ލަންޑަން (ޑިސެމްބަރު 28) - ޖަރުމަނުގެ ބަޔާން މިއުނިކް އަށް ކުޅެމުން އަންނަ ނެދަލަންޑްސްގެ ޒުވާން ޑިފެންޑަރު މަތައިސް ޑި ލީޓްގެ ސޮއި ހޯދަން އާސެނަލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަނީ ދާދި ފަހުން އާސެނަލްގެ ސްކޮޑަށް ބަދަލުތަކެއް ގެންނަން ބޭނުންވާކަން ހާމަކޮށްފަ އެވެ. އާޓެޓާގެ ޕްލޭންގައި މި ވަގުތު އެ ޓީމަށް ގެނައުމަށް އެންމެ ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ޑި ލީޓް ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އާސެނަލުން މިހާރު ބަލަމުން އަންނަނީ ބަޔާނުން ޑި ލީޓް ވިއްކާނެ އަގަކަށެވެ. ބެލެވޭ ގޮތުގައި ބަޔާނުން ޑި ލީޓް ވިއްކާނެނަމަ ވިއްކާނީ ބޮޑު އަގުގައި ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް އާސެނަލުން އޮތީ ބޮޑު އަގުގައިވިޔަސް ޑި ލީޓްގެ ސޮއި ހޯދަން ތައްޔާރަށެވެ.
ޑި ލީޓް ބަޔާން ދޫކޮށްފައި ދާނަމަ އެ ޓީމުން އޮތީ މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ރަފައެލް ވަރާންގެ ސޮއި ހޯދަން ތައްޔާރަށެވެ. އެގޮތުން ޑި ލީޓްއާ ވާހަކަ ދެއްކުމަށްފަހު ވަރާންގެ ސޮއި ހޯދުމުގެ މަސައްކަތް ބަޔާނުން ވަރަށް އަވަހަށް ފަށާނެކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެ ގޮތުން ވަރާން ހޯދަން ބަޔާނުން އޮތީ 22 މިލިއަން ޑޮލަރު ހޭދަކުރަން ތައްޔާރަށެވެ.
އަޔަކްސް އިން 2016 ވަނަ އަހަރު ކެރިޔަރު ފެށި ޑި ލީޓް ވަނީ އެ ކުލަބަށް ކުޅެދިން 112 މެޗުގައި 12 ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެކަމަކު, 2019 ވަނަ އަހަރުގެ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި ޑި ލީޓް ވަނީ އަޔަކްސް ދޫކޮށް އިޓަލީގެ ގަދަ ބާރު ޔުވެންޓަސްއަށް ސޮއި ކޮށްފަ އެވެ. އަދި ޔުވެންޓަސްގައި ކާމިޔާބު ތިން ސީޒަން ހޭދަކުރުމަށްފަހު ޑި ލީޓް ބަދަލުވީ ބަޔާން އަށެވެ.












