ކެންސަރަށް މަގުފަހިވާތީ އިންޑިއާއިން ކޮޓަން ކޭންޑީ ވިއްކުން މަނާ ކުރަން ފަށައިފި އެވެ.
އާންމުކޮށް ޕާކުތަކާއި ފެސްޓިވަލްތަކުގައި ލިބެން ހުންނަ ހަކުރުން ތައްޔާރުކުރާ ކޮޓަން ކޭންޑީއަކީ މުޅި ދުނިޔޭގައި ވެސް ކުޑަ ކުދިންގެ މެދުގައި މަގުބޫލު އެއްޗެކެވެ.
އިންޑިއާގެ ސްޓޭޓްތަކުން ކޮޓަން ކޭންޑީ މަނާ ކުރަން ފަށާފައި ވަނީ އެ ގައުމުގައި ހެދި ޓެސްޓުތަކެއްގެ ނަތީޖާ ދައްކާ ގޮތުގައި އޭގެން ކެންސަރަށް މަގުފަހިވާތީ އެވެ.

މިގޮތުން މިދިޔަ ހަފުތާގައި އިންޑިއާގެ ޓެމިލްނާޑޫގައި އަދި އެ ގައުމުގެ އެހެނިހެން ސަރަހައްދުތަކުން ކޮޓަން ކެންޑީ މަނާކޮށްފަ އެވެ.
ޓެމިލްނާޑޫގެ ފުޓް ސެކިއުރިޓީ އޮފިސާ ސަތޭޝް ކުމާރު ބުނީ ކޮޓަން ކޭންޑީއަކީ ކެންސަރަށް މަގުފަހިވުމުގެ އިތުރުން ގުނަވަންތަކަށް ގެއްލުން ހުރި އެއްޗެއް ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކޮޓަން ކޭންޑީ ވިއްކުން މަނާ ކުރަން އިންޑިއާގެ ނިއުދިއްލީގެ ފުޑް ސެކިއުރިޓީ އޮފިޝަލުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.










