ކޮރަޕްޓް ބައްޕައެއްގެ ދަރިޔަކު އޭނާގެ ބައްޕަގެ މަރުތަންމަތީގައި ބައްޕަގެ ކޮޓަރިއަށް ވަނެވެ. އަދި ބައްޕައަށް ބުންޏެވެ. ކޮރަޕްޝަންގެ އިލްމުގައި ފަހުން އެއްވެސް މީހެއް ކައިރީގައި އަހަންނުޖެހޭނެ ވަރަށް އިލްމުވެރިވާނެ ފަދަ ކަންތައްތަކެއް އަހަންނަށް އުގަންނައިދީބަލާށެވެ. ބައްޕަ ބުންޏެވެ. ދަރިފުޅާއެވެ. ވަރަށް ރަނގަޅަށް ދަސްކުރާށެވެ! ކޮރަޕްޝަންގައި އުސޫލުތަކަކާއި ގަވާއިދުތަކެއްވެއެވެ.
ފުރަތަމަ ކަމަކީ، އެކަނިމާއެކަނި ނޫޅޭށެވެ. ކޮރަޕްޝަންގެ ކަންކަމަކީ، ބައިގަނޑަކަށް ނޫނީ ކުރެވޭ ބާވަތުގެ ކަންކަމެއް ނޫނެވެ. އޭގައި ކޮރަޕްޓް މީހުންގެ ބައިވެރިވުމާއި އެމީހުންގެ މެދުގައި ތިމާއާމެދު އިތުބާރު ވަރުގަދަވެފައި އޮތުން އެއީ ލާޒިމުކަމެކެވެ. ދެވަނަ ކަމަކީ، އެބަޔަކު ތިބެނީ ގާނޫނަށްވުރެ ވެސް މަތީގައިކަމަށް އެބަޔަކާމެދު މީހުން ކިޔާ އުޅޭ މީހުން ހޯދާށެވެ! އަދި އެ މީހުންގެ ރަށްޓެހިކަން ކޮންމެ އަގެއްގައި ނަމަވެސް ގަންނާށެވެ! އެހެން އެއްވެސް ބަޔަކަށް އުގަންނައިދޭން ނޭނގޭނެ ފަދަ ކަމުގެ ހުނަރުތައް އެމީހުން ތިބާއަށް އުގަންނައިދޭނެއެވެ. އިސާހިތަކު ޒަމާންތައް ދައުރުވަމުންދާނީ ކޮރަޕްޝަންގެ ސިޑީގައި ތިބާ ހަރުފަތަކުން ހަރުފަތަކުން މައްޗަށް އަރަމުންނެވެ.
ތިންވަނަ ކަމަކީ ކޮރަޕްޝަންގެ ކޭކް ބަހާއިރު، ތިބާއަށްވުރެ މަތީ ހަރުފަތުގައި ހުންނަ މީހާއަށް ކޭކުން ލިބޭ ބައި ތިބާއަށް ލިބޭ ބަޔަށްވުރެ ބޮޑުވެގެން ޝަކުވާކުރުމަކީ އެޔަށްވުރެ ބޮޑު އެހެން ޖަރީމާއެއް ނެތްފަދަ ކުށެއްކަން ދަންނާށެވެ. އެހެނީ ކޮރަޕްޝަންގެ ބައިވެރިންގެ މެދުގައި ހަމަހަމަކަމެއް ނޯންނާނެއެވެ. ހަތަރުވަނަކަމަކީ، ދީލަތި މީހަކަށްވާށެވެ. އަދި ތިބާގެ މޮޓޯއަކީ "ފައިދާވާށެވެ! އަދި ފައިދާހޯދައިދޭށެވެ!" މިއީ ކަމުގައި ކަމުގައި ހަދާށެވެ. ކޮރަޕްޝަނުން ލިބޭ އެތިއެތިކޮޅު ތިބާއަށްވުރެ ދަށު ހަރުފަތުގައި ތިބޭ ކުދިންނަށް ދީލަތިކަމާއެކު ބެހުމަކީ އެމީހުން ތިބާއަށް ބަދަހިކަމާއެކު ތަބާވެ، އެޔަށްވުރެ ގިނައިން ލިބުމުގެ އުންމީދުގައި އަބަދުވެސް ތިބާއާއެކު ތިބޭނެ ސަބަބެއްކަމުގައިވާނެއެވެ.
ފަސްވަނަ ކަމަކީ، ދަރިފުޅާއެވެ! ޕްރޮފެޝަނަލް ކޮރަޕްޓް މީހާއަކީ ގާނޫނު ނަގަހައްޓާ މީހެއްކަމުގައި ހެދެންޖެހެއެވެ. ކަމުގެ އިލްމުނެތި ކޮރަޕްޝަން ހިންގާ މީހުން ދަނީ ޖަލުގޮޅިއަށެވެ. އެކަމަކު ހުނަރުވެރި ކޮރަޕްޓް މީހާއަށް މީސްތަކުން އަތްތިލަބަޑިޖަހާނެއެވެ. އަދި ކެމެރާ ލެންސްތަކުގެ ކުރިމަތީގައި އެބައި މީހުން އިއްޒަތްތެރިކުރުވޭނެއެވެ. ހަވަނަ ކަމަކީ، ތިބާ ހިންގާ ކޮރަޕްޝަންގެ ހެކި ނައްތާލަން ވަރަށް ރަނގަޅަށް އުގެނި ދަސްކުރުމެވެ. އަދި އެންމެ ފަސޭހައިން އޮއި ދެމޭ ކަނޑެއްގައި އެހެކިތައް ޣަރަގުކޮށްލަން ދަސްކުރުމެވެ. ހެކި ޣަރަގުކުރުން ހެކި ވަޅުލުމަށްވުރެ ފަސޭހަވާނެއެވެ.
ހަތްވަނަ ކަމަކީ، ކޮރަޕްޝަން ދެކެ ބިރުވެސް ނުގަންނާށެވެ! އަދި ލަދުވެސް ނުގަންނާށެވެ! އަހަރެމެންނަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި އެވެރިކަމުގެ ބާރުވެރިކަން އޮތް އެންމެ ބޮޑު އެމްޕަރަރއެވެ. އަށްވަނަ ކަމަކީ، ކަނެކްޝަން ހުރި މީހުންނާއި މުހިންމު މީހުން އެއްކޮށްގެން ކެއުމާއި މަޖަލުގެ މައްޗަށް ހިމެނޭ ބޮޑެތި ހަފުލާތައް ބޭއްވުން ގިނަކުރާށެވެ! ވީހާ ދަންވަންދެން ހަފުލާތައް ބޭއްވޭލެއް ގިނަވީވަރަކަށް ކޮރަޕްޝަންގެ ގާބިލިއްޔަތުގައި އެމީހުން ބޮޑުތަނުން ކުރިއަރާދާނެއެވެ.
ނުވަވަނަ ކަމަކީ، ކޮރަޕްޝަންގެ ޓާރމިނޮލޮޖީ ދަސްކުރާށެވެ! ކޮރަޕްޓް މީހާ ރިޝްވަތަށް ރިޝްވަތު ކިޔުމަށް ނުރުހެއެވެ. އޭނާ އެއަށް ކިޔާނީ ކަމިޝަންއެވެ. ދިހަވަނަ ކަމަކީ، ޕަބްލިކްގައި ކޮރަޕްޝަން ނެތްކަމަށް ނުބުނާށެވެ. އެކަމަކު ކޮރަޕްޝަން އާންމުވެފައިވާލެއް ބޮޑުކަމުގެ މައްޗަށް ވާހަކަ ދައްކާށެވެ. އަދި އެޔާ ލައިގެން އުޅެން ދަސްކުރަންޖެހޭ ހިސާބަށް ކަންތައް ގޮސްފައިވާކަމުގައި ބުނާށެވެ! ޝަރަފުވެރިކަމާއި ނަޒާހަތްތެރިކަމުގެ ވާހަކަ ގިނަގިނައިން ދައްކާށެވެ! އަދި އެބާވަތުން ތަފާތު މޮޓޯތަކާއި ވާހަކަތައް އާންމުކޮށް ދައްކައި ފެތުރުން ގިނަކުރާށެވެ! އަދި ކޮރަޕްޝަނާއި ކޮރަޕްޓް މީހުންނަށް ލައުނަތްދީ ވީހާ ހަޑިކޮށް އެއްޗެހި ކިޔުން ދުވަހަކު ވެސް ހުއްޓާނުލާށެވެ!
