ޖުޑީޝަރީއަށް ސަރުކާރު މީހަކު ނުފޫޒު ފޯރުވައިފިނަމަ ފިޔަވަޅު އަޅާނަން: ރައީސް

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންއާއެކު ރައީސް މުއިއްޒު އަދި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް: ޝަރުއީ ދާއިރާއަށް މީހަކު ނުފޫޒުފޯރުވައިފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ - ފޮޓޯ: ރައީސް އޮފީސް

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންއާއެކު ރައީސް މުއިއްޒު އަދި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް: ޝަރުއީ ދާއިރާއަށް މީހަކު ނުފޫޒުފޯރުވައިފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ - ފޮޓޯ: ރައީސް އޮފީސް

ޖުޑިޝަރީ އަށް ސަރުކާރުގެ އެއްވެސް ބޭފުޅަކު ނުފޫޒު ފޯރުވަން މަސައްކަތްކޮށްފިނަމަ އެ ބޭފުޅަކާ މެދު ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަމުން، ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ވިދާޅުވީ، އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް މީހަކު ފޯރުވާކަން އެނގިއްޖެނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

"ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނަން، އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިއްޖެނަމަ ވަގުތުން ފިޔަވަޅު ވެސް އަޅުގަނޑު އަޅާނަން،" ރައީސް ވިދާޅުވި އެވެ.

Advertisement

ރިޔާސީ ކެމްޕެއިނުގައި އެމަނިކުފާނު ދެއްކެވި ބައެއް ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ވިދާޅުވީ ބަދަލު ހިފުމުގެ ރޫހާއި ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް ދިނުމަކީ އެމަނިކުފާނު ނުކުރައްވާނެ ކަމަށެވެ.

"ގައުމަށް ހަމަޖެހުން އަންނަން ޖެހޭ، އެ ރޮނގުން އަޅުގަނޑު ދެއްކި ވާހަކައާއި އެއް ގޮތަށް އަޅުގަނޑުގެ ބަހާ އަމަލު ސީދާ ކުރާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ގާނޫނުގެ ވެރިކަން ކަށަވަރު ކުރައްވާނެ ކަމަށާއި އަދުލުވެރިކަމާއި އިންސާފު ދައުލަތުގައި ގާއިމު ކުރުމަށް، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާ ކުރަން ޖެހޭ ވާޖިބު އަދާކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް ރައީސްގެ މައިގަނޑު ވައުދުތަކުގެ ތެރޭގައި ހިމެނެނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ ބޭފުޅުން ނުތިބޭ ގޮތަށް އެކުލެވުން ބަދަލު ކުރުމާއި، ހުކުމެއް ނެތި ޖަލު ބަންދުގައި "ވާނުވާ" ތިބޭ ތިބުން ނިމުމަކަށް ގެނައުމާއި ކަފާލާތުގެ އުސޫލުތައް ގެނައުން ހިމެނެ އެވެ.

އެ ވައުދުތައް ފުއްދުމަށް ޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކުގެ ބިލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަަޅާނެ ކަން މިއަދު ވެސް އެމަނިކުފާނު ތަކުރާރު ކުރެއްވި އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ކެމްޕެއިން ކުރައްވަމުން ގެންދެވިއިރު ޕީޕީއެމް/ޕީއެންސީގެ އޭރުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަކީ ވެސް އެމަނިކުފާނުގެ ވައުދެކެވެ. ނަމަވެސް ވެރިކަމަށް މިވީހާ ދުވަސްވީއިރު ޔާމީނަށް އިއްވި ހުކުމް ދެމިއޮތް އިރު، ސަރުކާރުން ބުނަނީ އެ ވައުދަކީ ނުފޫޒު ފޯރުވުން ހުއްޓާލުމަށް ވީ ވައުދެއް ކަމަށާއި އެ ވައުދު މިހާރު ފުއްދިފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox