ރިޕޯޓުދަރަނީގައި ދިޔަވެފައި އޮތް މިފްކޯއާއެކީ މަސްވެރިން ވެސް އަޑިއަށް

ދަރަނީގައި ދިޔަވެފައި އޮތް މިފްކޯއާއެކީ މަސްވެރިން ވެސް އަޑިއަށް

މިފްކޯއަށް ދިމާވާ މައްސަލަ ވަރަށް ސާފު. މައްސަލައަކީ ހުރި މައްސަލަތައް އެނގި ތިބެ ހައްލު ނުކުރުން. މި މައްސަލައިގެ ފެށުމަކީ ވެސް އަދި ނިމުމަކީ ވެސް ސަރުކާރު.

ދަރަނީގައި ދިޔަވެފައި އޮތް މިފްކޯއާއެކީ މަސްވެރިން ވެސް އަޑިއަށް

ކޮރަޕްޝަނާއި ސިޔާސީ ނުފޫޒާއި ދޯހަޅި ހިންގުމުން އަޑިއަޅާފައި އޮތް ކުންފުންޏެއްގެ މިސާލެއް ނަގަންޏާ މިސާލަކަށް ނަގަންވީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އެވެ. މިހެން ބުނަން ޖެހޭ ސަބަބުތައް ބައިވަރެވެ. ކުންފުނި އުފައްދަން ޖެހުނު ސަބަބުން ފެށިގެން މިއަދާ ހަމައަށް މިފްކޯއަށް މިވީ 30 އަހަރުގެ ތާރީހު ނިއުޅުވާލާއިރު މައިގަނޑަކަށް މި ވާހަކަތައް ހުރީމަ އެވެ.

މިފްކޯއަކީ ވަސީލަތާއި ހަރުމުދަލުން ބެލި ނަމަވެސް މަސްވެރިކަމުގެ ސިނާއަތުގައި ވިޔަފާރި ކުރާ އެންމެ ބިޔަ ކުންފުންޏެވެ. އެ ކުންފުންޏަށް ސަރުކާރުން ނުކޮށްދޭ ކަމެއް ނެތެވެ. ހިލޭ ބިމާއި ހިލޭ ރަށާއި ދައުލަތުގެ ބަޖެޓުން ފައިސާ އާއި އެތައް ބައިވަރު ލޯނެއް ދީފި އެވެ. ދޫކޮށްފައި ހުރި ލޯނުތަކަށް ފައިސާ ނުދެއްކިގެން އެތައް ފަހަރެއްގެ މަތިން މާފު ވެސް ކޮށްފި އެވެ. މިވަރުން ވެެސް މިފްކޯ އަމިއްލަ ފައިމައްޗަށް ތެދުވެވޭ ވަރެއް ނުވި އެވެ.

ތާއަބަދުމެހެން މިފްކޯ އުޅެނީ މާލީ ތާށިކަމަކުން އަރައިނުގަނެވިގެންނެވެ. މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމާއި ކުންފުނީގެ ހިންގުމަށް ވެސް ބަރޯސާވަނީ ސަރުކާރަށެވެ. ރެކޯޑުތަކުން ދައްކާ ގޮތުގައި އެ ކުންފުނީގެ ތާރީހުގައި ވެސް ސާފު ފައިދާއެއް ލިބުނީ އެންމެ ހަ އަހަރެވެ. އެންމެ ފަހުން ސާފު ފައިދާވި ކަމަށް ދައްކަނީ މީގެ 16 އަހަރު ކުރިންނެވެ.

ކުންފުނީގެ ހާލަތު ބޮއްސުންލައިގެން ގޮސް މިފްކޯ މިއަދު އޮތް ހާލަތު ދެކިބަލާށެވެ. މިފްކޯއަށް ކިރާ މަހަކަށް ގަވާއިދުން ފައިސާ ނުދެވެ އެވެ. ގަވާއިދުން ފައިސާ ނުދެވުނު ތަނުގައި ކްރެޑިޓު ބޮޑުވަމުން އައިސް މަސްވެރިންނަށް ދަރާފައިވާ ފައިސާގެ އަދަދު 300 މިލިއަން ރުފިޔާ ފަހަނައަޅާ ގޮސް 400 މިލިއަން ރުފިޔާއާ ގާތްކުރަނީ އެވެ. މަސްވެރިންނާއި މަސްވެރި އާއިލާތައް މުޅިން މާޔޫސްކޮށްލާފަ އެވެ.

