ނަފުސުގެ އިއްޒަތަކީ މުނާފިގުން ދަންނަ އެއްޗެއް ނޫން

ނަފުސުގެ އިއްޒަތަކީ މުނާފިގުން ދަންނަ އެއްޗެއް ނޫން

ލާރިއަށް ހަށިވިއްކާ އުޅުމަކީ ވަރަށް ހަޑި އަދި ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި ތަހުޒީބު ކޮންމެ މުޖުތަމައެއްގައި ގަބޫލުކުރެވިފައި އޮވެ އެވެ. އަދި ތަހުޒީބު ނޫން ވަރަށް ގިނަ މުޖުތަމައުތަކުގައި ވެސް އެކަމަކީ ވަރަށް ހަޑި ކަމެއްގެ ގޮތުގައި ނުވަތަ އެންމެ ކުޑަމިނުން ލަދުވެތި ކަމެއްގެ ގޮތުގައި ބެލެވިފައިވެ އެވެ. އާންމުކޮށް ހަށިވިއްކާ ކަމަށް މަޝްހޫރު ބައެއް ގައުމުތަކުގައި ވެސް ހަށިވިއްކުން އޭގެ ޒާތުގައި ރީތި ކަމެއްގެ ގޮތުގައި ބަލައިގަނެވިފައި ނުވެ އެވެ. އަހަރެމެންގެ މި ދިވެހިރާއްޖޭގައި ވެސް ހަށިވިއްކުން ވެފައި އޮތީ ބަލައި ނުގަނެވޭ ކަމަކަށެވެ. އަދި ކިއެއްތޯ އެވެ. ދެ ޖިންސުގެ ދެމެދުގައި ލާރިއާ ނުލައިވެސް ހަލާލެއް ހަރާމެއް ނުބަލާ ހިނގާ އެބާވަތުގެ މަންޒަރުތައް ދައްކުވައިދޭ ވެބްސައިޓްތައް ވެސް އަހަރެމެންގެ ރާއްޖޭގައި މިހާރު މުޅިން މަނަލެވެ.

އާދޭހެވެ! ހަށިވިއްކުމުގައި ހުރި ހުތުރުކަމާއި އެކަމުގެ ނުބައިކަމާއި، އެކަމުގެ ފާފައިގެ ބޮޑުކަމާއި، އެކަމުގެ ސަބަބުން މުޖުތަމައުއަށް ހުރި ނުރައްކަލާއި މުޖުތަމައުގެ އިޖުތިމާއީ ބަލިތައް އަދި ކިއެއްތޯ ހަމަ އަސްލު ބަލިތައް ވެސް އިތުރުވެގެންދާނެ މިންވަރު އަޅުގަނޑު ކިޔައިދޭކަށް ކޮންމެހެންނަކުން ނުޖެހެ އެވެ.

ދަންނަވަންތޯ އެވެ! ތިމާގެ ހަށިގަނޑުން އެއްބައި ވިއްކުން އެހާ ހަޑިވެފައި ހުތުރުވެފައި، އެހާ ދަށް ކަމަކަށް ވާއިރު، މުޅި ތިމާ މީހާ އެކުގައި ވިކިގެން ދިއުމަކީ ހުތުރުކަމަކަށް ނުވާނެ ގޮތަކީ ކޮބައިތޯ އެވެ؟ އިންސާނުން ހައިވާނުންނާ ވަކިކުރެއްވުނީ އިންސާނާއަށް ދެއްވި ބުއްދީގެ ނިއުމަތުންކަމަށް ވާއިރު، އޭނާގެ ހަމަ ބުއްދިއަށް ފެންނަ ގޮތް ބޮލާލައި ޖެހުމަށް ފަހު އަދި އަމުދުން އެކަން އެހެން ކުރަނީ މަދު ލާރިކޮޅެއްގެ ބަދަލުގައިކަމަށްވާނަމަ، އޭނާގެ ހުރި އިންސާނީ އަގަކީ ކޮބައި ހެއްޔެވެ؟ ހިތަށް އަންނަނީ އަޢުރާފު ސޫރަތުގެ 179 ވަނަ އާޔަތެވެ. "...އެ ހިތްތަކުން ނުވިސްނާ ހިތްތަކެއް އެމީހުންނަށްވެ އެވެ. އަދި އެ ލޯތަކުން ނުފެންނަ ލޯތަކެއް އެމީހުންނަށްވެ އެވެ. އަދި އެ ކަންފަތްތަކުން ނީވޭ ކަންފަތްތަކެއް ވެސް، އެމީހުންނަށްވެ އެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދަ އެވެ. .."

