އަރަބި ކަނޑުން ދަތުރު ކުރަމުންދަނިކޮށް ބަޔަކު ހައިޖެކް ކުރުމަށް މަސައްކަތް ކުރި ލައިބީރިއާގެ ބޯޓަކަށް އިންޑިއާ ސިފައިން އަރައި އޭގައި ތިބި ހުރިހާ އެންމެން ސަލާމަތްކޮށްފި އެވެ.
އިންޑިއާ ނޭވީން ބުނީ 21 ފަޅުވެރިންނާ އެކު އަރަބި ކަނޑުގައި ދަތުރު ކުރަމުންދިޔަ އެމްވީ ލީލާ ނޯފޯލްކް އިން، ސޯމާލިއާގެ އައްސޭރިއާ ހަމައިން އެހީގެ ސިގުނަލު ފޮނުވަން ފެށި ކަމަށެވެ. އެ ސިގުނަލު ލިބުމާއެކު އެ ބޯޓު ސަލާމަތް ކުރުމުގެ މަސައްކަތް ފެށި ކަމަށް އިންޑިއާ ނޭވީން ބުންޏެވެ. އެ ބޯޓު ސަލާމަތް ކުރިއިރު، ފަޅުވެރިންގެ ގޮތުގައި އޭގައި 15 އިންޑިއާ ރައްޔިތުން ތިއްބެވެ.
އެ ބޯޓުގައި ތިބި ފަޅުވެރިން ސަލާމަތް ކޮށްފައި ވަނީ އިންޑިއާގެ އަސްކަރީ މަނަވަރު، އައިއެންއެސް ޗެންނާއީ އާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ބޭނުން ކޮށްގެން ކަމަށެވެ.
އިންޑިއާގެ މަނަވަރު އެމްވީ ލީލާއާ ގާތް ކުރުމުގެ ކުރިން އެ ބޯޓުގެ މަތިން އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓު އުދުއްސައި ހާލަތު ދެނެގަތުމަށްފަހު އިންޒާރު ދިން ކަމަށް އިންޑިއާ ނޭވީން ބުންޏެވެ.
އެމްވީ ލީލާއިން ވަނީ ބަޔަކު އެ ބޯޓަށް އަރައި ހައިޖެކް ކުރަން އުޅޭ ކަމަށް ބުނެ އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް ޕޯޓަލްއަށް ވެސް އެހީއަށް އެދި މެސެޖެއް ފޮނުވައިފަ އެވެ. އެ ބޯޓަށް ހަތިޔާރު އެޅި ހައެއްކަ މީހުން އަރާފައިވާ ކަމަށް އެ މެސެޖުގައި ބުނެފައިވެ އެވެ.
ނަމަވެސް އިންޑިއާގެ ނޭވީން ބުނީ އެ ބޯޓަށް އިންޑިއާ ސިފައިން އަރައި ބެލި ބެލުމުން އެ ބޯޓުން ހަތިޔާރު އެޅި ބަޔަކު ފެނިފައި ނުވާ ކަމަށާއި އެ ބޯޓު ހައިޖެކް ކުރަން އުޅުނު މީހުން އެ ހިޔާލު ދޫކޮށްލައި ބޯޓުން ފޭބި ކަމަށް ލަފާ ކުރެވެނީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އިންޑިއާގެ މަތިންދާ ބޯޓުން ދިން އިންޒާރުގެ ސަބަބުން ކަމަށެވެ.
އެމްވީ ލީލާ ހައިޖެކް ކުރުމަށް ބަޔަކު މަސައްކަތް ކުރިއިރު، އެ ބޯޓު ދަތުރު ކުރަމުންދިޔައީ ބަހުރޭނަށެވެ.
އިންޑިއާއިން އަރަބިކަނޑާއި ރަތްކަނޑު ބެލެހެއްޓުމުގެ މަސައްކަތް ފުޅާ ކޮށްފައި ވަނީ އިންޑިއާ ކަނޑުން ދަތުރު ކުރަމުންދިޔަ އުޅަނދަކަށް ޔަމަނުގެ ބޮޑުބައެއްގެ މައްޗަށް ވެރިކަން ކުރާ ހޫތީން ހަމަލާދިނުމުންނެވެ.
އިންޑިއާއިން ވަނީ ރަތްކަނޑުގެ އަމަން ބެލެހެއްޓުމަށް ކަމަށް ބުނެ އެގައުމުގެ އަސްކަރީ މަނަވަރުތައް ވެސް ރަތްކަނޑަށް ފޮނުވައިފަ އެވެ.










