އެފްއޭއެމް އެމްޕީއެލް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި، މުހައްމަދު އުމެއިރުގެ ހެޓްރިކާ އެކު، ވިކްޓަރީ ސްޕޯޓްސް ކްލަބުން 8-0 އިން ލޮރެންޒޯ ސްޕޯޓްސް ކްލަބް އަތުން މޮޅުވެއްޖެ އެވެ.
މިއީ މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް ޓީމަކުން ހޯދި އެންމެ ބޮޑު މޮޅެވެ.
ގަލޮޅު ދަނޑުގައި މިއަދު ބޯވިއްސާރައިގެ ތެރޭގައި ބޮޑުބައި ކުޅެން ޖެހުނު މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީ ވަނީ ފަސް ގޯލު ޖަހައިފަ އެވެ. އަނެއް ތިން ގޯލު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.
ސޮބާހު މުހައްމަދު (ސޮބާ)ގެ ކޯޗުކަމުގައި ކުޅޭ ވިކްޓަރީ މި ވަނީ މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގެ، ގްރޫޕް ސީގައި ވާދަކޮށް، ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވެފަ އެވެ. ފުރަތަމަ މެޗުން ވިކްޓަރީން ވަނީ 3-0 އިން ކްލަބް ޕީކޭ ބަލިކޮށްފަ އެވެ.
ވިކްޓަރީން މި މެޗުގައި ލީޑުނެގީ 11 ވަނަ މިނިޓްގައި އުމެއިރު ބޮލުން ޖެހި ގޯލަކުންނެވެެ. އެ ގޮތުން، ވިކްޓަރީގެ ކިރްގިސްތާން މިޑްފީލްޑަރު، އަނަޓޯލީ ވްލަޝީޗޭފް ނެގި ކޯނަރަކުން އުމެއިރު ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ. މެޗުގެ 27 ވަަނަ މިނިޓްގައި އަނަޓޯލީ ނެގި ހުރަހަކުން، ވިކްޓަރީގެ ދެ ވަނަ ގޯލު ޖެހީ، އެ ޓީމުގެ ބެލަރޫސް ފޯވާޑް، އިވާން ވެރާސް ބޮލުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން، މެޗުގެ 31 ވަނަ މިނިޓްގައި، އިވާން ވަނީ ވިކްޓަރީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ، ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ދިން ބޯޅައަކުން އިވާން ޖެހި ލަނޑެކެވެ.
މެޗުގެ 34 ވަނަ މިނިޓްގައި ވިކްޓަރީން ވަނީ ހަތަރު ވަނަ ލަނޑު ޖަަހައިފަ އެވެ. ހާފުގެ މެދަކާ ހަމައިން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން، ވިކްޓަރީގެ މި ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިޔާ، ފާރޫކް ހައިދަރޯފް އެވެ.

މިއަދުގެ މެޗު ކުޅެން ޖެހުނީ ދަނޑުގެ އެއް ފަރާތުގެ ލައިޓްތައް ދިއްލައިގެން: ގަލޮޅު ދަނޑުގެ ލައިޓްތަކުގެ މައްސަލައިގެ ސަބަބުން، މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅެން ޝެޑިއުލްކޮށްފައިވަނީ ހަވީރު ވަގުތުގައި: އެހެންވެ، މުބާރާތް ދިގުލައިދިއުމުގެ ޝަކުވާ ހުރިހާ ޓީމުތަކުން އަންނަނީ ކުރަމުން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް، އުމެއިރު ވަނީ ވިކްޓަރީގެ ފަސް ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ބޮކުރީ ޖެހި ޝޮޓެއް ލޮރެންޒޯ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުުތު އުމެއިރު ޖެހި ގޯލެކެވެ.
ދެ ވަނަ ހާފް ފެށިގެން ހަ މިނިޓް ތެރޭ އުމެއިރު ވަނީ، އޭނާގެ ތިން ވަނަ ގޯލު ޖަހައި، ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ދެ ވަނަ ހާފްގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އުމެއިރު، މެޗުގައި އެ ޓީމުން ޖެހި ހަ ވަނަ ގޯލު ޖެހީ އިވާން ނެގި ހުރަހަކުން ބޮލުންނެވެ. އުމެއިރަށް، މި މެޗުގައި ހަތަރު ވަނަ ލަނޑެއް ޖަހަން ލިބުނު ފުރުސަތުތަކުގައި ފޮނުވާލި ހަަމަލާތައް ދިޔައީ ގޯލާ ސީދާނުވެ އެވެ.
އެޓޭކިން ހާފުގައި ގިނަ ވަގުތު ބޯޅަ ހިފައިގެން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅުނީ ވިކްޓަރީންނެވެ. މެޗުގެ 67 ވަަނަ މިނިޓްގައި ވިކްޓަރީން ހަތް ވަނަ ލަނޑެއް ޖެހި އެވެ. މިއީ ބަދަލަކަށް ކުޅެން އެރި އިބްރާހިމް ރިޒްހާން (ރިޒްކޯ) ބޮލުން ޖެހި ގޯލެކެވެ. ރިޒްކޯ ބޮލުން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލީ މޫސާ ޔާމީން (ޔާމްބެ) ނެގި ހުރަހަކުންނެވެ.
ވިކްޓަރީން އަށް ވަނަ ގޯލު ޖެހީ މެޗުގެ ފަހު މިނިޓްގަ އެެވެ. މިއީ ކޯނަރަކުން އަނަޓޯލީ ޖެހި ގޯލެކެވެ. އަނަޓޯލީ ނެގި ކޯނަރަށް ވިކްޓަރީގެ އުމެއިރާއި މަހުރޫސް މުޖުތަބާ އެރި ނަމަވެސް އެއިން ކުޅުންތެރިއަކު ގައިގައި ނުޖެހި، ބޯޅަ އަމާޒުވީ ގޯލަށެވެ.
މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ރަނގަޅު މޮޅެއް ހޯދާފައިވަނީ ވިކްޓަރީގެ އިތުރުން މަސްއޮޑި ސްޕޯޓްސް ކްލަބް އެވެ.
ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ކުޅެން އޮތް ފުރަތަމަ މެޗު ވިއްސާރައިގެ ސަބަބުން ވަނީ ކެންސަލްކޮށްފަ އެވެ. އެ ޓީމު ފުރަތަމަ މެޗުގައި ނުކުންނާނީ، އަންނަ ހޮނިހިރު ދުވަހު ޓީނޭޖާ ދެކޮޅަށެވެ. ނިއުގެ ކެންސަލްވި މެޗު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އޮތްއިރު، އެ މެޗު މިހާރު ޝެޑިއުލްކޮށްފައިވަނީ މި މަހު 19 އަށެވެ.












