އިންޑިއާގައި ޑްރައިވަރެއް ނެތި މުދާ އުފުލާ ރޭލެއް 43 މޭލަށް ދަތުރު ކުރި މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ ހާދިސާ ހިނގާފައި ވަނީ ކްރޫއިން ބަދަލު ކުރަން މަޑުކޮށްފައި ވަނިކޮށް ކުއްލިއަކަށް ރޭލު ނައްޓާލުމުން ކަމަށާއި، މިކަމުގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށެވެ.
ރޭލު ދަތުރުކުރީ ގަޑިއަކު 62 މޭލު ބާރު މިނުގައި ކަމަށްވާއިރު، ރޭލު ދަތުރުކުރި ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ.

"ރޭލު ކްރޫއިން ބަދަލު ކުރުމަށް މަޑުކޮށްފައި ވަނިކޮށް ކުއްލިއަކަށް މަޑު މަޑުން ވަނީ ގޮސްފައި. މިކަމާ ގުޅިގެން އެވަގުތު އެކްސިޑެންޓެއް ނުހިނގާނެ ގޮތަށް ރޭލު ދުއްވާ ރޫޓުތައް ބަންދުކުރި،" ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ އިންޑިއާ ނޫސްތަކުން ބުނެ އެވެ.
ރޭލު ހުއްޓުވާފައި ވަނީ ލަކުޑިތަކެއް ރޭލު ދަތުރު ކުރަމުންދިޔަ ޓްރެކަށް އަޅައިގެން ކަމަށްވާއިރު، މިކަމުގައި ރޭލަށްވެސް އެއްވެސް ގެއްލުމެއްވެސް ނުލިބޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިންޑިއާއިން އަންނަނީ އެ ގައުމުގެ ރެއިލްވޭ ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ބޮޑު އަދަދެއް އިންވެސްޓު ކުރަމުންނެވެ.