އެގާވަރަނަ ކަމަކީ، ތިބާގެ އިމޭޖް ސާފުކޮށް ބަހައްޓާށެވެ. ކޮރަޕްޝަނާ ދެކޮޅަށް ހަގީގަތުގައި ވެސް މަސައްކަތްކުރާ މީހުންނަށް ބޮޑެތި ޚިދުމަތްތަކެއް ވެސް ކޮށްދޭށެވެ. އަދި އެމީހުންނާއެކީ ހަނދާނީ ފޮޓޯތައް ނަގައި، އެތަކެތި ވީހާ ބޮޑަކަށް އާންމުކުރަމުންގެންދާށެވެ. ތިބާގެ ސޫރަ މިމޭރުމުން ރީތިކޮށް އާންމުކޮށްދޭނެ ރަނގަޅު ނޫސްމީޑިއާއެއްވެސް ހޯދާށެވެ. ބާރަވަނަކަމަކީ، ކޮރަޕްޝަނަކީ ގައިންގަޔަށް އަރާ ބައްޔެކެވެ. ލިމިޓްވެފައިވާ އާމުދަނީއެއް ލިބޭ މީހާގެ އަތްދަށުން އެތައް މިލިޔަނެއް ދައުރުކުރެވޭއިރު، ދައުލަތުގެ ބެލެހެއްޓުންތެރިކަން ބަލިކަށިހާހިނދަކު އެ އަދަދު ދާނީ އިތުރުވަމުންނެވެ.
ތޭރަވަނަ ކަމަކީ، އިންޓެލެކްޗުއަލް މީހުންނަށް އުދަގޫކޮށް ޖެއްސުން ނުކުރާށެވެ. އެމީހުން ތިބާއާ މާދުރުގައި ތިބެގެން އެއްބަޔަކު އަނެއްބަޔަކާ ބޭކާރުކަންކަމުގައި ޒުވާބުކުރަން ތިބޭނީ އޭރުންނެވެ. ސާދަވަނަ ކަމަކީ، ތިޔަހެން އުޅެނިކޮށް ކޮރަޕްޓް ފަނޑިޔާރަކާ ދިމާވެއްޖެނަމަ، އެލިބުނީ ޚަޒާނާއެއްކަން ދަންނާށެވެ. އެހެނީ އެއީ ނާދިރު ކަރަންސީއެކެވެ. އެ ދޫނުކޮށް އޭގައި ކޮލުދަތްތަކުން ދަތްއަޅާށެވެ. ފަނަރަވަނަ ކަމަކީ، ޓްރާންސްޕޭރަންސީއާ ކަނޑައެޅިގެން ހަނގުރާމަކުރާށެވެ. އެއީ ނިމުމުގެ ފެށުންކަން ދަންނާށެވެ. އެންމެ ފަހު ކަމަކަށް ބުނަމެވެ. ތިބާގެ އެންމެ ފުރަތަމަ އަދާވާތްތެރިއަކީ ތިބާގެ އަމިއްލަ ޒަމީރެވެ. އެގޮލާ ހޭލައިފިނަމަ، ތިބާއާ ހަނގުރާމަކޮށް ތިބާ ބަލިކުރާނެއެވެ.
އާދޭހެވެ! ޒަމީރެވެ. އަލްޤިޔާމަތު ސޫރަތުގެ ފެށުމުގައި މާތް ﷲ އެއެއްޗެއް ގަންދެއްވައި ހުވާ ވަޙީކުރައްވާފައިވާ، އަންނަފްސުއްލައްވާމާއެވެ. ޤިޔާމަތު ސޫރަތް މާތް ﷲ ފައްޓަވަނީ، "ޤިޔާމަތްދުވަސް ގަންދެއްވައި ހުވާ ވަޙީކުރައްވަމެވެ. އަދި އަންނަފްސުއްލައްވާމާ ގަންދެއްވައި ހުވާ ވަޙީކުރައްވަމެވެ." މިފަދައިންނެވެ.