މިފްކޯ އަމިއްލަ ފައިމައްޗަށް ތެދުކުރުން: ފޫހި، ބާ ވާހަކައެއް

މިފްކޯއަކީ އެއްވެސް އިރެއްގައި ރަނގަޅަށް ހިންގަމުން އައި ކުންފުންޏެއް ނޫނެވެ. އެގޮތުން މިފްކޯ އުފެއްދި ސަރުކާރުން ކުންފުންޏަށް 10 އަހަރު ނުވަނީސް ކުންފުނި ވިއްކާލަން ވިސްނަން ފެށި އެވެ. މިކަން އެންމެ ފުރަތަމަ ހާމަކުރެއްވި ބޭފުޅަކީ މީގެ 20 އަހަރު ކުރިން މަސްވެރިންގެ ދުވަހުގައި އޭރުގެ ފިޝަރީޒް މިނިސްޓަރު އަބްދުﷲ ކަމާލުއްދީނެވެ.

އެފަހުން މިފްކޯ ވިއްކާލުމުގެ ވާހަކަ ދުވަސްކޮޅަކަށް ހިނދުމަށް ފަހު އަލުން ހިލުނީ ރޯމަސް ގަނެ އެކްސްޕޯޓު ކުރުމުގެ ލައިސަންސް އަމިއްލަ ކުންފުނިތަކަށް ދޫކުރި ދުވަސްވަރެވެ. އޭގެ ތެރޭގައި މިފްކޯ ވިއްކާލަން ހަރުއަޑުން ވަކާލާތު ކުރައްވާ، ފިނޭންސް މިނިސްޓަރަކަށް ހުންނަވައިގެން އެކަން ކުރަން ސަރުކާރަށް ލަފާދެއްވި މާމިގިލިި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ކުންފުންޏެއް ވެސް ހިމެނެ އެވެ.

ނަމަވެސް މިފްކޯއެއް ނުވިކުނެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުވެ ސަރުކާރުގެ ރާގު ބަދަލުވެ، މިފްކޯ ޕަބްލިކް ކުރަން ނިންމި ކަން ހާމަކުރި އެވެ. އޭރު ބުނީ މީގެ ބޭނުމަކީ ކުންފުނި ހިންގުމުގައި އާންމުންނަށް، ހާއްސަކޮށް މަސްވެރިންނަށް، ބައިވެރިވެވޭނެ މަގުފަހިކޮށްދިނުން ކަމަށެވެ. އެކަން ވެސް ނުވެ އުޅެނިކޮށް ދެން ވެރިކަމަށް އައި ނަޝީދުގެ ސަރުކާރުން ނިންމީ މިފްކޯ ބައިބައިކޮށް ފޮތިފޮތިކޮށްލައިގެން ވަކި ކުންފުނިތަކެއްގެ ގޮތުގައި ހިންގާށެވެ.

މިއީ ވެސް ނާކާމިޔާބު ފޯމިއުލާއެކެވެ. އެ ފޯމިއުލާ ބޭނުންކޮށްގެން މިފްކޯ ކޮޅަށް ނުޖެހުމުން އެފަހުން ވެރިކަމަށް އައި ޔާމީންގެ ސަރުކާރުން ނިންމީ އަލުން ކުންފުނިތައް އެއްކޮށްލާށެވެ. އެއްކޮށްލައިގެން ވެސް ރަނގަޅު ނަތީޖާއެއް ނުނެރެވިގެން ކުންފުނި ބަނގުރޫޓުވާން ކައިރިވެފައި އޮއްވާ އެ ސަރުކާރުން ދެން ނިންމީ މިފްކޯގެ ހިންގުން އެސްޓީއޯގެ ދަށަށް ބަދަލުކުރާށެވެ. މިފްކޯ ގޮސް އަނެއްކާ ވެސް ޖެހުނީ ޖެހުނު ތަނުގަ އެވެ.