ލާރިކޮޅަކަށް ވިކިގެންދަނީ، ރައްޔިތުންގެ ބަޔަކާމެދު ވައުދުވެ އިގުރާރެއްވެގެން، އަހުދުވެ ހުވަޔެއް ކޮށްގެން އެބައިމީހުންގެ މަންދޫބެއްގެ ގޮތުގައި ހުރި މީހެއްނަމަ، އޭނާގެ ހުރި އަމާނާތްތެރިކަމާއި ތެދުވެރިކަމުގެ އަގަކީ ކޮބާހެއްޔެވެ؟ ކިއެއްހޭ އޭނާގެ ހުރި އިންސާނެއްގެ ކަރާމަތަކީ ފަހެ ކޮބާހެއްޔެވެ؟

އިންސާނުން ކަރާމާތްތެރިކުރައްވައި މާތް ކުރައްވައި، އެކަން ބަޔާންކޮށްދެއްވައި، އަލްއިސްރާއު ސޫރަތުގެ 70 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވެ އެވެ. "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމުގެ ދަރިން މާތްކުރެއްވީމެވެ. އަދި އެމީހުން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެމީހުންނަށް ރަނގަޅު ތަކެތިން ރިޒުޤުދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެމީހުން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ." މިގޮތުގެ މަތީން މަތިވެރިކުރެވި، މާތްކުރެވިފައިވާ އިންސާނާ، އޭނާގެ އަވަށްޓެރި އޭނާގެ ރަށު މީހުން އޭނާގެ ދާއިރާ މީހުން އެބައިމީހުން ދެކޭގޮތުގެ މައްޗަށް ވަކާލާތުކުރުމަށް އިޚްތިޔާރުކޮށް އެބައިމީހުންގެ އެންމެންގެ އިއްޒަތުން ބައިއަޅައި، އިއްޒަތްތެރިއަކުކަމުގައި ހަދައިދީ، އިންތިހާބު ކުރުމުން، އެހުރިހާ ކަމެއްގެ މައްޗަށް އަމިއްލަ އެދުންވެރިކަން އިސްކޮށް ދެންނެވުނު ރައްޔިތުންގެ އިއްޒަތްތެރިކަމުން ތިމާއަށް ލިބުނު ބައި ވިއްކާލާ މީހެއްގެ އިންސާނީ ކަރާމަތެއް އެބައޮތްތޯއެވެ؟

ނިކަން މާތް ނަބިއްޔާ ހަދީސް ބަސްފުޅަށް ވިސްނަވާށެވެ! ހަދީސް ކުރެއްވި އެވެ. މާތް ﷲ ޤުދުސިއްޔަ ހަދީސްގައި ވަހީކުރެއްވި އެވެ. ތިމަންރަސްކަލާނގެ ގިޔާމަތްދުވަހުން ތިންމީހެއްގެ ހަސްމުންގެ ގޮތުގައި ވޮޑިގެންވާހުށީމެވެ. އެއްވެސް ކަމަކަށް ތިމަންރަސްކަލާނގެ ނަންފުޅުގައި އަހުދުވުމަށްފަހު ހިޔާނާތްތެރިވެއްޖެ މީހެކެވެ. އަދި މިނިވަނަކު ވިއްކާލުމަށްފަހު އޭގެ އަގު ކާލައިފި މީހެކެވެ. އުޖޫރައަށް މީހަކުލައްވާ މަސައްކަތްކުރުވުމަށްފަހު އޭނާގެ އުޖޫރަ ނުދިން މީހެކެވެ.

ނިކަންވިސްނާށެވެ! އިންތިހާބުވެފައިތިބޭ މަގާމުތަކުގައި ތިބޭ މީހުންނަކީ މާތް ﷲ ގަންދީފައި އަހުދެއްކޮށްގެން ހުވަޔެއް ކޮށްގެންތިބޭ ބަޔެކެވެ. އެބައިމީހުން އެބައިމީހުންގެ އިންތިހާބުގެ ކުރިޔަށް ރައްޔިތުންގެ ގާތުގައި ކުރާ ވައުދުތަކާއި ދައްކާ ވާހަކަތަކާ ހިލާފަށް ފަހުން އަމަލުކުރުމަކީ މާތް ﷲ ގެ ނަންފުޅުގައި ވެގެންތިބި އަހުދަށް ކަނޑައެޅިގެން ބޭވަފާތެރިވުމުގެ ނުބައި ފާފަ އެވެ. ބަޔާންކުރެވުނު ހަދީސްގައި މިނިވަނަކު ވިއްކާލުން އެވަނީ ހަރާންކުރައްވާފަ އެވެ. އިންތިހާބުކުރެވިފައިވާ މީހަކު ވިކޭނަމަ، އެވިއްކާލަނީ އޭނާގެ މިނިވަން ނަފުސުގެ އިތުރުން، ދާއިރާގެ މިނިވަން ރައްޔިތުން ވެސްމެއެވެ. އެހެން ނޫންތޯއެވެ. އެއަށް ފަހު ލިބޭ ލާރި ކައިފިނަމަ، ދުނިޔޭގައި ސަލާމަތްވިޔަސް އާހިރަތުގައި މާތް ﷲ އޭނާގެ ހަސްމެއްގެ ގޮތުގައި ވޮޑިގެންވާނެއެވެ.