ޤިޔާމަތްދުވަހަކީ ކޮބައިކަމާއި ޤިޔާމަތް ދުވަހާމެދު ސަމާލުވާންޖެހެނީ ކިހާ މިންވަރަކަށްކަން އަހަރެމެން އެންމެންނަށްވެސް އެނގެއެވެ. ބަސްވަޙީކުރެއްވުމުގައި ޤިޔާމަތްދުވަހެކޭ އެއްފަދައިން އަންނަފްސުއްލައްވާމާ ގަންދެއްވައި ބަސްވަޙީކުރެއްވީމާ، އަންނަފްސުއްލަވާއާމެދު ސަމާލުކަންދޭންޖެހޭ ދަރަޖަ ވަރަށް ރަނގަޅަށް ސާފުވެގެންނުދޭތޯއެވެ؟ ނަފްސުއްލައްވާމާއަކީ ކޮބާތޯއެވެ. ބަހުގެ ގޮތުން ބަލާއިރު، މަލާމާތްކުރާ ނަފުސެވެ. ތަފްސީރު އިލްމުވެރިން އިތުރަށް ތަފުސީލުކޮށްފައި ބުނާގޮތުންނަމަ، އަންނަފްސުއްލައްވާމާއަކީ، ނުބައިކަންތައް ކުރާކަމުގެ މައްޗަށާއި، ހެޔޮކަންތައް ނުކުރާކަމުގެ މައްޗަށް، އަމިއްލަ ނަފުސަށް މަލާމާތް ރައްދުކޮށްކޮށް ހުންނަ ނަފުސެކެވެ. އަޅުގަނޑު ކިޔުންތެރިންގެ ސިކުނޑިއަށް ގާތްކޮށްލަދިނުމުގެ ގޮތުން މާނަކުރާނަމަ ދަންނަވާނީ، އެޔަކީ ނުބައިކަންތައް ކުރެވޭކަމަށާއި ރަނގަޅު ކަންތައް ނުކުރެވޭކަމުގެ މައްޗަށް މޮޔަހީވުމުގެ ނުވަތަ ރިގްރެޓްވުމުގެ ގާބިލުކަމާއި ކެރިފޯރުންތެރިކަމެވެ. ނަފްސުއްލައްވާމާ ނެތިގެންދިއުންކަމަށް އަޅުގަނޑު މިދަންނަވަނީ އެއީ އެސިފަ ނެތިގެންދިއުމެވެ. އެއްވެސް ބާވަތެއްގެ ނުބަޔެއް ހިންގާކަށް އެސިފަ ނެތިދިއުމުން ޖެހޭނެ ފަހެއް ގަންނާނެ ލަދެއް ނުއޮންނާނެއެވެ.
ހަނދާނަށް އަންނަނީ ތާރީޚީ ބައެއް ބީރަށްޓެހި ހާދިސާތައް ނަކަލުކުރަމުންދާ ބްލޮގަރަކު ލިޔެފައިވާ ވާހަކައެކެވެ. 1960 ގެ އަހަރުތަކުގެ ތެރެއިން އަހަރެއްގައި އިރާގުގެ ބަސަރާގައި ހުރި ނަށާ ކްލަބުގައި އުޅުނު ނަށާ އަންހެނެއްގެ ވާހަކައެވެ. އެ ނެށުންތެރިޔާ މަރުވީ އަމިއްލައަށެވެ. އެކަމަކު އޭނާގެ ހަށިގަނޑު ފުރަތަމަ ފެނުނު އެ ކުލަބުގެ މުވައްޒިފަށް ވަރަށް އާދަޔާ ހިލާފު ކަމަކާ ކުރިމަތިވިއެވެ. އެއީ ނެށުންތެރިޔާ މަރުވަމުން އޭނާގެ އަތުއަކުރުން ލިޔެފައިވާ ސިޓީއެކެވެ. އޭގައި އޭނާ އަމިއްލައަށް މަރުވި ސަބަބު ބަޔާންކޮށްފައިވެއެވެ.
ކްލްބަށް އައި ކަސްޓަމަރަކު ރާބޮއިގެން މަސްތުވެފައި އިންދައި އޭނާގެ ވޮލެޓް އަހަރެން ވަގަށް ނެގީމެވެ. އެކަން ކުރެވުނީތީ އެކަމުގެ ހިތާމައިގައި އަހަރެއްހާ ދުވަހު ނަފުސު ކުށްވެރިކުރުމުގައި އުޅެވިއްޖެއެވެ. އޭނާގެ ވޮލެޓް އަނބުރާ ރައްދުކުރުމަށްޓަކައި އެމީހާ ފެނޭތޯ އެތައް ތަނެއް ބަލައިފީމެވެ. އަހަރެންނަކަށް ދެން ކެތެއް ނުވާނެއެވެ. އަހަރެން ފަދަ މީހުންނަށް ދިރިއުޅުން ހައްގުވެގެންނެއް ނުވެއެވެ.
ދެން އަޅާކިޔާ ބައްލަވާށެވެ! ރީތިކަމާއި ހަށިގަނޑުން ވިޔަފާރިކޮށް އުޅުނު ނެށުންތެރިޔާގެ އެ ޒަމީރެއް ހުރި އެ އަޚްލާޤެވެ. ބޮއިގެން އިން ކަސްޓަމަރެއްގެ ވޮލެޓް ވަގަށް ނެގުނީތީ އޭނާގެ ނަފުސު ކުށްވެރި ކުރި ގޮތެވެ. ދެން އަހަރެމެން ރައްޔިތުން އެމީހަކާމެދު އިތުބާރުކޮށްފައި އެތައް ބަޔަކު ނުކުމެ ހަރަދާއި ކެމްޕޭނުކޮށްގެން އިންތިހާބު މިކުރާ މީހުންގެ އަޚްލާޤެވެ. އެމީހުން ރައްޔިތުންނަށް ވާ ވައުދު މަގާމުގެ ހުވަޔާ ހަމައަށް ވެސް ނުދަނީސް ބައެއް ފަހަރަށް ބަދަލުވަމުން އެދާ ގޮތެވެ. ރައްޔިތުންގެ ފައިސާއިން މިލިޔަނުން ކުރެވޭ ވައްކަމާމެދު ޒަމީރުގެ ހިރުވާލުމެއް ވެސް ނުހުންނަ މިންވަރެވެ.
ރާއްޖޭގެ އެންމެހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު މިއަދު ދައުވަތު މިދެނީ އަލްޤިޔާމަތު ސޫރަތް ވިދާޅުވުމަށެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "ޤިޔާމަތް ދުވަސް ގަންދެއްވައި ހުވާ ވަޙީކުރައްވަމެވެ. އަދި ނަފްސުއްލައްވާމާ ގަންދެއްވައި ހުވާ ވަޙީކުރައްވަމެވެ. އިންސާނާ ހީކުރަނީ، ތިމަންރަސްކަލާނގެ އޭނާ މަރުވެދިއުމަށްފަހު އޭނާގެ ކަށިތައް އެއްނުކުރައްވާނެ ކަމަށްހެއްޔެވެ؟ އެހެންނަކުން ނޫނެވެ. އެ އިންސާނާގެ އިނގިލިތަކުގެ ނިޝާންތައް ވެސް ކުރިންހުރި ގޮތަށް އަލުން ގެނެސްގަތުމަށް ތިމަންރަސްކަލާނގެ ކުޅަދުންވަންތައެވެ. އަދިކިއެއްތަ! އިންސާނާ އެދެނީ، އޭނާގެ ކުރިޔަށް އޮތްތާނގައިވެސް ފާފަތައް ކޮށްއުޅުމަށެވެ. އޭނާ ސުވާލުކުރާނެއެވެ. ޤިޔާމަތްދުވަސް އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ ފަހެ ލޯތަކަށް ހައިރާންކަންލިބި، ތަރަތަރަލާހިނދެވެ. އަދި ހަނދުގެ އަލިކަން ފިލައިދާހިނދެވެ. އަދި އިރާއި، ހަނދު އެއްތަންކުރައްވާހިނދެވެ. އެދުވަހުން އިންސާނާ ބުނާނެއެވެ. ފިލަންދާނީ ކޮންތާކަށް ހެއްޔެވެ؟ ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ރައްކާވެ ތިބެންދާނެ ތަނެއްނެތެވެ. އެދުވަހުން ގޮސް ހުރިހާކަމެއް ނިމިހަމަޖެހޭނީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަޒުރަތަށެވެ. އިންސާނާ އިސްކުރިހާ ކަމަކާއި، ފަސްކުރިހާ ކަމެއްގެ ވާހަކައިން އެ އިންސާނާއަށް އެދުވަހުން އަންގައިދެވޭނެއެވެ. އަދި ކިއެއްތަ! އެ އިންސާނާވަނީ އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށްވާ ހެތްކެއް ކަމުގައެވެ. އެ އިންސާނާ، އޭނާގެ އުޒުރުތައް ކުރިމަތިކުރިކަމުގައިވިޔަސްމެއެވެ."