އޭރު މިފްކޯ އޮތީ ނޭވާ ހޮޅީގަ އެވެ. އެތައް އަހަރެއްގެ ގެއްލުން ބަންޑެލިވެ ކުންފުނީގެ މާލީ ހާލަތު އިންތިހާއަށް ގޯހެވެ. ރަނގަޅަށް ނުބަލަހައްޓާތީ ކުންފުނީގެ އަގު ބޮޑު މެޝިނުތައް ހުރީ ދަބަރު ޖަހައި ބާވެފަ އެވެ. ކުންފުނީގެ އުފެއްދުންތެރިކަމާއި ވަސީލަތްތައް އިތުރުކުރަން ރަނގަޅު އިންވެސްޓެއް ނުކުރާތީ ކާރުހާނާތައް ހުރީ ކެޕޭސިޓީ ގެއްލި ކިރިޔަ ކިރިޔާ މަސައްކަތް ކުރާ ހާލަަތުގަ އެވެ. މަސްވެރިންނާއި މަސްވެރިކަން ތަރައްގީވީ ވަރާ ގާތަށް ވެސް އެ ކުންފުނި ތަރައްގީ ކުރެވިފައި ނެތެވެ.

އެސްޓީއޯގެ ދަށުން ފުރަތަމަ އަހަރުގައި މިފްކޯއިން ކާމިޔާބީތަކެއް ހޯދި އެވެ. އާމްދަނީ ގާތްގަނޑަކަށް ދެގުނަކޮށް ހިންގުމުގެ ހަރަދު ކެނޑުމުގެ ކުރިން ސާފު ފައިދާ ވެސް ވި އެވެ. އިއްތިފާގުން އެ އަހަރަކީ ފަހުގެ ތާރީހެއްގައި ބޭރުގެ ބާޒާރުގައި ވެސް މަހުގެ އަގު އެންމެ އުފުލުނު އަހަރަށެވެ. މިހެންކަމުން މި ނަތީޖާއަށް ވާސިލުވާނެ މަގު ފަސޭހަ ވެގެން ދިޔަ އެވެ.

ނަމަވެސް އޭރު ވެސް ކުންފުނީގެ ހިންގުން ހަރުދަނާކޮށް ކުންފުނި ތަރައްގީކުރަން އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނެތެވެ. ނަތީޖާއެއްގެ ގޮތުން އެސްޓީއޯގެ ނިވަލުގައި އޮވެގެން ވެސް މިފްކޯއިން ފައިދާއެއް ނެރެވޭ ވަރު ނުކުރެވުނެވެ. މަސްވެރިންނަށް ގަވާއިދުން ފައިސާ ނުދެވޭ ފަހަރުތައް އިތުރުވެ ކޮޅަށް ޖަހަން ބުނި މިފްކޯ އޮތީ އަނެއްކާ ވެސް ދަރައި ހިކިފަ އެވެ.

އެފަހުން ވެރިކަމާ ހަވާލުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިފްކޯއާ ގުޅޭ އެންމެ ބޮޑު ނިންމުމަކަށް ނަޝީދު ދައުރުގައި ހުއްޓާލުމަށް ފަހު ޔާމީންގެ ދައުރުގައި ފެށި މަހުގެ ކޮންޓްރޯލް އަގު އަނެއްކާ ވެސް ދޫކޮށްލުމެވެ. އެ ސަރުކާރުން ވެސް ފުރަތަމަ ވިސްނީ އެސްޓީއޯއިން މިފްކޯ ވަކިކުރާށެވެ. އެގޮތުން މިފްކޯގެ ވަސީލަތްތައް ތަރައްގީކުރަން ބޮޑެތި އިންވެސްޓްމަންޓުތަކަށް ވެސް ފެށި އެވެ.