ކުރިންވެސް ދެންނެވިހެން އިންސާނާ ވަނީ މާތްކުރައްވައި މަތިކުރައްވާފައެވެ. އިންސާނާއަކީ ބިމުގައި ލައްވާފައިވާ މާތް ﷲ ގެ ޚަލީފާ އެވެ. އެއިންސާނާ އެއްވެސް ދެރަކަމެއް ނިކަމެތިވެގަތުމެއް އިހްތިޔާރުކުރުން އިސްލާމްދީން ހުއްދައެއްނުކުރެ އެވެ. ތިމާ މީހާ އެކުގައި ތިމާ ފަދަ އަނެއް އިންސާނާއަށް ވިކިގެން ދިއުމަށްވުރެ ބޮޑު ނިކަމެތިވެގަތުމަކީ ކޮބައިތޯ އެވެ؟

އާދޭހެވެ! ނަފުސުގެ އަގާއި އިއްޒަތަކީ ދެފުށްދެގޮތް މުނާފިގުންނަށް މާތް ﷲ ނިއުމަތްކުރައްވާ އެއްޗެއް ނޫނެވެ. އެކަން އެނގެނީ އަލްމުނާފިޤޫން ސޫރަތުގެ 8 ވަނަ އާޔަތުންނެވެ. "...އިއްޒަތް ވަނީ، ﷲ އަށެވެ. އަދި އެކަލާނގެ ރަސޫލާ އަށާއި، މުއުމިނުންނަށެވެ. އެހެނެއްކަމަކު މުނާފިޤުންނަކަށް (އެކަމެއް) ނޭނގެ އެވެ. " އާދޭހެވެ. އިއްޒަތްތެރިކަމާއި ނަފުސުގެ އަގަކީ މުނާފިގުން ދަންނަ އެއްޗެއް ނޫނެވެ.

އަލްމާއިދާ ސޫރަތުގެ 62 ވަނަ އާޔަތް އަޅުގަނޑުމެން ކިޔަވާއުޅޭނެ ނަމަ އެވެ. " އޭގެތެރެއިން ގިނަމީހުން ފާފަވެރިވުމާއި، ދެކޮޅުވެރިވުމާއި، ހަރާން މުދާ ކެއުމަށް އަވަސްވެގަންނަތަން، ކަލޭގެފާނު ދެކެވަޑައިގަންނަވާނެ އެވެ. އެއުރެން ކޮށްއުޅުނު އަމަލުތަކުގެ ނުބައިކަމާ އެވެ!"

ދަންނަވަންތޯ އެވެ؟ ރިޝްވަތު ދިނުމާއި ހިފުމަކީ އޭގެ ސަބަބުން މުޖުތަމައުގެ އަހުލާގު އެކީއެކަށް ނެތިގެއްލިގެންދާނެ ކަމެކެވެ. ރިވެތި ނަމޫނާތައް ނެތިދާނެ ކަމެކެވެ. މުޖުތަމައުގެ ފަރުދުންގެ މެދުން އިތުބާރު ލުހި އުފުރިގެންދާނެ ކަމެކެވެ. ސިޔާސީ ބާރުތައް ބަލިކަށިވެ މުޖުތަމައު ބައިބައިވެ މުޖުތަމައުގެ ތެރޭގައި ނަފުރަތާއި ހަސަދަ ނޫން އެއްޗެއް ފެތުރިނުދާނެ ސަބެބެކެވެ. އެހެންވެގެން މާތް ނަބިއްޔާ ރިޝްވަތު ދޭ މީހާއަށާއި ރިޝްވަތު ހިފާ މީހާއަށް ލައުނަތް ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox