މިއުނިކް (ޖެނުއަރީ 28) - ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކުން އޮއުސްބާގް އަތުން 3-2 އިން މޮޅުވިއިރު، އެއް ވަނައިގައި އޮތް ބަޔާ ލެވަކޫސަން ކުޅުނު މެޗުން ބޮރޫޝިއާ މުންޗެންގްލަޑްބެކާ 0-0 އިން އެއްވަރުވެ، ލީޑު ދަމަހައްޓަން ލިބުނު ފުރުސަތު އަތުން ދޫވެއްޖެ އެވެ.
ލީގުގެ އެއް ވަނައިގައި ލެވަކޫސަން މި ވަގުތު އޮތީ ދެ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލެވަކޫސަން އަށް 19 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނަށް ވަނީ 19 މެޗުން 47 ޕޮއިންޓް ލިބިފަ އެވެ.
ޒަބީ އަލޮންސޯ ކޯޗުކޮށްދޭ ލެވަކޫސަން އިން މި ފަހަރުގެ ސީޒަނުގައި އަދި މެޗަކުން ބަލިނުވެ އެވެ. ޖަރުމަނުގެ ލީގު ސީޒަނެއް ފަށައިގެން އެންމެ ގިނަ މެޗު ބަލިނުވެ، އޮތުމުގެ ރެކޯޑް އޮތީ ލެވަކޫސަން އަތުގަ އެވެ.
އޮއުސްބާގް ދަނޑުގައި ބަޔާނުން ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއްނެގި އެވެ. ލަނޑުތައް ޖެހީ އަލެކްސަންޑަ ޕަވްލޮވިޗް އާއި އަލްފަންސޯ ޑޭވިސް އެވެ. އެކަމަކު، ދެ ވަނަ ހާފް ފެށިގެން އަށް މިނިޓް ތެރޭ، އެރްމެޑިން ޑެމިރޯވިޗް ބޮލުން ޖެހި ގޯލުން އޮއުސްބާގުން އަލުން މެޗުގެ ތެރެއަށް ވަނެވެ.
ބަޔާނުން އަލުން ދެ ގޯލުގެ ލީޑުނެގި ލަނޑު ޖެހީ ހެރީ ކޭން އެވެ. މިއީ މި ފަހަރު ލީގުގައި ކޭން ޖެހި 23 ވަނަ ގޯލެވެ. ބަޔާނާ ގުޅުނު ސީޒަނެއްގައި ލީގުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ އިޓަލީގެ ކުރީގެ ފޯވާޑް ލޫކަ ޓޯނީ އަތުގަ އެވެ. ޓޯނީ ވަނީ ބަޔާނަށް ބަދަލުވި ސީޒަނުގައި އެ ޓީމަށް ލީގުގައި 24 ލަނޑު ޖަހައިފަ އެވެ.
ކޭން އަށް ޓޯނީގެ މި ރެކޯޑް މުގުރާލުމުގެ ހުރިހާ ފުރުސަތެއް އޮތީ ފަހިކޮށެވެ.
މެޗުގެ 88 ވަނަ މިނިޓްގައި އޮއުސްބާގަށް ލިބުނު ޕެނަލްޓީ އެ ޓީމުގެ ސްވެން މިޝެލް ފޮނުވާލުމުން ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ.
އެކަމަކު، އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ޑެމިރޯވިޗް ވަނީ އޮއުސްބާގަށް ލިބުނު އަނެއް ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ.
ޖަރުމަނު ލީގުގެ ތިން ވަނައިގައި އޮތް ސްޓުޓްގާޓުން ވަނީ ރޭ ކުޅުނު މެޗުން ހަތަރު ވަނައިގައި އޮތް އާރްބީ ލައިޕްޒިގު އަތުން 5-2 އިން މޮޅުވެފަ އެވެ. ސްޓުޓްގާޓަށް 19 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ލައިޕްޒިގަށް ވަނީ 19 މެޗުން 33 ޕޮއިންޓް ލިބިފަ އެވެ.












