ބަޖެޓުގައި ނެތަސް ތ. ގުރައިދޫ އެއާޕޯޓު މި އަހަރު ފަށާނަން: ރައީސް

ރައީސް މުއިއްޒު ތ. ގުރައިދުއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވަނީ: ގުރައިދޫ އެއާޕޯޓުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި - ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ތ. ގުރައިދުއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވަނީ: ގުރައިދޫ އެއާޕޯޓުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި - ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ތ. ގުރައިދޫ އެއާޕޯޓުގެ މަޝްރޫއަށް ބޭނުންވާ ފައިސާ ހިމަނާދީފައި ނެތް ނަމަވެސް، އެ މަޝްރޫއުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ރަށުގައި ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ނިސްބަތުން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ގުރައިދޫއަށް ވަޑައިގެން، ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބަޖެޓުން ޖާގަ ނުދިނަސް އެހެން ގޮތްގޮތުން މަޝްރޫއުތައް ހިންގޭނެ ކަން މި ސަރުކާރުން މިހާރު ވެސް ދައްކައިދީފައިވާނެ ކަމަށެވެ.

އެމަނިކުފާނު އިޝާރާތް ކުރެއްވީ ވެރިރަށް މާލޭގެ ދެކުނުން 10 މޭލު (16 ކިލޯމީޓަރު) ދުރުގައި އޮތް 1280 ހެކްޓަރުގެ ފުށި ދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއަށެވެ.

މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގެދޮރު ބޭނުންވާ މީހުނަށް ގެދޮރާއި އިގުތިސޯދީ ފުރުސަތުތައް ލިބިދޭ ގޮތަށް ސަރުކާރުން ރާވާފައިވާ "ރަސްމާލެ" މަޝްރޫއުގެ އަގު އަދާކުރަނީ، ފައިސާގެ ބަދަލުގައި އެ ކަން ހަވާލުކުރި ކުންފުންޏަށް އެ އަގަށް ހަމަވާ ބިން ދީގެނެވެ.

ރައީސް މުއިއްޒު މިއަދު ވިދާޅުވީ ގުރައިދޫ އެއާޕޯޓުގެ މަޝްރޫއު ވެސް އެފަދަ ބައެއް އުސޫލުތަކުގެ ތެރެއިން ހަމަޖައްސާނެ ކަމަށެވެ. ގުރައިދޫގައި އެއާޕޯޓެއް އެޅުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

ގުރައިދޫ އެއާޕޯޓުގެ މަޝްރޫއު މި އަހަރު ފަށާނެ ކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު، ރައީސް މުއިއްޒު ދެން ފާހަގަ ކުރެއްވީ ގައުމުގެ އިގުތިސޯދީ ހާލަތެވެ. ދަރަނިވެރި ހާލަތެއްގައި ދިވެހި ދައުލަތާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އޮތުމުން، ރަށްރަށުގައި އެތައް މަޝްރޫއެއް އެއް ފަހަރާ ހިންގެން ނެތް ކަން ވިދާޅުވި އެވެ.

މި އިގުތިސޯދީ ހާލަތުގައި ވެސް ރަށްރަށުން ބޭނުންވާ ތަރައްގީ ހާސިލު ކުރުމަށް، ސަރުކާރުން ކުރެވެން ހުރި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ގުރައިދޫގައި އެއާޕޯޓު ތަރައްގީ ކުރާނީ އެކަމަށް ބޭނުންވާ ބިން ހިއްކައިގެންނެވެ. އެއާޕޯޓަށް ބޭނުންވާ ބިން ގުރައިދޫގައި ހިއްކާއިރު, އެ ފަޅުގައި އޮންނަ ގާދިއްފުށްޓަށް ވެސް އެކަށީގެންވާ ވަރަށް ބިން ހިއްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުރައިދޫ އާއި ގާދިއްފުށީގެ އިތުރުން އެ ފަޅުގައި އޮންނަނީ ތިމަރަފުށްޓެވެ. ތިމަރަފުށްޓާއި ގުރައިދޫއާ ދެމެދުގެ ދިގުމިނަކީ 21 ކިލޯ މީޓަރެެވެ. ގުރައިދޫގައި އެއާޕޯޓު މި އަޅަނީ، ތިމަރަފުށީގައި އެއާޕޯޓު އަޅައިގެން މިހާރު ވެސް ހިންގަމުން ދަނިކޮށެވެ.

އަދި ގުރައިދޫއާ 20 ކިލޯމީޓަރު ދުރުގައި އޮންނަ ވިލުފުށީގައި ވެސް އެއާޕޯޓެއް އެޅުމަށް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. ވިލުފުށީ އެއާޕޯޓުގެ ވައުދަކީ ކުރީގެ ސަރުކާރުގެ ވެސް ނިންމުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox