މިއުނިކް (ފެބްރުއަރީ 11) - ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކް އަތުން 3-0 އިން މޮޅުވެ، ޒަބީ އަލޮންސޯ ކޯޗުކޮށްދޭ ބަޔާ ލެވަކޫސަން އިން ލީގުގެ އެއް ވަނައިގައި ހަމަޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި ލެވަކޫސަން މި ވަގުތު އޮތީ ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލެވަކޫސަން އަށް 21 މެޗުން 55 ޕޮއިިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ބަޔާނަށް 21 މެޗުން ލިބުނީ 50 ޕޮއިންޓެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ލެވަކޫސަނުން ވަނީ 18 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ފުރުސަތަކުން، ޖޯސިޕް ސްޓަނިސިޗް ޖެހި ގޯލުން ލީޑުނަަގައިފަ އެވެ. ލެވަކޫސަނުން މި ލީޑާ އެކު، ފުރަތަމަ ހާފުގައި ރަނގަޅަށް ޑިފެންސްކޮށް، ބަޔާންގެ އެޓޭކްތައް ހުއްޓުވި އެވެ.
ދެ ވަނަ ހާފް ފެށިގެން ފަސް މިނިޓް ތެރޭ ލެވަކޫސަން އިން ލީޑުފުޅާކުރި އެވެ. މެޗުގެ 50 ވަަނަ މިނިޓްގައި މި ލަނޑު ޖެހީ އަލެކްސް ގްރިމާލްޑޯ އެވެ. މިއީ، މި ފަހަރުގެ ޖަރުމަނު ލީގުގައި ގްރިމާލްޑޯގެ އަށް ވަނަ ގޯލެވެ.
ބަޔާންގެ ކީޕަރު، މެނުއަލް ނޯޔާ، އެ ޓީމަށް ލިބުނު ކޯނަރެއްގައި އެޓޭކަށް އެރުމުގެ ފައިދާނަަގައި، މެޗުގެ އިތުރު ވަގުތުގައި ލެވަކޫސަންގެ ތިން ވަނަ ގޯލު ޖެހީ ޖެރެމީ ފްރިމްޕޮންގް އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ބަޔާން އަށް ރޭގެ މެޗުގައި ލެވަކޫސަން ގޯލާ ސީދާކޮށް ފޮނުވާލެވުނީ އެންމެ ބޯޅައެކެވެ.
ލެވަކޫސަނުން މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި މިހާތަނަށް ކުޅުނު 31 މެޗުން ވެސް ބަލިވެފައިނުވާއިރު، އޭގެ ތެރެއިން، 27 މެޗުން ވަނީ މޮޅުވެފަ އެވެ. އަނެއް ހަތަރު މެޗުވީ އެއްވަރެވެ. ލެވަކޫސަނުން ދެން ކުޅޭ ދެ މެޗު ބަލިނުވެ ނިންމާލައިފިނަމަ، ޖަރުމަނު ފުޓްބޯޅަ ތާރީހުގައި އެންމެ ގިނަ މެޗުން ބަލިނުވެ، ބަޔާން މިއުނިކުން ދަމަހައްޓާފައިވާ ރެކޯޑް މުގުރާލެވޭނެ އެވެ.












