް ގެނެސް، އޭއައިވެސް ހިމަނައިގެން ޕައިލެޓު ޕްރޮޖެކްޓެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
މި މަންހަޖު ކިޔަވައިދޭނީ ލަންކާގެ ސްޓޭޓު ސްކޫލުތަކެ ގްރޭޑު 8 އިން ފެށިގެން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ލަންކާގެ ސްކޫލްތަކަށް އޭއައި ކިޔަވައިދިނުމަށް މައިކްރޮސޮފްޓުން އެހީތެރިވަމުން އަންނަކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އޭއައި ކިޔަވައިދޭން ފަށާނީ ބައިނަލްއަގުވާމީ ފެންވަރުގައި ކަމަށެވެ.
ލަންކާގައި އޭއައި ކިޔަވައިދޭން ތައްޔާރުވަމުން އަންނައިރު، އިންޑިއާގައި ދާދި ފަހުން ވަނީ އޭއައި ޓީޗަރެއް ބޭނުންކޮށްގެން ސްކޫލެއްގައި ކިޔަވައިދޭން ފަށައިފަ އެވެ. އެއީވެސް ޕައިލެޓު ޕްރޮޖެކްޓެކެވެ.