ސޯލިހު ސަރުކާރުން ރޭވީ ރާއްޖޭގައި ބާނާ ހުރިހާ މަހެއް މިފްކޯއިން ޕްރޮސެސް ކުރެވޭ ވަރަށް މިފްކޯ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަސީލަތްތައް ތަރައްގީ ކުރުމަށެވެ. މަސްވެރިންނަށް ހުރިހާ ސަރުކާރަކުން ވެސް ވައުދު ވަމުން އައި ހަމަ އަގު ލިބި، މިފްކޯ ކޮޅަށް ޖަހާނެ ފޯމިއުލާއަކީ އެއީ ކަމަށް ބުންޏެވެ. ނަމަވެސް ފަސް އަހަރު ނިމުނުއިރު، މީގެ ތެރެއިން ގިނަ ކަންކަން ތަންފީޒު ނުވެ އެވެ. މިފްކޯ ކޮޅަކަށް ނުޖެހެ އެވެ.

ކުރީގެ ގޯސްތައް ތަކުރާރު ނުކުރުން މުހިންމު

މިފްކޯ ކޮޅަށް ޖެހުމުގެ ވާހަކައަކީ ކޮންމެ ސަރުކާރަކުން ވެސް ކުރަން ބުނެ، ކުރަން އުޅެ، ނުވެފައި އޮތް ކަމެކެވެ. ކުންފުނި ކޮޅަށް ނުޖެހުނު ތަނުގައި ކޮންމެ ސަރުކާރެއް ނިމި އަނެއް ސަރުކާރުން ކުންފުންޏާ ހަވާލުވާއިރު ފެންނަނީ އިހުނަށް ވުރެ ހާލަތު ގޯސްވެފައިވާ މަންޒަރެވެ.

އެކަމަކު މި ސަރުކާރު ވެސް ވެރިކަމަށް އައީ އެކަން ކުރާނެ ކަމަށް ވައުދުވެގެންނެވެ. އަދުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް ގެންގުޅޭ ޕްލޭނުގެ ބޮޑު ބައެއް ގުޅެނީ ވެސް ސީދާ މިފްކޯއާ އެވެ. އެގޮތުން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ ރިޔާސީ ކެމްޕެއިންގެ ތެރޭގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް އެސްޓީއޯގެ ދަށުން މިފްކޯ ވަކިކުރުމެވެ.

ދެން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ އަނެއް ކަމަކީ މިފްކޯގައި މަސްވެރިންގެ ދައުރު އިތުރުކުރުމެވެ. މީގެ ތެރޭގައި މިފްކޯގެ ބޯޑަށް މަސްވެރިއަކު އައްޔަނުކުރުމާއި މިފްކޯގެ ހިއްސާ މަސްވެރިންނަށް ދިނުމަށް އުފައްދަން ޖެހޭ ކޯޕަރޭޓިވް އުފެއްދުން ހިމެނެ އެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި މި މަސައްކަތްތަކީ މަސްވެރިކަމުގެ ސިނާއަތަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަން ފަހިކޮށްދޭނެ ކަމެކެވެ.

"އޭގެ ބޭނުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި، މަސްވެރިންނަށް އަޅުގަނޑު ވެފައިވާ ވައުދުތައް ހާސިލުވުމުގައި މަގުފަހިކުރުން،" މިފްކޯ ވަކިކުރަން ކެބިނެޓުން ނިންމި ދުވަހު ރައީސް ވިދާޅުވި އެވެ.

މިފްކޯގައި މަސްވެރިންގެ ދައުރު ފުޅާކުރުމަކީ ރަނގަޅު މިސްރާބެއް ނަމަވެސް މި ސަރުކާރުން ވެސް ކުރިން ހެދިފައި ހުރި ގޯސްތައް ތަކުރާރުކުރުމުގެ މަގަށް ހިނގާ މަންޒަރު އެބަ ފެނެ އެވެ. އެންމެ ބޮޑު މައްސަލައަކީ މި ސަރުކާރުން ވެސް މަސް ގަންނަ އަގު ކޮންޓްރޯލްކޮށްފައި ބާއްވަން ގެންގުޅޭ ވިސްނުމެވެ. އެގޮތުން މިފްކޯއަށް މަސް ގަންނަ އަގު ކިލޯއަކަށް 25ރ. އިން 20ރ. އަށް ކުޑަކުރި ނިންމުމާ އެކުއެކީ އެއަށް ވުރެ އަގު ދަށް ނުވާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން އަރުވަ އެވެ.

