އިންޑިއާ އިން މަލިކުގައި ކަނޑުގެ ސިފައިންގެ ބޭސްއެއް އަޅަން ނިންމައިފި އެވެ.
ހިންދުސްތާން ޓައިމްސް އިން ބުނީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންގް އަންނަ މާޗު، 4 އަދި 5 ގައި މަލިކުގައި ސިފައިންގެ ބޭސް ހުޅުވައިދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ރަސްމިއްޔާތު ފެށުމަށް އިންޑިއާގެ 15 ހަނގުރާމަ މަނަވަރު މަލިކަށް ގެންދާނެ ކަމަށާއި، ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުގެ އިސްވެރިންތަކެއް ވެސް ރަސްމިއްޔާތުގައި ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިގޮތުން ރިޕޯޓްތައް ބުނާ ގޮތުން މަލިކަށް ދިޔުމަށް ބައެއް އުޅަނދުތައް މިހާރު ވަނީ އެކި ސަރަހައްދުތަކުން ފުރާފަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ދާދި ފަހުން ލަކްޝަދީބްއަށް ކުރެއްވި ދަތުރަށްފަހު އަގަޓީ އާއި މަލިކުގައި އެއާ ބޭސްތަކެއް އެޅުމަށް ވެސް ވަނީ ނިންމަވާފަ އެވެ. މީގެ އިތުރުން މަލިކު އަދި އަގަޓީގެ އެއާޕޯޓްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، އިތުރަށް ތަރައްގީ ކުރުމަށްވެސް ވަނީ ނިންމާފަ އެވެ.
ރާއްޖޭގެ އުތުރުން ހއ. ތުރާކުނާ 131 ކިލޯމީޓަރު ދުރުގައި އޮންނަ މަލިކަކީ ބޮޑެތި އާގު ބޯޓުތައް ދަތުރު ކުރާ ސަރަހައްދެއް ކަމަށްވާއިރު، އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން އިންޑިއާ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އިންޑިއާއިން މިގޮތަށް ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ފަށާފައި މިވަނީ ޗައިނާގެ ހަރަކާތްތައް އިންޑިއާ ކަނޑުގެ ސަރަހައްދުތަކުގައި އިތުރުވެ، ރާއްޖެ-އިންޑިއާ ގުޅުން ވެސް ގޯސް ދަނޑިވަޅެއްގަ އެވެ.










