މުމްބާއީ، އިންޑިއާ (ޑިސެމްބަރު 25) - މަޝްހޫރު ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ އެންމެ ކާމިޔާބު އެއް ކެޕްޓަން، މުމްބާއީ އިންޑިއަންސްގެ ރޯހިތު ޝަރްމާ އަތުން އެ ޓީމުގެ ކެޕްޓަން ބޭންޑް ނަގާކަން އޭނާ އަށް މި ފަހަރުގެ އައިީސީސީ އޯޑީއައި ކްރިކެޓް ވޯލްޑް ކަޕްގެ ކުރިން އެންގި ކަމަށް މުމްބާއީ އިންޑިއަންސްގެ އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
ދިހަ އަހަރު ދުވަހު، މުމްބާއީ އިންޑިއަންސްގެ ކެޕްޓަންކަން ކުރި ރޯހިތު އަތުން އެ ޓީމުގެ ކެޕްޓަން ބޭންޑް ނަގައި، އެ ޒިންމާ ހަވާލުކޮށްފައިވަނީ ކުރިން މުމްބާއީ އިންޑިއަންސް އަށް ކުޅެ، އެންމެ ފަހުން ދެ ސީޒަނުގައި ގުޖުރާތު ޓައިޓަންސް އަށް ކުޅުނު، ހާޑިކް ޕާންޑްޔާއާ އެވެ. ހާޑިކް ޕާންޑްޔާގެ ކެޕްޓަންކަމުގައި މިދިޔަ ދެ އަހަރު ގުޖުރާތުން ފައިނަލުގައި ކުޅެ، އެއް ފަހަރު ތަށި ހޯދި އެވެ.
މުމްބާއީ އިންޑިއަންސް ކެޕްޓަންކަން ރޯހިތު އަތުން ނެގީ އޭނާ އަށް އެކަމާ ބެހޭ މައުލޫމާތު ރަނގަޅަށް ނުދީ ކަމަށް ދޭހަވާ މޭރުމަކުން އޭނާ ވަނީ މީޑިއާގައި ވާހަކަ ދައްކައިފަ އެވެ. އެ އަށް ސީދާ ރައްދެއް މުމްބާއީ އިންޑިއަންސް އިން ނުދެ އެވެ. އެކަމަކު، ދާދި ފަހުން އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މުމްބާއީ އިންޑިއަންސް އިން ވަނީ މި ފަހަރުގެ ކްރިކެޓް ވޯލްޑް ކަޕްގެ ކުރިން، ރޯހިތަށް މުމްބާއީ އިންޑިއަންސްގެ ކެޕްޓަންގެ މަގާމު ބަދަލުވާނެ ކަމަށް ބުނެފަ އެވެ.
އެ ގޮތުން، ހާޑިކް ޕާންޑްޔާ، ގުޖުރާތު ދޫކޮށްލައި ކުރީގެ ކްލަބް، މުމްބާއީ އިންޑިއަންސް އަށް އެނބުރި އަންނަން ކުރި ޝަރުތަކީ ކެޕްޓަން ބޭންޑް އޭނާ އަށް ދިނުމަށެެވެ. މުމްބާއީ އިންޑިއަންސް އިން އެ އަށް އެއްބަސްވެ، ހާޑިކް ޕާންޑްޔާ ޓީމަށް ގެނައީ އެވެ.
ހާޑިކް ޕާންޑްޔާ ވަނީ 2016 އިން ފެށިގެން 2021 އަށް މުމްބާއީ އިންޑިއަންސް އަށް ކުޅެފަ އެވެ. އަލުން އެނބުރި އައުމަށް ފަހު، ހާޑިކް ޕާންޑްޔާ ބުނީ އޭނާގެ ކްރިކެޓް ކެރިއަރުގައި އަބަދުވެސް މުމްބާއީ އިންޑިއަންސް ހާއްސަވާނެ ކަމަށެވެ.
އައިއިޕީއެލްގެ އެންމެ ކާމިޔާބު ދެ ޓީމަކީ ޗެންނާއީ ސުޕަ ކިންގްސް އާއި މުމްބާއި އިންޑިއަންސް އެވެ. ދެ ޓީމުން ވެސް ވަނީ ފަސް ތަށި ހޯދައިފަ އެވެ. މުމްބާއީ އިންޑިއަންސްގެ ކާމިޔާބީގައި އެންމެ އިސް ދައުރެއް އަދާކުރި އެއް ކުޅުންތެރިއަކީ، އެންމެ ފުރަތަމަ 2013 ވަނަ އަހަރު ކެޕްޓަނަކަަށް ހަމަޖެއްސި ރޯހިތު އެވެ. މުމްބާއީ އިން ފަސް ތަށި ހޯދިއިރު، ވެސް ޓީމުގެ ކެޕްޓަނަކީ، ރޯހިތު އެވެ.
މުމްބާއީ އިންޑިއަންސްގެ ގްލޯބަލް ހެޑް އޮފް ޕާފޯމަންސް، މަހޭލާ ޖަޔަވަރްދަނޭ, ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މުމްބާއީ އިންޑިއަންސް އަކީ އަބަދުވެސް ވަރަށް ތަފާތު ކެޕްޓަނުންނާ އެކު މަސައްކަތް ކުރި ކްލަބެއް ކަމަށެވެ.
އެ ގޮތުން، ސަޗިން ޓެންޑުލްކަރު އާއި ހަރްބަޖަން ސިންގް އަދި ރިކީ ޕޮންޓިން އަށް ފަހު، ރޯހިތު އެ މަގާމަށް ހަވާލުވެ، ފަސް އައިޕީއެލް ތަށި ހޯދުމަކީ ރޯހިތުގެ ލެގަސީ ކެޕްޓަނެއްގެ ގޮތުގައި ތަފާތުކަން ދައްކައިދޭ ރަމްޒެއް ކަމަށް މަހޭލާ ވަނީ ބުނެފަ އެވެ.
އެކަމަކު، މި ވަގުތު މުމްބާއީ އިންޑިއަންސް އަށް އާ ލީޑަރެއް ބޭނުންވާތީ، އެ ކްލަބްގެ ނިންމުމަކީ މިހާރު އައިޕީއެލްގައި އެންމެ ފޯމުގައި ހުރި އެއް ޒުވާން ކެޕްޓަން، ހާޑިކް ޕާންޑްޔާއާ އެކު ކުރިއަށް ދިއުން ކަމަށް މަހޭލާ ބުނެފައިވެ އެވެ.












