މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން އަގުހުރި އިނާމުތަކެއް ލިބޭ ވަރަށް ހާއްސަ އޮފާއެއް ކުރިއަށް އެބަ ދެ އެވެ.
ގޯލްޑަން ފުޓްސަލް ޗެލަންޖަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ހިންގާ މި މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރަކީ އުރީދޫއެވެ. މުބާރާތުގެ މެޗުތައް ކުރިއަށް ގެންދަނީ ހުޅުމާލެ، ރެހެންދި ޓާފް ދަނޑުގަ އެވެ.
އުރީދޫން ވަނީ މި މުބާރާތުގެ މެޗުތައް ކުރިއަށްދާ ދުވަސްދުވަހު ރެހެންދި ޓާފު ދަނޑުގައި ބަހައްޓާފައި ހުރި ހުރި އުރީދޫ ޓެންޓުން އުރީދޫގެ ހިދުމަތަކަށް އެދިލައިގެން ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށާފައެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފްތާއަކު ވެސް އަގުހުރި އިނާމުތަކެއް ލިބިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، އަވަން ފަދަ ބޭނުންތެރި އެތައް އިނާމުތައް ހިމެނިފައިވާނެ ކަމަށް އުރީދޫ އިން ބުންޏެވެ.
އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ނުވަތަ ސުޕަނެޓްގެ ހިދުމަތް އަދި 5ޖީ ޑިވައިސްއެއް ނެގި ކަމުގައި ވިޔަސް މި ލަކީޑްރޯ ގައި ބައިވެރި ވެވޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާއި ހަމައަށެވެ. އަދި ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުގައި އުރީދޫ ޓީމުން ކަސްޓްމަރުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.