ނަމަވެސް އަގު ކޮންޓްރޯލް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. މިފްކޯއާ ގުޅިގެން ތައްޔާރުކޮށްފައި ހުރި ހުރިހާ އޮޑިޓެއްގައި ފާހަގަކޮށްފައި އޮތް މައިގަނޑު ކަންބޮޑުވުމަކީ އެއީ އެވެ. މިފްކޯއަކީ އަމިއްލައަށް އަގު ކަނޑައެޅުމުގެ ބާރު އޮތް ކުންފުންޏެއް ނޫނެވެ. މި ހަގީގަތެއް ބަދަލެއް ނުވެ އެވެ. އެ ހަގީގަތް ބަދަލުނުވާހާ ހިނދަކު ކޮންޓްރޯލް އަގެއްގައި ބަގުޑި ބައްދައިގެން އޮތުން ވާނީ މޮޔަ ކަމަކަށެވެ.

މިފްކޯގައި ހުރި މައްސަލަތައް އެނގެ އެވެ. އާމްދަނީއަށް ވުރެ މަސް ގަތުމާއި އުފެއްދުމުގެ ހަރަދު ބޮޑީ އެވެ. ކުންފުނީގައި ހުރި ހަރުމުދަލަށް ވުރެ ދަރަނި ބޮޑެވެ. މަސް ގަންނަނީ މާކެޓު ރޭޓަށް ވުރެ ބޮޑު ކޮށެވެ. ބަރޯސާވަނީ ސަރުކާރުން ދޭ ފައިސާއަށެވެ. ހިންގުމުގެ ދޯހަޅި ކަމުން ގެއްލުން މައްޗަށް ގެއްލުމެވެ. ސަރުކާރުން ބޭނުންވާ އަގެއްގައި މަސް ގަނެގެން މިއިން އެއް ކަމެއް ވެސް ހައްލު ނުވެ އެވެ.

އެހެންކަމުން މިފްކޯއަށް ދިމާވާ މައްސަލަ ވަރަށް ސާފެވެ. މައްސަލައަކީ ހުރި މައްސަލަތައް އެނގި ތިބެ ހައްލު ނުކުރެމެވެ. މި މައްސަލައިގެ ފެށުމަކީ ވެސް އަދި ނިމުމަކީ ވެސް ސަރުކާރެވެ. ސަރުކާރުން ބުނާ އަގެއްގައި މަސް ގަަންނަން މަޖުބޫރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ހަގީގީ ވިޔަފާރި ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހިންގަންވީ އެވެ. އަމިއްލަ މަސް ކުންފުނިތައް ވެސް ހިންގާ އުސޫލުންނެވެ.

އެހެން ނޫނީ ދެ ބިލިއަނާ ގާތްކުރާ ދަރަނިން ގަރަގުވެފައި އޮތް މިފްކޯއާއެކީ އެ ބަޔަކު ކާންބޯން ކުރާ މަސައްކަތުގެ އުޖޫރައަށް އެ ކުންފުންޏަށް ބަރޯސާވާ މަސްވެރިން ވެސް ދާނީ އަޑިއަށެވެ.

އަމަން ހަލީމް

ޖާނަލިސްޓް

އަމަން ހަލީމް އަކީ ހުނަރުވެރި އުއްމީދީ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. ސިޔާސީ ދާއިރާ އިން ފެށިގެން ވިޔަފާރި އާއި އިގުސާދީ ދާއިރާގައި ވެސް އޭނާގެ ގަލަން ހިނގަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ "ރާއްޖެ ޓީވީ" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox