އެފްއޭއެމް އެމްޕީއެލް ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ލެގޫންސް ސްޕޯޓްސް ކްލަބް އަތުން 4-1 އިން މޮޅުވެ، ވިކްޓަރީ ސްޕޯޓްސް ކްލަބް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ގްރޫޕް ސީގައި ވާދަކުރާ ވިކްޓަރީ އާއި ލެގޫންސް އިން މި މެޗަށް ނުކުތްއިރު ވަނީ ފުރަތަމަ ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. އެ ދެ ޓީމުން އެ ދެ މެޗު ނިންމާލީ ބައިކޮޅަށް ގޯލެއް ވެސް ނުވަދެ އެވެ.
މިއަދުގެ މެޗުން މޮޅުވާ ޓީމަކަށް، ގްރޫޕް ސްޓޭޖުގައި ބާކީ މެޗެއް އޮއްވައި، ކުއާޓާ އިން ފުރުސަތު ލިބޭ ގޮތަށް އޮތްއިރު، ވިކްޓަރީން މި ވަނީ ތިން ވަނަ މޮޅު ހޯދައި، ކުއާޓާގެ ޖާގަ ޔަގީންކޮށްފަ އެވެ. ވިކްޓަރީ އޮތީ ގްރޫޕްގެ އެއް ވަަނައިގަ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން ވިކްޓަރީން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެން މަސައްކަތްކުރި އެވެ. އެކަމަކު، ލެގޫންސް މެދު ތެރޭގައި ހުރި އެ ޓީމުގެ ކެޕްޓަން، އަސްހަދު އަލީ (އަޑުބަރޭ) ދިޔައީ އެ ޓީމު ލީޑުކޮށްގެން ކުޅެވޭތޯ ބަލަމުންނެވެ.
ކައުންޓަ އެޓޭކުގައި ލެގޫންސްގެ ކުރިއަށް ކުޅޭ، ސްރީ ލަންކާގެ ފޯވާޑް، މުހައްމަދު ޝިފާން އާއި ރަޝިއާގެ ފޯވާޑް ވްލަޑިސްލާފް ކޮރްމިޝިން އަށް ލިބުނު ފުރުސަތުތަކުގައި ބޭނުންނުކުރެވުނީ، ވިކްޓަރީގެ ފަހަތުގައި ހުރި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ)ގެ ރަނގަޅު ކުޅުމާ އެކު އެވެ.

ގޯލު ޖެހުމަށް ފަހު ވިކްޓަރީގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ހޫނުގަދަ ދުވަހެއް ވުމުން، ވޯޓާ ބްރޭކެއް ވެސް ނަގަން ޖެހުނު މި މެޗުގައި، ވިކްޓަރީން ލީޑުނެގީ މެޗުގެ 38 ވަަނަ މިނިޓްގަ އެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅައެއްގައި ލެގޫންސްގެ ކީޕަރު މުހައްމަދު އިމްރާން އަތުން ދޫވި ބޯޅައެއް ލިބުމުން، ގޯލު ކުރިމަތީގައި ހުސްކޮށް ހުރެފައި، ވިކްޓަރީގެ ހުސެއިން ފައިސަލް (ފައިޓޯ) ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިކްޓަރީން ދެ ވަނަ ގޯލެއް ޖެހި އެވެ. މި ލަނޑު ޖެހީ، އޭރިއާތެރެއަށް ހުރަސްވި ބޯޅައަކަށް ހުސްކޮށް އަރައި، މުހައްމަދު އުމެއިރު ބޮލުންނެވެ.
ދެ ވަނަ ހާފް ފަށައިގެން ލެގޫންސް އިން ކުރިއަށް ޖެހިގެން، ކުޅެން ފެށި އެވެ. އެ ޓީމުން ފޮނުވާލި ރަނގަޅު ޝޮޓްތަކެއް ފޮނުވާލަން މަސައްކަތްކުރި އެވެ. އެކަމަކު، މި ހާފުގައި ވެސް ފުރަތަމަ ލަނޑު ޖެހީ ވިކްޓަރީ އެވެ. އޭރިއާތެރެއިން ދެ ފަހަރެއްގެ މަތިން ފޮނުވާލަން ލިބުނު ފުރުސަތުގެ ބޭނުންހިފައި މި ލަނޑު ޖެހީ، ވިކްޓަރީގެ އުޒްބެކިސްތާން މިޑްފީލްޑަރު، ފާރޫގް ހައިދަރޯފް އެވެ.
އޭގެ ދެ މިނިޓް ފަހުން، އޭރިއާތެރެއިން ވިކްޓަރީގެ އުމެއިރަށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ދެ ވަނަ ހާފުގައި ބަދަަލަކަށް ކުޅެން އެރި، ވިކްޓަރީގެ އިބްރާހިމް ރިޒްހާން (ރިޒްކޯ) އަށް ހުސްކޮށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވައިނުލެވުނެވެ. އަދި އޭރިއާތެރެއިން އަކްރަމް އަށް ވެސް ހުސްކޮށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވައިނުލެވުނެވެ.
ލެގޫންސް އިން ވަނީ މެޗުގެ 75 ވަނަ މިނިޓްގައި، ލަނޑެއް ޖަހައިފަ އެވެ. ވިކްޓަރީ ޑިފެންސް ފަަހަތަށް މަތިން އައި ބޯޅައެއް ހޯދައި، އޭރިއާތެރެއިން، ލެގޫންސްގެ ފޯވާޑް، ޝިފާން ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ މި ފަހަރު ދެ ވަނަ ޑިވިޝަނުގައި ވިކްޓަރީ ކޮޅަށް ވަން ފުރަތަމަ ލަނޑެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް ވިކްޓަރީގެ ފަހު ލަނޑު ޖެހި ޕެނަލްޓީ އަކުން، އުޒްބެކިސްތާން ޑިފެންޑަރު، ހަސަންބޮއޭވް އެވެ. މިއީ ލެގޫންސްގެ އޭރިއާތެރެއިން އެ ޓީމުގެ ކެޕްޓަން، އަޑުބަރޭ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ވިކްޓަރީގެ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ވިކްޓަރީގެ އިތުރުން ދެ ވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުން ޖާގަ ޔަގީންކޮށްފައިވަނީ މަސް އޮޑި ސްޕޯޓްސް ކްލަބް އާއި ޓެންޓް ސްޕޯޓްސް ކްލަބް އެވެ. ވިކްޓަރީން ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި މި މަހު 30 ވަނަ ދުވަހު ބިސް ބުރު ސްޕޯޓްސް ކްލަބާ ބައްދަލުކުރާނެ އެވެ.












