އިންޑިއާގެ އާންމު އިންތިހާބު ކައިރިވެފައި ވަނިކޮށް އެ ގައުމުގެ އިދިޕޮޅު މައި ޕާޓީ އިންޑިއަން ނެޝަނަލް ކޮންގްރެސްގެ އެކައުންޓްތައް ފްރީޒްކޮށްފި އެވެ.
ކޮންގްރެސް ޕާޓީގެ ޓްރެޝަރާ އަޖޭ މަކެން ވިދާޅުވީ، އެ ޕާޓީގެ ބޭންކް އެކައުންޓްތައް ފްރީޒް ކޮށްފައި ވަނީ އިންކަމް ޓެކްސް ޑިޕާޓްމަންޓުން ކަމަށައި، އެކައުންޓްތައް ފްރީޒްކުރީ 19-2018 ގެ ފައިނޭންޝަލް ރިޕޯޓާ ގުޅިގެން ކުރިޔަށް ގެންދިޔަ ތަހުގީގަށް ފަހު ކަމަށެވެ.
އިންކަމް ޓެކްސް ޑިޕާޓްމަންޓުން ވަނީ އެކައުންޓްތައް އަނބުރާ ހޯދަން ބޭނުންވާނަމަ 2.1 ބިލިއަން އިންޑިއަން ރުޕީސް (25.3 މިލިއަން ޑޮލަރު) ދެއްކުމަށް އަންގާފަ އެވެ.
"ހަގީގަތުގައި ޕާޓީގެ ބޭންކް އެކައުންޓްތަކެއް ނޫން މި ފްރީޒްކުރީ. ފްރީޒް ކުރީ ޑިމޮކްރަސީ" މަކެން ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އިންޑިއާގެ އިދާރާތަކުން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ކޮންގްރެސް ޕާޓީން ތުހުމަތު ކުރާ ގޮތުގައި އެ ޕާޓީއާ ދެކޮޅަށް ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރަމުން އަންނަނީ އިންތިހާބަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް ތުހުމަތު ކޮށްފަ އެވެ.
އިންޑިއާގެ އިންތިހާބުގައި ސަރުކާރުގައި އޮތް ބީޖޭޕީ ބަލި ކުރުމަށް ކޮންގްރެސް ޕާޓީން އަންނަނީ އިދިކޮޅު އެހެން ޕާޓީތަކާ ގުޅެން މަސައްކަތް ކުރަމުންނެވެ. އިންޑިއާގެ އިންތިހާބު އޮންނާނީ ފެބްރުއަރީ، 24 ވަނަ ދުވަހު އެވެ.
ބީޖޭޕީ ވެރިކަމަށް އައުމުގެ ކުރިން ކޮންގްރެސް ޕާޓީއަކީ އިންޑިއާގެ އެންމެ މަގުބޫލު އަދި އެންމެ ކާމިޔާބު ޕާޓީ އެވެ. ނަމަވެސް މިފަހުން ބޭއްވި ގިނަ އިންތިހާބުތަކުގައި އެ ޕާޓީއަށް ބޮޑެތި ނާކާމިޔާބީތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.










