ލަންޑަން (ޑިސެމްބަރު 26) - މެންޗެސްޓާ ސިޓީން ހޯދަމުން އަންނަ ކާމިޔާބީތަކަށް ހައްގުވާ ވަރުގެ ތައުރީފެއް އެ ޓީމަށް ނުލިބޭ ކަަމަށް ސިޓީގެ އިނގިރޭސި މިޑްފީލްޑަރު ފިލް ފޯޑެން ބުނެފި އެވެ.
ދާދި ފަހުން ސިޓީން ވަނީ ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ސިޓީ އަކީ ކްލަބް ވޯލްޑް ކަޕް ތަށި އުފުލާލި އިނގިރޭސި ހަތަރު ވަނަ ޓީމެވެ. މީގެ ކުރިން، ލިވަޕޫލް، ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑުން ވަނީ އެކަން ހާސިލްކޮށްފަ އެވެ. އެކަމަކު، ސިޓީގެ މި ކާމިޔާބީ ހާއްސަވަނީ އެ ޓީމުން ކަލަންޑަރު އަހަރެއްގައި ފަސް ތަށި އުފުލާލި އިނގިރޭސި ފުރަތަމަ ޓީމަކަށް ވުމެވެ. ސިޓީން ވަނީ މިިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު، ޗެމްޕިއަންސް ލީގު، އެފްއޭ ކަޕްގެ އިތުރުން ޔުއެފާ ސުޕަ ކަޕް ޗެމްޕިއަންކަން ހޯދައިފަ އެވެ.
ސިޓީގެ މި ކާމިޔާބީގައި ފޯޑެންގެ ހިއްސާ ވެސް ބޮޑެވެ. އިނގިރޭސި މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ފޯޑެން ބުނީ ކްލަބެއްގެ ގޮތުގައި ސިޓީން ލިބޭ ކޮންމެ ކާމިޔާބަކަށް ފަހު ކުރިއެރުން ހޯދަމުން އަންނަ ކަމަށެވެ.
"އަހަރެމެން ސިޓީގައި މި ކުރާ މަސައްކަތަކީ އެއް މެޗަކަށް ވުރެ އަނެއް މެޗު ރަނގަޅުކުރުން. އެއް މުބާރާތަށް ވުރެ އަނެއް މުބާރާތުގައި ނަތީޖާ ރަނގަޅުކުރުން. މި އަހަރު ފަސް މުބާރާތް މި ކާމިޔާބުކުރީ، އެކަމަކު، ހިއެއް ނުވޭ، ލިބެން ޖެހޭ ވަރުގެ ކްރެޑިޓެއް މި ކަމުގައި ވެސް ލިބޭހެން، ސިޓީ އަބަދުވެސް ޖެހެނީ މޮޅުވާން،" ފޯޑެން ބުންޏެވެ.
ސިޓީ އަށް އޮތް ކޮންމެ މެޗަކުން މޮޅުވުމުގެ ޗެލެންޖަކީ އެ ޓީމުގެ ކުޅުންތެރިންނަށް ޕްރެޝަރަކަށް ވުމުގެ ބަދަލުގައި ފޯޑެން ދެކޭ ގޮތުގައި އެއީ، އަމިއްލަ އަށް ކުޅުންތެރިއެއްގެ ގޮތުގައި ޑިވެލޮޕްވާން ލިބޭ ފުރުސަތެކެވެ.
ސިޓީން ދެން އެންމެ އަވަހަށް ކުޅޭ މެޗަކީ މާދަމާރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ރަށުންބޭރުގައި އެވަޓަންއާ ކުޅޭ މެޗެވެ. ސިޓީ މި ވަގުތު ލީގުގެ ފަސް ވަނައިގައި އޮތީ 17 މެޗުން ލިބިފައިވާ 34 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އޮތް އާސެނަލަށް 18 މެޗުން ވަނީ 40 ޕޮއިންޓް ލިބިފަ އެވެ.













