އައްޑޫ ގަމު ހުޅަނގުން އިހި ނަގަން ފައިބައި އުޅެނިކޮށް ގެއްލުނު 18 އަހަރުގެ ކުއްޖާ ހޯދުމަށް ހިންގި އޮޕަރޭޝަނުގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފުލައިޓު ބޭނުންނުކުރި މައްސަލަ ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަ ވިދާޅުވެއްޖެ އެވެ.
ސ. މަރަދޫ، ކުރެދުމާގޭ، މުހައްމަދު ނައީޝް ގެއްލުނީ ސެމްބަރު 21 ގަ އެވެ.
ހޮނިހިރު ދުވަހު އޮންނަ މާލޭ މޭޔަރު އިންތިހާބަށް އިދިކޮޅު އެމްޑީޕީއިން ކުރަމުންދާ ކެމްޕޭން ނިންމާލުމަށް މިރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް އަސްލަމް ވަނީ، ނައީޝް ގެއްލިގެން ހޯދުމުގެ އޮޕަރޭޝަނުގައި ހެލިކޮޕްޓަރާއި ޑޯނިޔާ މަތިންދާ ބޯޓާއި ތަޖުރިބާ އާއި ތަމްރީނު ލިބިފައިވާ އިންޑިއާ ސިފައިން ބޭނުން ނުކުރީ ކީއްވެތޯ ސުވާލު އުފައްދައިފަ އެވެ.
"އައްޑޫގައި އެހެން އޮވެ ދާދި އިހަށް ދުވަހު އަޅުގަނޑުމެންނަށް ގެއްލި އެދިޔަ ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ކީއްވެބާއޭ އަޅުގަނޑު ހިތަށް އެރީ އެ ހެލިކޮޕްޓަރު ބޭނުންނުކުރީ،"
ހެލިކޮޕްޓަރާއި ޑޯނިއާ ފުލައިޓު ބޭނުން ކުރެވޭ ހާލަތެއްގައި އޮތްއިރު ނައީޝް ހޯދުމުގެ އޮޕަރޭޝަނަށް އައްޑޫގައި ހުންނަ އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެއް ބޭނުންކުރީ ކީއްވެތޯ ވެސް ސުވާލު އުފެދޭ އެވެ.

"ހަގީގަތުގަ އަޅުގަނޑު ސާފުކޮށް ދަންނަވާލަން ބޭނުންވަނީ މިކަން މިގޮތަށް ކުރި ބައެއްގެ މައްސަލަ ބަލަންޖެހޭނޭ،" އައްޑޫ ހިތަދޫ މެދު ދާއިރާގެ ގޮނޑިވެސް ތަމްސީލުކުރައްވާ އަސްލަމް ވިދާޅުވި އެވެ.
ރިޔާސީ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ ވާގިވެރިން، އޭރުގެ ސަރުކާރާއި އިންޑިއާއާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފެތުރި ކަމަށް އަސްލަމް ވިދާޅުވި އެވެ. އެ ފެތުރި ދޮގުތައް ފަޅާ އަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.












