ކްލަބް ޕީކޭ އަތުން 3-0 އިން މޮޅުވެ، ވިކްޓަރީ ސްޕޯޓްސް ކްލަބުން މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފި އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗަށް ވިކްޓަރީ އާއި ޕީކޭ އިން ނެރުނު ފުރަތަމަ އެގާރަ އަށް ބަލާއިރު، ދެ ޓީމުގައި ވެސް ގިނައީ ފުރަތަމަ ޑިވިޝަނުގައި މީގެ ކުރިން ގަވާއިދުން ކުޅެފައިވާ ކުޅުންތެރިންނެވެ. ތަޖުރިބާގެ ގޮތުން ބެލިޔަސް، މި ދެ ޓީމުގައި ތިބި ކުޅުންތެރިންގެ ނަން ފާހަގަކުރަން ޖެހެ އެވެ.
ކޯޗު ސޮބާހު މުހައްމަދު އިބްރާހީމް (ސޮބާ)ގެ ބެލުމުގެ ދަށުން ވިކްޓަރީ މި ފަހަރުގެ ސީޒަނަށް ދުރާލައި ތައްޔާރުވީ ރަނގަޅު ސްކޮޑެއް ތައްޔާރުކޮށްގެންނެވެ. އަދި އެ ޓީމަކީ އެންމެ ކުރިން މި ފަހަރުގެ ދެ ވަނަ ޑިވިޝަނަށް ތައްޔާރުވި ޓީމު ވެސް މެ އެވެ.
ވިކްޓްރީން ލީޑުނެގީ މެޗުގެ 35 ވަނަ މިނިޓްގައި ކިރްގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވްލަސީޗޭފް ޖެހި ގޯލުންނެވެ. ކުރިން ފުރަތަމަ ޑިވިޝަނުގައި ޓީސި ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅުނު އަނަޓޯލީ މި ލަނޑު ޖެހީ، ވިކްޓަރީގެ ސާބިއާ ފުލްބެކް، މިލޯސް ކޮވަސެވިޗް ދިން ބޯޅައަކުންނެވެ. ކުރިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޔޫވީ އަށް ކުޅުނު މިލޯސް ނެގި ހުރަހަކަށް އަރައި، އަނަޓޯލީ ޖެހި ޝޮޓް އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.

ވިކްޓަރީގެ އުމެއިރު (ކ) މިއަދުގެ މެޗުގެ ތެރެއިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: ސިޑިބަރި
ފުރަތަމަ ހާފު އެއް ގޯލުގެ ލީޑެއްގައި ނިންމާލި ވިކްޓަރީން ވަނީ ދެ ވަނަ ހާފުގައި ދެ ގޯލު ޖަހައިފަ އެވެ. ވިކްޓަރީގެ މުހައްމަދު އުމެއިރު އަށް ވެސް މި މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިފައިވެ އެވެ.
ވިކްޓަރީން ލީޑުފުޅާކުރި ލަނޑު ޖެހީ މެޗުގެ 55 ވަނަ މިނިޓްގަ އެވެ. މިއީ ޕެނަލްޓީ އަކުން ވިކްޓަރީގެ ފާރޫކް ހައިދަރޯވް ޖެހި ގޯލެކެވެ. މި ޕެނަލްޓީ ދިނީ ޕީކޭ އޭރިއާތެރެއިން އެ ޓީމުގެ ހަސަން އިބްރާހިމް ވިކްޓަރީގެ އިބްރާހިމް ރިޒްހާން އަށް ފައުލުކުރުމުންނެވެ.
މެޗުގެ 75 ވަނަ މިނިޓްގައި ވިކްޓަރީގެ ފަހު ގޯލު ޖެހީ ބެލަރޫސްގެ ފޯވާޑް އިވާން ވެރާސް އެވެ. ކުރިން ފުރަތަމަ ޑިވިޝަނުގައި ޔޫވީ އަށް ކުޅުނު އިވާން މި މެޗުގައި ކުޅެން ނުކުތީ ބަދަލަކަށެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅަ އިވާން ބޮލުން ފޮނުވާލުމުން އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު، ކުޅުނު މެޗުން ބީޖީ ސްޕޯޓްސް ކްލަބް އަތުން ޓެންޓް ސްޕޯޓްސް ކްލަބް މޮޅުވީ 1-0 އިންނެވެ.
މުބާރާތުގައި ދެން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ. އެ ދުވަހު، 3:50 ގައި ފަށާ މެޗުގައި ޖޭޖޭ ސްޕޯޓްސް ކްލަބް ކުޅޭނީ ކުޑަހެންވޭރު ޔުނައިޓެޑާ އެވެ.












