އެފްއޭއެމް އެމްޕީއެލް ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިދިޔަ ހޮނިހިރު ދުވަހު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އޮތް މެޗަށް ކްލަބް ޓީނޭޖުން ހާޒިރުވެފައިނުވާތީ އެ ކްލަބް، 30،000 ރުފިޔާ އިން ޖޫރިމަނާކުރަން ނިންމައިފި އެވެ.
ނިއު އިން އެ މެޗަށް ހާޒިރުވީ ނަމަވެސް މެޗަށް ޓީނޭޖު ކުޅުންތެރިން ހާޒިރު ވެފައިނުވެ އެވެ. މެޗު ފަށަން ކުޑަތަންވީއިރު, ދަނޑަށް ހާޒިރުވީ ޓީނޭޖުގެ ދެ ކުޅުންތެރިންނެވެ. އެހެންވެ, މެޗް ކޮމިޝަނަރު ވަނީ ދަނޑަށް ޓީނޭޖު ހާޒިރު ނުވާ ކަމަށް ނިންމާ މެޗުން މޮޅުވީ ނިއު ކަމަށް ނިންމައިފަ އެވެ. އަދި މުބާރާތުގެ ގަވާއިދަށް ބަލައި، ނިއު އަށް ތިން ޕޮއިންޓާ ފައިދާ ދެ ގޯލު ދޭން އެވެ.
ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ 11.4 ގައި ވާ ގޮތުން މުބާރާތުގައި މެޗެއް ކުޅެން ހަމަޖެހިފައިވާ ދުވަހު، މެޗުގައި ކުޅެން ހަމަޖެހިފައިވާ ކްލަބެއް ދަނޑަށް ހާޒިރުނުވާނަމަ ފިޔަވަޅު އެޅޭނެ އެވެ. އެ ގޮތުން، އެފްއޭއެމް އިން ނިންމާފައިވަނީ، ގަވާއިދުގައިވާ ގޮތަށް ޓީނޭޖް، 30،000 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.
މި މަހު 14 ވަނަ ދުވަހު ޓީނޭޖަށް ފިޔަވަޅު އެޅިކަން އެންގިއިރު، މި ޖޫރިމަނާ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދައްކަން ޓީނޭޖަށް ވަނީ އަންގައިފަ އެވެ.
ޓީނޭޖަކީ މިދިޔަ އަހަރު ދެ ވަނަ ޑިވިޝަންގެ ފައިނަލަށް ދަތުރުކުރި ޓީމެކެވެ. ފައިނަލުގައި އެ ޓީމު ބަލިވީ ބުރު ސްޕޯޓްސް ކްލަބް އަތުން 4-0 އިންނެވެ. މި ފަހަރުގެ މުބާރާތުގައި ޓީނޭޖް ކުޅުނު ފުރަތަމަ މެޗުން ބީޖީ ސްޕޯޓްސް ކްލަބް އަތުން ވަނީ 6-1 އިން ބަލިވެފަ އެވެ. ޓީނޭޖް ދެން އެންމެ އަވަހަށް ކުޅެން ޖެހޭ މެޗު އޮތީ، އަންނަ އާދިއްތަ ދުވަހު ޓެންޓް ސްޕޯޓްސް ކްލަބާ އެކު އެވެ.












